ސައިރިކްސް ކޮލެޖުން 2018 ވަނަ އަހަރަށް އާ ޝިއާރެއް ލޯންޗްކޮށްފި

ސައިރިކްސް ކޮލެޖުން 2018 ވަނައަހަރުގެ ކޯސްތައް އިއުލާންކުރުމުގެ ގޮތުން ސިޓިޒަން ނޮޓް ޕޮލިޓީޝަންގެ ނަމުގައި އާ ޝިއާރެއް ލޯންޗްކޮށްފި އެވެ.މިޝިއާރާއި ގޫޅޭގޮތުން މީޑިއާ އާއި މައުލޫމާތު ހިއްސާކުރަމުން ސައިރިކްސްކޮލެޖްގެ ޑީން އޮފް ސްޓޫޑެންޓް އަނިލް އާދަމް ވިދާޅުވީ މިޝިއާރު އެކުލެވިގެންވަނީ އެކޮލެޖުން ދަސްވެނިވެގެން އަންނަ ކުދިންނަކީ ބަދަލުވަމުން އަންނަ ދުނިޔޭގައި ވާދަވެރިކަމާއިއެކު މަސައްކަތުގައި ކުރިއަށް ބޭނުންވާ ހުނަރުތައް ލިބިފައިވާ ބަޔަކަށް ހެދުންކަމަށެވެ. އަދި މި ވާދަވެރި ދުނިޔޭގައި ކިޔަވާ ދަރިވަރުންނަށް ލިބެންވާ ހަމައެކަނި އެއްޗަކީ އިލްމާއި ހުނަރުނޫކަން ފަހަގަ ކުރައްވާ އޭނާ ވިދާޅުވީ ޙިކުމަތާއި، ވިސްނުމުގެ ތޫނުފިލިކަމާއި، އިޖާދީ ވިސްނުން ކުދިންގެ ގައިގައި އަށަގެންނެވުމަކީ މުސްތަގުބަލްގައި އެދަރިވަރުންނަށް ވަރަށް ފައިދާކުރާނެ ކަމެއްކަމަށެވެ. އެހެންކަމުން ސައިރިކްސް ކޮލެޖުގެ ކޯސްތަކުގައި ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އަމާޒްކޮށްގެން އެދަރިވަރުންގެ ކިބައިގައި މިޚާއްސަ ސިފަތައް އިތުރަށް ތަރައްގީކުރުމަށްޓަކައި އިތުރު ހަރަކާތްތަކެއް އަންނަ އަހަރު ފެށިގެން ކުރިއަށް ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ސައިރިކްސް ކޮލެޖުން 2018 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން އެކޮލެޖުގެ ވައިސް ރެކްޓަރ އެކަޑަމިކް މުހައްމަދު ޝަރީފް ވިދާޅުވީ މިއަންނަ އަހަރު އެކޮލެޖުން ފެށުމަށް ހަމަޖެހިފައިވާ މުހިންމު ކޯސްތަކުގެ ތެރޭގައި މާސްޓާރސް އޮފް ބިޒްނަސް އެޑިއުކޭޝަން އިން އިންޓަރނޭޝަނަލް ބިޒްނަސް ޕްރޮގްރާމާއި، މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ކޯސް ހިމެނޭކަމަށް. މީގެ އިތުރުން އިންފޮމޭޝަން ޓޭކްނޮލޮޖީއާއި ވިޔަފާރީގެ ދާއިރާއިން ސެޓްފިކްޓް ލެވެލްއިން ފެށިގެން މަސްޓާޒް ލެވެލްގެ ކޯސްތަކަށް މިޙާރުވެސް ފުރުސަތު ހުޅުވާލެވިފައިވާއިރު، އަލަށް ތައާރަފްވަމުން އަންނަ ޑޭޓާސައިންސް، އާޓިފިޝަލް އިންޓެލިޖެންސް، ޕައިތަން، ކުލައުޑް ކޮމްޕިއުޓިން އަކީ 2018 ވަނަ އަހަރު ފެއްޓުމަށް އެކޮލެޖުގެ މަންހަޖުގެ ތެރޭގައި ހިމަނާނެ އިތުރު ދާއިރާތަކެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ސައިރިކްސް ކޮލެޖަކީ މީގެ 24 އަހަރު ކުރިން ފެށިގެން ތަފާތު އެކިލެވެލްގެ ކޯސްތައް ރާއްޖޭގައި ހިންގަމުންދާ އެންމެ ދުވަސްވީ އަމިއްލަކޮލެޖެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ