ސ.ހިތަދޫން މުޝައްރަފް ހަސަން
ދިވެހި ފުލުހުންނާއި ދިވެހި ސިފައިންނަކީ މިދިޔަ ސަރުކާރު ބަދަލުވުމުގައި ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިން ރައްޔިތުންނައި އެކީގައި މަސައްކަތްކުރައްވާ އެކަން ކާމިޔާބު ކުރެއްވި ބޭފުޅުން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
"އެއްވެސް ހާލެއްގައި ގާނޫނާއި ހިލާފަކަށް ފުލުހުންނާއި ސިފައިން އަމަލުކޮށްފައެއް ނެތް، ދިވެހި ގައުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން އެބޭފުޅުން މަސައްކަތްކުރެއްވީ، އެކަން އަބަދުވެސް އަޅުގަނޑުމެން ދަންނަން ޖެހޭނެ." އައްޑު އަތޮޅު ހިތަދޫ ޝަރަފުއްދީން ސްކޫލުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ޕީޕީއެމްގެ ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން މިހާރު ސީދާ ހަރަކާތުގެ ނަމުގައި ހިންގާ މުޒާހަރާތަކުގެ ސަބަބުން ސަލާމަތީ ބާރުތަކުގެ މީހުންނަށް އަނިޔާވަމުންދާ ކަމަށާއި އެހެންނަމަވެސް އެކަމަށް އެމީހުން ނުބަލާ ގައުމަށްޓަކައި ފުލުހުންނާއި ސިފައިން މަތިވެރި ގުރުބާނީއެއް ވަމުންދާ ކަމަށެވެ. އަދި ފުލުހުންނާއި ސިފައިން ވަމުންދާ ގުރުބާނީއަށް ރައީސް މައުމޫން ވަނީ ޝުކުރު ދަންނަވާފައެވެ.
އައްޑޫ ރައްޔިތުންނާއި މުޙާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްއިން ކުރެވުނު މަސައްކަތްތަކެއް ކޮށްގެން އައްޑު އަތޮޅު ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދެއްވުމަށްޓަކައި މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.
"އައްޑު އަތޮޅު ރައްޔިތުން އެދޭ ކަންތަކުގެ ވާހަކަ މިޖަލްސާގައި ދައްކައިފި، އެކަންތައްތައް ޕީޕީއެމްއިން ސަރުކާރުގައި ދަންނަވައިގެން ކުރެވޭތޯ ބަލާށޭ، ޕީޕީއެމްގެ އިންތިގާލީ ރައީސްގެ ހައިސިއްޔަތުން ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތްތަކެއްކޮށްގެން އެޅުނު ކޮންމެ ބާރެއް އަޅައިގެން އައްޑު އަތޮޅު ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދެއްވުމަށް މަސައްކަތްކޮށް ދެއްވާނަމޭ." ރައީސް މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމް އިން އައްޑޫގައި ބޭއްވި ޖަލްސާގައި އެޕާޓީ އަށް ތާއީދުކުރާ ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.
ރައީސް މައުމޫން އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ވަނީ ފުރާ ވަޑައިގެންފައެވެ.
ސިފައިންނާއި ފުލުހުން ވެރިކަން ބަދަލުކުރީ ގާނޫނީ އިމުގެ ތެރެއިން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ