އުމުރުން 59 އަހަރުގައި ކިންގް ކަޒޫ ޖެހި ލަނޑާއެކު ދުނިޔޭގެ ސަމާލުކަމަށް
ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިޔާ، ޖަޕާނުގެ ލެޖެންޑް ކަޒުޔޯޝީ މިއުރާ (ކިންގް ކަޒޫ) ގާތްގަނޑަކަށް 4 އަހަރަށްފަހު އޭނާގެ ފުރަތަމަ ރަސްމީ ލަނޑު ކާމިޔާބުކޮށް އަނެއްކާވެސް ދުނިޔޭގެ ސަމާލުކަން ހޯދައިފިއެވެ. އުމުރުން 59 އަހަރާއި 149 ދުވަސްވީ މިއުރާ މި ލަނޑު ކާމިޔާބުކުރީ އެމްޕަރަރސް ކަޕުގައި އިވާކީ ފުރުކާވާ އަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ފުކުޝިމާ ޔުނައިޓެޑް މޮޅުވި މެޗުގައެވެ. މެޗުގެ 52 ވަނަ މިނެޓުގައި ފުކުޝިމާގެ 5 ވަނަ ލަނޑު މިއުރާ ޖެހީ ޕެނަލްޓީ އޭރިއާ ތެރެއަށް ޓީމުގެ ކުޅުންތެރިއަކު ތަނަވަސްކޮށްދިން ފުރުޞަތެއްގައި އެއްފަހަރުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. އުމުރުން 59 އަހަރުގައި ޖެހި ލަނޑާާއެކު ކިންގް ކަޒޫ އުފާފާޅުކުރަނީ-- މި ލަނޑާއެކު ދަނޑުމަތީގައި ތިބި ކުޅުންތެރިންނާއި ބެންޗުގައި ތިބި އޮފިޝަލުން ވަރަށް ބޮޑަށް އުފާފާޅުކުރިއެވެ. މި ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ތަޖުރިބާކާރު ފޯވާޑް ވަނީ ބަދަލުކޮށްފައެވެ. މިއީ ނޮވެމްބަރު 2022 ގައި ސުޒުކާ ޕީޖީ (މިހާރުގެ އެތުލެޓިކޯ ސުޒުކާ) އަށް ކުޅުނުއިރު ލަނޑު ޖެހިފަހުން، ރަސްމީ މެޗެއްގައި މިއުރާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. ޖަޕާނުގެ ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މިއުރާ، މިހާރު ތައްޔާރުވަމުންދަނީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގެ 42 ވަނަ ސީޒަނަށެވެ. އެއީ ތިންވަނަ ޑިވިޝަނުގެ ފުކުޝިމާ ޔުނައިޓެޑާއެކު އޭނާ ހަދާފައިވާ ލޯނު އެއްބަސްވުން 2027 ގެ ޖޫން މަހުގެ ނިޔަލަށް އިތުރުކުރުމާ ގުޅިގެންނެވެ. މިދިޔަ ޑިސެމްބަރު މަހު ޔޮކޮހާމާ އެފްސީން ފުކުޝިމާއާ ގުޅުނު މިއުރާ، މިއަހަރުގެ ކުރު ސީޒަނުގައި ވަނީ ހަ މެޗު ކުޅެފައެވެ. ޖަޕާނުގެ ޕްރޮފެޝަނަލް ލީގުތަކުގެ ތާވަލަށް އަންނަ ބަދަލުތަކާއެކު، އުމުރުން 60 އަހަރާ ގާތްވިއިރު ވެސް މިއުރާ ފެންނާނީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ފަދަ ނަމޫނާ ކުޅުންތެރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ