މެދުކެނޑުމަކަށް ފަހު އައްޑޫ ނޭޗާ ޕާކު އަލުން ހުޅުވާލައިފި

ހަތަރު މަސް ދުވަހުގެ މެދު ކެނޑުމަކަށްފަހު އައްޑޫ ނޭޗަރ ޕާކުން ޚިދުމަތް ދޭން ފަށައިފިއެވެ.
އައްޑޫ ނޭޗަރ ޕާކުގެ ޚިދުމަތް ދިނުން ހުއްޓާލީ ކޮވިޑް-19 އާއި ގުޅިިގެ މާރޗު މަހުގެ 13 ވަނަ ދުވަހުއެވެ. ޕާކުގެ ޚިދުމަތް އަލުން ފަށާފައި މިވަނީ އިއްޔެ އެވެ. ޕާކުގެ ޚިދުމަތް އަލުން ފެށި އިރު، އައު އާންމު ޙާލަތާ ގުޅިގެން ގިނަ ޤަވާޢިދު ތަކެއް ވަނީ ހަދާފައެވެ. އަދި ނޭޗަރ ޕާކު ހުޅުވުމުގެ ކުރީން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވަނީ އައު އާންމު ހަލާތުގައި ރައްކާތެރި ވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އެތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނާ މެދު ސަމާލުވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ނޭޗަރޕާކްގެމުއައްޒަފުންނަށް އޮޅުންފިލުވައި ދީފައެވެ.
ޕާކު ހުޅުވާފައި ހުންނާނީ ކުރިއެކޭ އެއްފަދައިން ހެނދުނު 8:00 އިން ހަވީރު 6:00 އާދެމެދުއެވެ. ޕީއެސްއެމް ނިއުސް އަށް މަޢުލޫމާތު ދެއްވަމުން އައްޑޫ ނޭޗަރ ޕާކު ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުލް ހާދީ މުހައްމަދު ވިދާޅުވީ، ނޭޗަރ ޕާކު ހުޅުވާފައި މިވަނީ ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ފަހުގައި ކަމަށެވެ. އެގޮތުން މިހާރު ނޭޗަރ ޕާކަށް ވަދެވޭނީ މާރސްކު އަޅައިގެންނެވެ. ޕާކަށް ވަންނައިރު ގޭޓް ކައިރިން އެންމެންގެ ފިނި ހޫނުމިން ބަލާނެއެވެ. ވަނުމަށް ފަހު އެންމެ ފުރަތަމަ ކަމެއްގެ ގޮތުން އަތް ދޮންނަން ޖެހެއެވެ.
ހާދީ ވިދާޅުވީ ނޭޗާ ޕާކުގެ ޚިދުމަތް ލިބިގަންނަ މީހުން އެންމެ ބޮޑަށް ސަމާލު ވާންޖެހޭނީ، ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލު ކުރުން ކަމަށެވެ. އެގޮތުން މިހާރު ޓިކެޓު ގަނެވޭނީ ހަމަ އެކަނި އިންޓަނެޓް މެދުވެރިކޮށް ފައިސާ ދައްކާ ގޮތަށެވެ. އަދި ކޮންމެ ގްރޫޕަކުން ވެސް ޕާކު ބޭނުން ކުރުމުން ޕާކް ޑިސްއިންފެކްޓް ކުރަން ޚިދުމަތް މެދު ކަނޑާލާގޮތަށް ހަމަޖެހިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑް-19 އިގެ އެއްވެސް އަލާމާތެއް ހުރި މީހަކު ނުވަތަ ޕާކުގެ ޚިދުމަތް ހޯދަމުންދާ ވާގުތު އެފަދަ ކަމެއް ފާހަގަ ވެއްޖެ ނަމަ އެފަރާތް އައިސޮލޭޓް ކުރެވޭނެ އިންތިޒާމު ޕާކުގައި ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫ ނޭޗާރ ޕާކު ހަތަރު މަސް ދުވަހުގެ މެދު ކެނޑުމަކަށް ފަހު އަލުން ހުޅުވި އިރު، ފުލް ގައިޑެޑް ޓުއާ ފިޔަވާ ހުރިހާ ޚިދުމަތްތެއް ލިބޭނެ ކަމަށް ނޭޗަ ޕާކުން ބުނެއެވެ. މިވަގުތު މިފަދަ ބައެއް ޚިދުމަތް މެދުކަނޑާލާފައިވަނީ ބައެއް މަރާމާތު ތަކަށްޓަކައި ކަމަށް ނޭޗާ ޕާކުން ބުނެއެވެ. އަދި އެމަސައްކަތް މިހާރު ފަށަން ތައްޔާރު ވަފައިވާ ކަމަށާއި އެކަން ވީހާ އަވަހަކަށް ފެށޭނެ ކަމަށް ހާދީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ