ޑީސަލުން ޑިއުޓީ ކަނޑާލައި ކަރަންޓުގެ އަގުހެޔޮ ކުރަނީ

ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ކަނޑާލައި، ކަރަންޓުގެ އަގު ހެޔޮ ކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ. މިހާރު ޑީސަލުން ނަގަނީ 5 ޕަސަންޓްގެ ޑިއުޓީއެކެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލް ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު މުސްތަފާ އެވެ. ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި މުސްތަފާ ވިދާޅުވީ ކަރަންޓުގެ ހިދުމަތުން ނަގާ އަގު މިހާރަށްވުރެ ހެޔޮ ކުރުމަށް ކަމަށެވެ. އަދި މަސްވެރިކަމަށް ނުކުންނަ ފަރާތްތަކުން ކުރަން ޖެހޭ ހަރަދު ކުޑަކޮށް ދިނުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުސްތަފާ އިސްލާހު ހުށަހެޅުއްވީ މަސްވެރިކަން ކުރާ ދޯނިފަހަރުގައި ބޭނުން ކުރާ ޑީސެލުންނާއި ކަރަންޓުގެ ހިދުމަތް ދޭ ފަރާތްތަކުން ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލުން ނަގާ އިމްޕޯޓް ޑިއުޓީ މާފު ކޮށްދިނުމަށެވެ. އެ އިސްލާހުގައިވާ ގޮތުން، މަސްވެރިކަން ކުރާ ދޯނިފަހަރުގައި ބޭނުން ކުރާ ޑީސަލުންނާއި ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލުން ޑިއުޓީ މާފުކޮށް ދެވޭނީ އެކަމަށް އެދި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް ހުށަހެޅުމުންނެވެ. އަދި ޑިއުޓީ މާފް ކޮށްދިނުމުގައި އަމަލުކުރާ އުސޫލު ގަވައިދުގައި ބަޔާން ކުރަން ޖެހެ އެވެ.
މަޖިލީހަށް މިބިލް ހުށަހެޅި ކަމުގައި ވިޔަސް ބިލަށް އަމަލު ކުރަން ފަށާނީ ބިލް ފާސްވެ، ރައީސް ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމުންނެވެ.
އެމްޑީޕީގެ ސަރުކާރުގައި ޕެޓްރޯލާއި ޑީސަލުން ޑިއުޓީ ނުނަގަން ނިންމާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ތެލުގެ ބާވަތްތަކުން ޑިއުޓީ ގޮތުގައި 10 ޕަސަންޓް ނަގަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އޭގެ ސަބަބުން ޑީސަލާއި ޕެޓްރޯލްގެ އަގު ވަރަށް ބޮޑުވެގެން ދިޔައެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ މެދުތެރޭގައި ގާނޫނަށް ބަދަލު ގެނެސް، ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮ ކުރި އެވެ.
ޑީސަލުން ޑިއުޓީ ކަނޑާލުމަށް މަޖިލީހަށް ހުށަހެޅި އިރު، ޕެޓްރޯލާއި ޑީސަލުން މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން ޑިއުޓީގެ ގޮތުގައި ނަގަމުން އައީ 10 ޕަސަންޓެވެ. އެކަމަކު، މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޕެޓްރޯލާއި ޑީސަލުން 10 ޕަސަންޓުގެ ބަދަލުގައި ފަސް ޕަސެންޓަށް ވަނީ ކުޑަކޮށްފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ 100 ދުވަހުގެ އެޖެންޑާގެ ތެރޭގައި މަސްވެރިކަމަށް ނުކުންނަން ކުރަން ޖެހޭ ހަރަދު ކުޑަ ކުރުމަށް މަސްވެރިންނަށް ޑީސެލުން ނަގަމުން އަންނަ އިމްޕޯޓު ޑިއުޓީ އެއް މަސް ތެރޭގައި ކަނޑާލަން ވައުދުވެފައިވެ އެވެ. އަދި އަންނަ އަހަރަށް ފާސް ކުރި 30.2 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކަރަންޓުގެ އަގުހެޔޮ ކުރުމަށް 272 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
މި ބިލް ފާސްވެ އަމަލުކުރަން ފެށިއްޖެނަމަ، ގިނަބަޔަކަށް އޭގެ ފައިދާ ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ