މިހާރު ތިއްބެވި ހުރިހާ ފަނޑިޔާރުން އިސްތިޢުފާދެއްވަން ޖެހޭ: ގާޒީ ހަލީމް
ދިވެހިރާއްޖެގެ ކޯޓުތަކުގައި މިހާރު ތިއްބެވި ފަނޑިޔާރުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް، ސިވިލް ކޯޓުގެ ގާޒީ ކަމުން އިސްތިއުފާދެއްވި ގާޒީ މުހައްމަދު ހަލީމް ވިދާޅުވެއްޖެއެވެ.ސިވިލް ކޯޓުގެ ގާޒީކަމުން އިސްތިއުފާ ދެއްވުމަށް ހަލީމް ވިދާޅުވީ، ފަނޑިޔާރުކަމުން އާ ޤާނުނު އަސާސީގެ ދަށުން ފަނޑިޔާރުން އައްޔަންކުރި ގޮތާއި މެދު ސުވާލުތަކެއް އުފެދިފައިވާކަމަށެވެ. އަދި ބައެއް ފަނޑިޔާރުން މަޤާމަށް އައްޔަންކޮށްފައިވަނީ ގޭންގްތަކުން ކޯޓާއި ދީގެންކަމަށް ބުނެ ފަނޑިޔާރުން އައްޔަންކުރި ގޮތާއި މެދު އިތުރު ސުވާލުތަކެއް މިހާރު އުފެދިފައިވާކަމަށެވެ. އެހެންކަމުން އިސްތިއުފާދެއްވީ އޮންނަ އުސޫލުތަކުން ފަނޑިޔާރުން އަލުން އައްޔަންކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށް ހަލިމް ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ހުރިހާ ކޯޓުތަކަށް ފަނޑިޔާރުން އަލުން ޢައްޔަނު ކުރުމަށްޓަކައި މިހާރު ތިއްބެވި ހުރިހާ ފަނޑިޔާރުން އިސްތިޢުފާދެއްވަން ޖެހޭކަމަށް ގަބޫލުކުރައްވާކަމަށާއި އިސްތިއުފާދެއްވީ އެކަމަށް މިސާލު ދެއްކެވުމުގެ ގޮތުންކަމަށްވެސް ހަލީމް ވިދާޅުވިއެވެ.އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޖުޑީޝަލް ރިފޯމް އެޖެންޑާއަށް އެއްބާރުލުން ހުރިހާ ފަނޑިޔާރުން ދެއްވަންޖެހޭކަމަށްވެސް ހަލީމް ވިދާޅުވިއެވެ. ގާޒި ކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ހަލީމް ވަނީ އޭނަގެ މާލީ ބަޔަން ވެސް ހުށަހަޅުއްވާފައެވެ. ސިވިލް ކޯޓްގެ ގާޒީ ކަމަށް އޭނާ ވަޑައިގެންނެވީއްސުރެ، އަދި އޭގެ ފަހުން ހިންގެވި ބޮޑެތި ބައެއް ޝަރީއަތްތަކާ ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުންތައް އޭނާ އަށް އަމާޒުވެފައިވެއެވެ. އަދި ހަލީމަކީ 2017 ވަނަ އަހަރު އޮކްޓޯބަރު މަހުގެ 28ވަނަ ދުވަހުގެ ހެނދުނުން ފެށިގެން ރޭގަނޑުގެ ދަންވަރާ ހަމައަށް 153 މައްސަލައެއްގެ ޝަރީއަތް ހިންގަވައި 66 މައްސަލައެއްގެ ހުކުމް އިއްވަވާ ރިކޯޑެއް ހައްދަވާފައިވާ މަޝްހޫރު ގާޒީއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ