އުމަރު ކޯޓްގައި ވާހަކަދެއްކެވުމަށް ދެކޮޅުހަދައިފި


އުމަރު ނަސީރުގެ ފަރާތުން ހުށަހެޅުއްވި އިޖްރާއީ ނުކުތާ ބަލައި ނުގަންނަން ކޯޓުން ނިންމި ނިންމުން ލިޔުމުން ނުދިނުމުން މައްސަލައިގެ ޝަރީއަތުގައި ވާހަކަ ދެއްކެވުމަށް އޭނާ ދެކޮޅު ހައްދަވައިފިއެވެ.
 
ބަންދުގައިބަހައްޓަވައިގެން މިއަދުގެ ޝަރީއަތަށް އުމަރު ނަސީރު ހާޒިރުކުރުމަށް ކޯޓުން އަމުރުނެރެފައިވީނަމަވެސް އުމަރު ނަސީރު ކޯޓަށް ހާޒިރުވެވަޑައިގަތީ އަމިއްލަފުޅަށެވެ. މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބާތިލްކުރުމަށް އުމަރު ހުށައެޅުއްވި އިޖްރާއީ ނުކުތާއާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް ދެފަރާތަށް ފުރުސަތު ދީފައިވެއެވެ. އަދި ދެފަރާތުގެ ވާހަކަތަކަށް ފަހު މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އުމަރުގެ ފަރާތުން ހުށައަޅާފައިވަނީ އިޖްރާއީ ނުކުތާއެއް ނޫންކަމަށާއި އެ ނުކުތާ ބަލައި ނުގަންނަން ކޯޓުން ނިންމާކަމަށެވެ.
 
ގާޒީގެ އެ ނިންމެވުން ލިޔުމުން ދިނުމަށް އުމަރު ނަސީރްގެ ފަރާތުން ތަކްރާރްކޮށް އެދުމުންވެސް ގާޒީ ވިދާޅުވީ ލިޔުމުން ނުދެއްވާނެކަމަށެވެ. އަދި ކޯޓުން ނިންމާ ކޮންމެ ނިންމުމެއް ލިޔުމުން ދޭން ޖެހޭނަމަ މައްސަލަ ކުރިޔަށް  ނުގެންދެވޭނެކަމަށްވެސް ގާޒީ ވިދާޅުވިއެވެ. އެހެންނަމަވެސް އިޖްރާއީ ނުކުތާ ހިމެނޭ ގާނޫނު މާނަކުރަން ޖެހިއްޖެނަމަ މައްސަލައިގެ ތެރޭގައި އެކަން ކުރައްވާނެކަމަށް ގާޒީ ވިދާޅުވިއެވެ. ކޯޓުން ނިންމާ ނިންމުން އިސްތިއުނާފު ކުރުމުގެ ހައްގު ގާނޫނު އަސާސީން ލިބިދޭއިރު އެކަން ކުރަން ބޭނުންވާކަމަށް އުމަރު ނަސީރުގެ ވަކީލް ވިދާޅުވުމުންވެސް ގާޒީ އެކަމަށް ސަމާލްކަން ދެއްވާފައެއް ނުވެއެވެ.
 
ކޯޓުން ނިންމާ ނިންމުން ލިޔުމުން ނުދެއްވާނެކަމަށް ގާޒީ ވިދާޅުވުމުން މައްސަލައިގައި ވާހަކަ ދެއްކެވުމަށާއި ދިފާއުގައި ހެކިން ހުށައެޅުމަށް އުމަރު ނަސީރު ދެކޮޅު ހައްދަވައިފައިވެއެވެ. އެހެންނަމަވެސް ދައުލަތުން އުމަރު ނަސީރާ ދެކޮޅަށް ބައެއް ވީޑިއޯ ފުޓޭޖް ހުށައަޅާފައިވެއެވެ.
 
މައްސަލަގައި ވާހަކަ ދެއްކެވުމަށް އުމަރު ނަސީރު އިންކާރުކުރެއްވުމުން މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ ދައުލަތުން ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމަށް އަދި އެ އަޑުއެހުން ބާއްވާނެކަމަށާއި އެއަށްފަހު ހުކުމް އިއްވާނެކަން އިއުލާންކުރެއްވުމަށްފަހުގައެވެ. ދައުލަތުން އުމަރު ނަސީރާ ދެކޮޅަށް އުފުލާފައިވާ އަމުރަށް ނުކިޔަންމަންތެރިވުމުގެ ކުށުގެ ދައުވާއަށް އުމަރު ވަނީ އިންކާރުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ