ސަރުކާރު ކޯލިޝަން ދެމެހެއްޓުމަށް އެންމެފަހު މީހާއާ ޖެހެންދެން ހުންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ މިހާރު އޮތް ކޯލިޝަން ރޫޅާލުމަށްފަހު ވެރިކަމަށް ވަޑައިގަންނަވަން އޭނާ އުޅުއްވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަވާ ވާހަކަތަކާ ގުޅޭގޮތުން މިއަދު ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ކޯލިޝަން ރޫޅާލުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށާއި އެންމެފަހު ފަހު މީހާއާ ހަމައަށް ކޯލިޝަން ދަމަހައްޓައި މިއަދުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ މަގާމުގައި ބެހެއްޓުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އޮތް އެކުވެރިކަން ނަގާލަން ތަފާތު އެކި ގޮތްގޮތަށް ވާހަކަދެއްކިޔަސް، އަޅުގަނޑުމެން ހިތަކަށް ނާރާ ކަހެރުވަކެކޭ ވެސް. ކޮންމެ އެއްޗެއް ކިޔަސް، ކޮންމެ ވާހަކައެއް ދެއްކިޔަސް އަޅުގަނޑުމެންގެ އަޒުމެއް ގުޑުވައެއް ނުލެވޭނެ" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކޮންމެ މީހަކު ވެސް އެމީހަކު ކުރުވަން ބޭނުންވާ ކަމެއް ނުވުމުން ހިތްހަމަނުޖެހުންތަކެއް ހުންނާނެ ކަމަށާއި، އެ ހިތްހަމަނުޖެހުންތަކުގެ ތެރެއިން މީހުންގެ ޝަހުސިއްޔަތު ކަތިލުމަށް ތަފާތު އެކި ގޮތްގޮތަށް މަސައްކަތް ކުރާނެކަން އޮޅިވަޑައިގެންފައިނުވާ ކަމަށެވެ. އަދި "މޭވާ ނެތް ގަހަކަށް ގަޅިއެއް ނުއުކާނެ" ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"ހަގީގަތެއް އޮތް ކަމަށްވަންޏާ ފެންނާނެ، ފަޅާ އަރާނެ. އަދި ކަންތައްތައް ވެސް ފެންނާނެ. އެކަމަކު ހަގީގަތެއް ނެތީއްޔަ ދައްކާނެ ހަމަ އެއްވެސް ވާހަކައެއް ނޯންނާނެ. ގައުމު ހަލާކު ކުރުމަށް، ފަނާ ކުރުމަށް، ފަސާދަ ކުރުމަށް ކުރާ މަސައްކަތްކޮށްގެން އެއަކު ކާމިޔާބެއް ނުލިބޭނެކަން 23 ސެޕްޓެމްބަރުގައި ލީ ވޯޓުން ރައްޔިތުން ދައްކައިދިނުމުން ވެސް އެކަމުގައި އުޅުއްވި ބޭފުޅުން އަނެއްކާ މި ނިކުންނަނީ އޭތި މީތި ކިޔަން. އެއީ ވަރަށް ބޮޑު ގޯހެއް" ސޯޝަލް މީޑިޔާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން ގާސިމް ވިދާޅުވިއެވެ.
މީގެއިތުރުން ގާސިމް ވަނީ ފަސާދަ އަށް ދެން ރާއްޖޭގައި ފުރުސަތެއް ނެތް ކަމަށާއި ނާއިންސާފަކަށް ވެސް ދެން ޖާގައެއް ނުލިބޭނެ ކަމަށްވެސް ވިދާޅުވެފައެވެ.
ކޯލިޝަން ދެމެހެއްޓުމަށް އެންމެފަހު މީހާއާ ޖެހެންދެން ހުންނާނަން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ