MH370 ހޯދުމުގެ މަސައްކަތް މޫސުން ގޯސްވުމުގެ ސަބަބުން މެދުކަނޑާލައިފި


އިންޑިއާ ކަނޑުގެ ދެކުނުގެ ސަރަޙައްދަކަށް ވެއްޓުނުކަމަށް ބެލެވޭ މެލޭޝިއާ އެއަރލައިންސް ފްލައިޓް – އެމް.އެޗް.ތްރީ ސެވަންޓީގެ ބައިތައް ހޯދުމަށް ކުރަމުންދާ މަސައްކަތްތައް، މޫސުން ގޯސްވުމުގެ ސަބަބުން މެދުކަނޑާލައިފިއެވެ. އެމް.އެޗް.ތްރީ ސެވަންޓީ އެންމެ ފަހުން ދަތުރުކޮށް، ބޯޓުގެ ނިމުން އައިސްފައިވަނީ އިންޑިއާ ކަނޑުގެ ދެކުނުގެ ސަރަޙައްދަކަށްކަން މިހާރު ކަށަވަރު ކުރެވިފައިވާކަމަށާ، ބޯޓުގައި ތިބި ދުއިސައްތަ ތިރީސް ނުވަ މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ފުރާނަ ސަލާމަތް ވާނެކަމުގެ އުއްމީދެއް ނެތްކަން މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ރޭ ވަނީ އިޢުލާންކޮށްފައެވެ. އަދި އޮސްޓްރޭލިއާގެ ހުޅަނގުން ފެނުނު ބޯޓުގެ ބައިތައް ހޯދުމަށް ކުރަމުންދިޔަ މަސައްކަތްތައް މިވަގުތު މެދުކަނޑާލާފައިވަނީ ވައިގެ މަގުން ދަތުރުތައް ނުކުރެވޭ ވަރަށް މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ޚަބަރު ލިބެއެވެ.
އޮސްޓްރޭލިއާގެ ކަނޑުގެ ސަލާމަތާ ބެހޭ އިދާރާއިން ބުނީ، ގަދަޔަށް ވައިޖެހި ވާރޭ ވެހެމުން ދިއުމުގެ ސަބަބުން ރައްކާތެރި ކަމާއެކު މަތިންދާ ބޯޓުތަކަށް އުދުހެވެން ނެތްކަމަށެވެ. ބޯޓު ވެއްޓުނީ އޮސްޓްރޭލިއާގެ ހުޅަނގުން އެކަހެރިކޮށް އޮންނަ ސަރަޙައްދަކަށް ކަމަށް މެލޭޝިއާއިން ނިންމާފައިވާއިރު، ޗައިނާއިން ވަނީ މި ނިންމުން ނިންމުމަށް ބޭނުން ކުރި ސެޓަލައިޓް ފޮޓޯ ފޯރުކޮށްދިނުމަށް ޑިމާންޑްކޮށްފައެވެ.
 ސަތާރަ ދުވަސްފަހުން ބޯޓާ ބެހޭ މަޢުލޫމާތު މެލޭޝިއާ ސަރުކާރުން ހާމަކުރުމާއެކު ބޯޓުން ދަތުރުކުރި މީހުންގެ ޢާއިލާތަކަށް ބޮޑު ޝޮކެއް ޖެހިފައިވާކަމަށް ބައިނަލްއަޤްވާމީ ޚަބަރުތައް ބުނެއެވެ. ބައެއް ފަރާތްތަކަށް ސިއްޙީ ފަރުވާ ދޭންޖެހިފައިވާއިރު، އަނެއް ބައި ފަރާތްތަކުން ނުރުހުންފާޅުކޮށްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
 
އެމް.އެޗް.ތްރީ ސެވަންޓީއާއި އެންމެ ގާތަށް ޢާއިލާގެ މެމްބަރުން ގެންގޮސް ދިނުމަށްޓަކައި ބޯޓުން ދަތުރުކުރި މީހުންގެ ޢާއިލާތައް އޮސްޓްރޭލިއާއަށް ގެންދިއުމުގެ އިންތިޒާމް، މެލޭޝިއާ އެއަރލައިންސްއިން ކުރަމުން އަންނަކަމަށް ބައެއް މީޑިއާތަކުން ޚަބަރުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ