ޖޭޕީގެ ލީޑަރު ކަމަށް ގާސިމް އެކަނި، ވޯޓުލުން މާދަމާ ހަވީރު

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރުކަމަށް ވާދަކުރުމުގެ ފުރުސަތު މިއަދަށް ހަމަވިއިރު، ހަމައެކަނި ކުރިމަތިލެއްވީ ޕާޓީގެ ކުރީގެ ލީޑަރު އަދި ޕާޓީގެ ބާނީ ގާސިމް އިބްރާހީމް ކަމަށް އެ ޕާޓީން ބުނެފި އެވެ..
ލީޑަރު ކަމަށް ގާސިމް އެކަނި ވާދަކުރައްވާއިރު، އޭނާ މަގާމަށް އިންތިޚާބުކުރުމަށް ވޯޓުލުން އޮންނާނީ އާދީއްތަ ދުވަހު ހަވީރު 4:00 ގައި މ. ކުނޫޒުގަ އެވެ.
ޖޭޕީގެ ލީޑަރުގެ މަގާމަށް ބޭފުޅަކު ހޮވުމަށް ފާސްކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގަ އެވެ. ކައުންސިލުން އެގޮތަށް ނިންމައި ލީޑަރުކަމަށް ފުރުސަތު ހުޅުވާލީ، ގާސިމް ތިން އަހަރާ ހަ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުންކުރި ހުކުމް ހައި ކޯޓުން ދާދި ފަހުން ބާތިލްކުރުމާ ގުޅިގެންނެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނުގެ މައްޗަށް އިއްވާފައިވާ ހުކުމް ހައި ކޯޓުން ބާތިލުކުރީ އޭނާ އަރުވާލެވިގެން ޖަރުމަނުވިލާތުގައި ހުންނެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންނެވި ފަހުންނެވެ.  
ޖޭޕީ އުފެދުނީއްސުރެ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވީ ގާސިމެވެ. އެ އެ މަގާމު ގެއްލިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުކޮށް ގާސިމް ޖަލަށް ލާން ހުކުމް ކުރުމުންނެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، ޖިނާއީ ހުކުމެއްގައި ހުންނަވާ ބޭފުޅަކު، ޕާޓީގެ އިސް މަގާމެއްގައި ނުހުންނެވޭނެތީ އެވެ.
އެއަށް ފަހު ޖޫން 28 ގައި ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ލީޑަރުގެ މަސްއޫލިއްޔަތުތައް، އެ ޕާޓީގެ ހަތަރު ޑެޕިއުޓީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ހުސައިން ރަޝީދު ހަސަންއާ ހަވާލު ކުރަން ފާސްކުރި އެވެ. އެ ގޮތަށް އޭރު ފާސްކުރީ ގާސިމް ޖަލު ހުކުމެއްގައި ހުންނެވުމުންނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ