އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން 2-1 އިން ލިވަޕޫލް މޮޅުވި މެޗު، އެ ކްލަބުގެ ދިވެހި ބައެއް ސަޕޯޓަރުންނާ އެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްލަވާލައްވައިފި އެވެ.
ލިވަޕޫލަށް ތާއީދުކުރައްވާ މައުމޫނަކީ އެ ކްލަބުގެ ރާއްޖޭގެ ސަޕޯޓަރުންގެ ވައިބާ ގްރޫޕުގެ ހަރަކާތްތެރި މެމްބަރެކެވެ. ޓީމު މޮޅުވުމުގެ އުފަލާއި ބަލިވާ ދުވަސްތަކުގެ މާޔޫސްކަން ވެސް އެ ގްރޫޕުގައި ޒުވާނުންނާ ހިއްސާކުރައްވަ އެވެ.
ސޯލްޓް ކެފޭގައި ރޭ ބޮޑު ސްކްރީނުން އެންމެން އެއްކޮށް މެޗު ބަލާލުމަކީ ވެސް މައުމޫން ދެއްވި ހިޔާލުފުޅަކަށް އެމަނިކުފާނުގެ ފަރާތުން އިންތިޒާމްކުރި ހަރަކާތެކެވެ. އެކަމަކު އެއީ ރާއްޖޭގައި ދާދި އުފެއްދި ލިވަޕޫލުގެ ރަސްމީ ސަޕޯޓަރުންގެ ގްރޫޕުގެ މެމްބަރުންގެ އެހީއާ ވެސް އެކު އެވެ.
ލިވަޕޫލުގެ ރާއްޖޭގެ ސަޕޯޓަރުންގެ ގްރޫޕުގެ ރަމްޒީ މެމްބަޝިޕް ކާޑު މައުމޫނަށް ދެއްވަނީ.
ލިވަޕޫލުގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ އެ ގްރޫޕުގެ އެއް ނަމްބަރު މެމްބަރުކަން ރޭ މައުމޫނަށް ވަނީ އަރުވައިފަ އެވެ. ރަޖިސްޓްރީ ނަމްބަރު ޖަހާފައިވާ ކްލަބުގެ ޖާޒީއަކާއި ރަމްޒީ މެމްބަޝިޕް ކާޑުގެ އިތުރުން، ޓީމުގެ ކޯޗު ޔާގެން ކްލޮޕުގެ ބަޔޯގްރަފީ ފޮތެއް ވެސް އެމަނިކުފާނަށް ވަނީ ހަދިޔާކޮށްފަ އެވެ.
އެމަނިކުފާނާ އެކު މި ހަރަކާތުގައި ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިކްރާމާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަދި ކުރިން ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅުއްވި އާދަމް އާޒިމާއި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވެސް ރޭ ބައިވެރިވެވަޑައިގަތެވެ. އަދި ކުޅިވަރަށް ފޯރި ހުންނަ، އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމް ވެސް އަރިހުގައި ތިއްބެވި އެވެ.
ޔޫރަޕުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ލިވަޕޫލުގެ 60 އެއްހާ ސަޕޯޓަރުން ޖަމާވި މި ހަރަކާތުގެ ތެރެއިން ރޭ ބެލި މެޗު ވެގެންދިޔައީ ވަރަށް ހާއްސަ މެޗަކަށެވެ. އެގޮތުން ޒަމާންވީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން މެޗުގެ ފަހުކޮޅު ނެގި ލީޑާ އެކު މޮޅުވެ އެ ޓީމު ވަނީ ލީގުގެ އެއް ވަނަ އަށް އަރައިފަ އެވެ.
"ރައީސް މައޫމުން ވެސް ވަރަށް ބޮޑަށް ފޯރި ނެންގެވި،" ކްލަބުގެ މެމްބަރަކު ބުންޏެވެ. "ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރެވުނީ ހުރިހާ ބައިވެރިންނަށް ވެސް. ގައުމުގެ މަތީ ބޭފުޅަކު ވަޑައިގެން އަޅުގަނޑުމެން ޒުވާނުންނާ އެކު މިފަދަ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް."
ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕުގެ ބަޔޯގްރަފީ ފޮތް މައުމޫނަށް ހަދިޔާކުރައްވަނީ.
"އެލްއެފްސީ މޯލްޑިވްސް" ގެ ނަމުގައި ހަދާފައިވާ ގްރޫޕުގެ ވައިބަރުގައި މިހާރު ވެސް 250 މެމްބަރުން އެބަތިއްބެވެ. އެހެންވެ ކޮމިއުނިޓީ ވައިބާ ގްރޫޕެއް ހަދައި ވީހާ ވެސް ގިނަ މެމްބަރުންނަށް އަންނަނީ ފުރުސަތު ދެމުންނެވެ. ލޭ ހަދިޔާ ކުރުން ފަދަ އިޖްތިމާއީ ކަންކަން ވެސް އެ ގްރޫޕުން ކުރަމުން އަންނައިރު، އެހެން ބައެއް ހަރަކާތްތައް ވެސް ވަނީ ރާވައިފަ އެވެ.
"ރައީސް މައުމޫން މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަކީ އަޅުގަނޑުމެން ކުރިއަށް ދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް،" މެމްބަރަކު ބުންޏެވެ.
މިސްރުގައި ކިޔަވާވިދާޅުވާން ހުންނެވި ދުވަސްވަރު، އެ ގައުމާއި ބްރެޒިލް ކުޅުނު މެޗަކަށް ވަޑައިގެން، ދުނިޔޭގައި އުފެފުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ބްރެޒިލްގެ ޕެލޭގެ ކުޅުން ހަމަލޮލުން ދެކެވަޑައިގެންފައިވާ މައުމޫނަކީ، ފުޓްބޯޅަ އަށް ވަރަށް ބޮޑަށް ލޯބިކުރައްވާ ބޭފުޅެކެވެ. އެންމެ ކުޅުއްވާ ހިތްޕުޅުވަނީ ކްރިކެޓް ކަމަށްވީ ނަމަވެސް އަބަދުވެސް ވިދާޅުވަނީ އެންމެ ބައްލަވާ ހިތްޕުޅުވަނީ ފުޓްބޯޅަ ކަމަށެވެ.
ސަޕޯޓަރެއްގެ ޖާޒީގައި މައުމޫން ސޮއިކުރައްވަނީ.
އެމަނިކުފާނު ރައީސްކަމުގައި ހުންނެވި އިރު ވަރަށް ގިނައިން ރާއްޖޭގެ ފުޓްބޯޅަ މުބާރާތްތަކުގެ ފައިނަލް މެޗުތަކަށް ވަޑައިގަންނަވަ އެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުމުގެ މުހިއްމު ހިއްސާއެއް ކަމަށްވާ، ޕްރެޒިޑެންޓް އޮފް މޯލްޑިވްސް ސޮކާ ކަޕް (ޕޮމިސް ކަޕް) އެއީ ވެސް އެމަނިކުފާނުގެ ވެރިކަމުގައި 1987 ވަނަ އަހަރު ތައާރަފްކުރި މުބާރާތެކެވެ. އަދި ރާއްޖޭން ބޭރަށްދާ ފުޓްބޯޅަ ޓީމުތަކަށް އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އެހީތަކެއް ވެދިނެވެ.
ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ފައިނަލް މެޗު ބައްލަވަން ކޮޅުނބަށް ވަޑައިގެންނެވި އެވެ. އަދި ވެރިކަމުން ފައިބައިވަޑައިގެން ހުންނެވި ނަމަވެސް 2009 ވަނަ އަހަރުގެ ފައިނަލް މެޗު ބައްލަވާލައްވަން ޑާކާ އަށް ވެސް ވަޑައިގެންނެވި އެވެ.
މި އަހަރުގެ ކުރީކޮޅު އެމަނިކުފާނަށް މިލާން ކްރިކެޓް އެކަޑަމީން ކްރިކެޓުގެ ހިދުމަތުގެ މެޑަލް އަރުވަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަރަށް ބޮޑަށް ފުޓްބޯޅައިގެ ވާހަކަދެއްކެވި އެވެ.
"ރޭގެ މެޗުގެ ވާހަކަ ނާއްސަވާނަންތޯ؟،" އޭގެ ކުރީ ރޭ ކުޅުނު ލިވަޕޫލް މެޗަށް އިޝާރާތްކުރައްވައި ނޫސްވެރިއެއް ގާތު މައުމޫން އެއްސެވި އެވެ.
ލިވަޕޫލުގެ ސަޕޯޓަރުންނާ އެކު ރައީސް މައުމޫން މެޗެއް ބައްލަވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ