އިންސާފު ދިރިދެމިއޮތްކަން ސުޕްރީމް ކޯޓުން ސާބިތުކޮށްދީފި: ގާސިމް

ރާއްޖޭގައި އަދުލު އިންސާފު ދިރިދެމިއޮތްކަން ސުޕްރީމް ކޯޓުން މިއަދު ސާބިތުކޮށްދީފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ބާތިލު ނުކުރަން ސުޕްރީމް ކޯޓުން މިއަދު ނިންމުމާ ގުޅިގެން ގާސިމް ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިސާރި ސާބިތުކަމާއެކު އަދުލު އިންސާފު ދިރިދެމި އޮތްކަން މިއަދު ސާބިތުކޮށްފައިވާ ކަމަށެވެ. އަނިޔާވެރިކަމަކީ ހައްގެއް ނޫން ކަމަށާއި މަކަރާއި ހީލަތަކީ ވެސް އިންސާފެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. ނަސްރު ލިބޭނީ ހައްގު ގޮތުގައި ތިބި ބަޔަކަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓު
ރިޔާސީ އިންތިހާބުން ނާކާމިޔާބު ވެވަޑައިގަތް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅީ ރިޔާސީ އިންތިހާބު ބާތިލު ކުރުމަށާއި އިންތިހާބާ ގުޅިގެން ކުރެވޭ އިލެކްޝަންސް ކޮމިޝަނަށް ކުރެވޭ ތުހުމަތުތައް ތަހުގީގު ކުރުމަށް އަމުރެއް ނެރެދިނުމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ ފަސް ފަނޑިިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ ރައީސް ޔާމީން ހުށަހެޅުއްވި ކަންކަން ސާބިތުކުރަން ހަރުދަނާ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުއާ ނާކާމިޔާބުވެ ވަޑައިގަތް އަބްދުﷲ ޔާމީންއާ ދެމެދު ވޯޓްގެ ފަރަގު ވަރަށް ބޮޑު ކަމަށާއި އެހެން ކަމުން ރިޔާސީ އިންތިހާބު ބާތިލް ކުރަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ