އީސީސީގެ ކަރަންޓް ބިލް ތަކަށް ހަތަރު މިލިޔަން ރުފިޔާ ނުދައްކާ

ސާކް ސަމިޓް ބޭއްވުމަށް ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން އައްޑޫ ސިޓީ ގައި އިމާރާތް ކުރި އީކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގެ ކަރަންޓް ބިލްތަކަށް ހަތަރު މިލިޔަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާވާ ކަން ހާމަވެއްޖެ އެވެ.
ސަން އޮންލައިންއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އައްޑޫ ސިޓީއަށް ކަރަންޓްގެ ހިދުމަތްދޭ ސަދަން ޔުޓިލިޓީސް ކުންފުނި ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޒުހެއިރް ވިދާޅުވީ އީސީސީ ހުޅުވި ތާރީހުން ފެށިގެން މިއަދާއި ހަމައަށް އެތަނުގެ އެއް ވެސް ކަރަންޓް ބިލެއް ދައްކާފައި ނުވާ ކަމަށާއި ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ އެތަނުގެ ކަރަންޓް ބިލްތަކަށް އަރާފައިވާއިރު އެއްވެސް ފައިސާއެއް ދައްކާފައިނުވާ ކަމަށެވެ.
"އީސީސީ ސާކް ސަމިޓަށްޓަކައި ހުޅުވި ދުވަހުން ފެށިގެން މިއަދާއި ހަމައަށް އެތަނުގެ އެއް ވެސް ކަރަންޓް ބިލެއް ދައްކާފައެއް ނުވޭ. މިހާރު އެތަނުގެ ކަރަންޓް ބިލްތަކަށް ހަތަރު މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ،" ޒުހެއިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ފައިސާ ދެއްކުމަށް ފިނޭންސާއި ހައުސިން މިނިސްޓްރީގައި އެކި ފަހަރު އެދިފައިވާނެ ކަމަށާއި ނަމަވެސް އެކަމަށް އެދެވޭ ޖަވާބެއް މިހާތަނަށްވެސް ލިބިފައި ނުވާ ކަމަށެވެ.
މިކަމާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރުއަބްދު ﷲ ސޯދިގް (ސޯބެ) ވިދާޅުވީ އީސީސީގެ ކަރަންޓް ބިލްތައް ނުދައްކާ ހުރިކަން އެ ކައުންސިލަށް އެގިފައިވާ ކަމަށާއި އެތަނުގެ ކަރަންޓް ބިލްތައް ދައްކަން ޖެހޭނީ ފިނޭންސް މިނިސްޓްރީން ކަމަށެވެ. އަދި އެތަން މިހާރު ހަވާލުކޮށްފައިވަނީ ސަރުކާރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އޮތީ މައުލޫމަތު ލިބިފައި އީސީސީގެ ކަރަންޓް ބިލްތައް ނުދައްކާ ހުރިކަން. އެހެން ނަމަވެސް އެކަމުގައި ކައުންސިލަށް ކުރެވޭނެ އެއް ވެސް ކަމެއް ނެތް. ސަބަބަކީ އީސީސީ އަކީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަނެއް ނޫން. އެތަނަކީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ތަނެއް،" ސޯދިގް ވިދާޅުވި އެވެ.
މި މައްސަލާގައި ހައުސިން މިނިސްޓރީގެ އޮފިޝަލުކު ވިދާޅުވީ އީސީސީގެ ގިނަ ކަރަންޓް ބިލްތަކެއް ނުދައްކާ ކަމަށާއި އެ މައްސަލަ ފިނޭންސާއި ވާހަކަ ދައްކައިގެން ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އީސީސީގެ މައްސަލައިގައި މޭޔަރު ސޯބެ އިތުރަށް ވިދާޅުވީ އީސީސީގައި އުޅެނީ ހަމަ އެކަނި ކަރަންޓް ބިލް ނުދެއްކުމުގެ މައްސަލަ ނޫން ކަމަށާއި އެތަން ބެލެހެއްޓޭނެ އެއް ވެސް ނިޒާމެއް ގާއިމް ކުރެވިފައި ނެތް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އީސީސީ ވީރާނާ ވެގެން ހިގައިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށްވެސް ސޯބެ ވިދާޅުވި އެވެ.
"އީސީސީގައި އުޅެނީ ހަމައެކަނި ކަރަންޓް ބިލް ނުދެއްކުމުގެ މައްސަލަ އެއް ނޫން. އެތަން ފޮޅާ ސާފްކޮށް ބެލެހެއްޓޭނެ އެއް ވެސް ނިޒާމެއްވެސް ނެތް. އެތަނަށް ގެނައި އެއް ވެސް ސާމާނެއް ވެސް މިހާރަކު ނެތް. ހަމަ އެކަނި ހުރީ ގޮނޑި އާއި މޭޒް. އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށް އެބަ އޮތް އެތަން ވީރާނާވެ ފަނާވެގެން ހިގައިދާނެ ކަމުގެ ބިރު،" ސޯދިގް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އީސީސީ އަކީ އައްޑޫ ސިޓީ އަށް ވަރަށް ބޮޑު ކުރި އެރުމަކާއި ތަރައްގީއެއް ލިބިގެންދާނެ ތަނެއް ކަމަށް ކުރިން އުންމީދު ކުރެވުނު ކަމަށާއި ނަމަވެސް އައްޑޫގައި އެއްވެސް ޔަގީން ކަމެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދު ތަކެއް އީސީސީއާ ގުޅިފައިވޭ. އަޅުގަނޑުމެން އުންމީދު ކުރިން އެތަނުގެ ސަބަބުން އައްޑޫ ސިޓީ ފަހުރިވެރިވާނެ ކަމަށް. އެތަނުގެ ސަބަބުން އައްޑޫ ސިޓީ އައް އިތުރު ވަޒީފާގެ ފުރުސަތު ތަކެއް އަންނާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރިން. އެހެން ނަމަވެސް ދެއް އެކަތައްތައް ވާނެ ކަމުގެ އުންމީދު ވަރަށް ކުޑަ،" މޭޔަރު ވިދާޅުވި އެވެ.
އެންމެ ބޮޑު މައްސަލައަކީ ސާކް ސަމިޓަށް ފަހު އީސީސީގެ އިންވެންޓްރީއެއް ވެސް ނެތުން ކަމަށާއި އެކަމުގެ ސަބަބުން އީސީސީ ބެލެހެއްޓުމުގައި ސަރުކާރާ ކަމާބެހޭ ފަރާތްތަކުން އިހުމާލުވެފައިވާ ކަމަށް ސޯބެ ވިދާޅުވި އެވެ.
އީސީސީ އަކީ ދައުލަތުގެ ބަޖެޓުން 150 މިލިއަަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން 17 ވަނަ ސާކް ސަމިޓް ބޭއްވުމަށް ކުރީގެ ރައީސް ނަޝީދު ގެ ސަރުކާރުން އައްޑޫ ސިޓީ ގައި ކުރި އިމާރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ