ރައީސް ނަޝީދު ކިތަންމެ ބޭނުންވިޔަސް ރާއްޖެއަށް ބަރުލަމާނީއެއް ނުގެނެވޭނެ: އުމަރު ނަސީރު

ރައީސް ނަޝީދު މިހާރު އެކުރައްވާ މަސައްކަތަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަކަށް ފުރޮޅައިލާން ކުރައްވާ މަސައްކަތް ކަމަށާއި އެކަން ވިޔަ ނުދެއްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު މިއަދު ވިދާޅުވީ ބަރުލަމާނީ އަށް ކުރީން ވެސް ދިވެހީން ނޫނެކޭ ބުނެފައިވާ ކަމަށާއި ދިވެހީން ދިވެހިރާއްޖޭގައި ބާއްވަން ބޭނުންވަނީ އެމީހުންގެ އަމިއްލަ އެމީހުން ބަސް ބުނާ ވެރިކަމެއް ކަމަށެވެ. ބަރުލަމާނީ އަކީ ރައްޔިތުންގެ ވެރިކަމެއް ނޫން ކަމަށާއި އެހެން ކަމުން އަދިވެސް ދިވެހީންގެ ތެރޭގައި ބަރުލަމާނީ ނިޒާމް ނުވިކޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.
"ރައީސް ނަޝީދު އެކުރައްވާ މަސައްކަތުން ވާނެ އެއްވެސް ކަމެއް ނޯންނާނެ. ބަރުލަމާނީއާ ދެކޮޅަށް ރާއްޖޭގެ ކިތަންމެ ރައްޔިތުންނެއް ތެދުވާނެ. އެކަން ކާމިޔާބެއް ނުވާނެ. އެއީ ނުވާނެ ކަމެއް." އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އޭނާ ކުރީން ވެސް ވިދާޅުވި ފަދައިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު ޗަލެންޖަކީ ރައީސް ނަޝީދު ކަމަށާއި އޭގެ އަލާމާތްތައް މިހާރު ފެންނަން މި ފެށީ ކަމަށެވެ. ދެން ދުވަހަކަށް ވުރެ ދުވަހެއް ހާލަތު ދާނީ ގޯސް ވަމުން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އުމަރު ނަސީރު މިހެން ވިދާޅުވި އިރު، ރައީސް ނަޝީދު ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ވާނެ ނިޒާމަކީ ބަރުލަމާނީ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ