ޔާމީނުގެ ލީޑާޝިޕްގައި ޕީޕީއެމާ އެކު ހަދާނެ ކޯލިޝަނެއް ނޯންނާނެ: ގާސިމް

ކޯޓު އަމުރެއްގެ ދަށުން ޕީޕީއެމްގެ ހިންގުމާ ހަވާލުވެ ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ލީޑާޝިޕްގައި ޕީޕީއެމާ އެކު ޖުމްހޫރީ ޕާޓީން ހަދާނެ ކޯލިޝަނެއް ނޯންނާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު އދ. ފެންފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ޔާމީނަށް އޭނާ ތާއީދު ކުރަން ނިންމައިފި ކަމަށް ބުނެ އަޑުތަކެއް ފަތުރަމުން އަންނަ ކަމަށާއި އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ.
ގާސިމް ވިދާޅުވީ ރައީސް ޔާމީން ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ދުވަހަކުވެސް އެއްވެސް މަސައްކަތް ނުކުރައްވާނެ ކަމަށާއި އެކަން ވާނީ އެމަނިކުފާނަށް ވެސް އަންގާފައި ކަމަށެވެ.
''މިހާރަކަށް އައިސް ޕީޕީއެމް އިން ސުޕްރީމް ކޯޓަށް މައްސަލަ ވެއްދުމާ ގުޅިގެން އެބަ އަޑުއަރުވަމުންދޭ މެދުކެނޑުމެއްނެތި، ޖުމްހޫރީ ޕާޓީ މި ކޯލިޝަން ތެރެއިން ވަކިވެގެން، މި ސަރުކާރުގެ ސައިޑަށް ދަނީއޭ. އެއްޗެކޭ މީއްޗެކޭ ކިޔައިގެން ތަފާތު އެކި ވައްތަރުގެ ޕްރޮޕެގެންޑާ ފަތުރަމުން އެބަދޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން މިތިބީ ސާބިތުކަމާ އެކީގައޭ،'' ގާސިމް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމް ގާސިމް ނުކުރެއްވި ނަމަވެސް ދިވެހި ރައްޔިތުންގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމް ގާސިމް ހާސިލު ކުރައްވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގާސިމްގެ އެހީގައި މަތީ ތައުލީމް ހާސިލު ކުރި އެތައް ބަޔަކު މިއަދު ބޮޑެތި މަގާމްތަކުގައި އެބަތިބި ކަމަށާއި ގާސިމް ދިވެހި ރައްޔިތުންނަށް ކޮށްދެއްވާފައިވާ ޚިދުމަތްތައް ވަރަށް ގިނަ ކަމަށެވެ.
''އެހެންވީމަ ގާސިމް މިރާއްޖޭގެ ރައްޔިތުންނަށް ބަދަލަށް ނޭދި ވެދީފައިވާ އެހީތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކަން އުޅެ ނުދެއްކި އަނގައޮޅިގެން މައިކް ކެނޑިގެންދާނީ،'' އަލީ ވަހީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ