އެބޯލާ ބައްޔަށް ސަމާލުވެވިފައި ނުވާ ކަމަށް ޑަބްލިއުއެޗްއޯ އިން އެއްބަސްވެއްޖެ

އެބޯލާ އާއިމެދު ސަމާލުވާންޖެހޭ ވަރަށް ސަމާލުވެވިފައި ނުވާ ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ވެރިޔާ މާގަރެޓް ޗޭން ވިދާޅުވެއްޖެ އެވެ.
އެ އިދާރާގެ އިމަޖެންސީ ސެޝަނެއްގެ ފަހުން ބޭއްވި ބައްދަލުވުމެއް ނިންމަވާލެއްވުމަށްފަހު ޗޭން ވިދާޅުވީ އެބޯލާ މިދިޔަ އަހަރު ފުޅާކޮށް ފެތުރުނު އިރު، ޑަބްލިއުއެޗްއޯ އަށް ހަރަކާތްތެރިވެވިފައި ނުވާ ކަމަށެވެ. ނަމަވެސް މިހާރު އެކަމަށް ފުރިހަމައަށް ތައްޔާރުވެވިފައިވާ ކަމަށް ޗޭން ވިދާޅުވި އެވެ.
މިއީ ހުޅަނގު އެފްރިކާގެ ގައުމު ތަކުން މިފަދަ ބައްޔަކާއި ކުރިމަތިލީ ފުރަތަމަ ފަހަރު ކަމަށާއި މިފަހަރު ޑަބްލިއުއެޗްއޯ އަށް ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިފައިވާ ކަމަށް ޗޭން ވިދާޅުވި އެވެ. އަދި އެބޯލާ ފަދަ ބަލިތަކާއި ކުރިމަތިލުމަށް ޑަބްލިއުއެޗްއޯ ތައްޔާރު ކަމަށްވެސް ޗޭން ވިދާޅުވި އެވެ. މީގެ އިތުރުން މިއަހަރުގައި ޑަބްލިއުއެޗްއޯގެ އެންމެ ބޮޑު އަމާޒަކީ އެބޯލާ ޖެހޭ މީހުންގެ ރޭޓް ސުމަކަށް ޖެއްސުމަށް ކަމަށެވެ.
ޑަބްލިއުއެޗްއޯގެ ބައްދަލުވުމުގައި އެބޯލާ އާއި ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި 100 މިލިއަން ޑޮލަރުގެ ފަންޑެއް ގާއިމްކުރުމަށް އެއްބަސްވެފައިވެ އެވެ. މި ފަންޑަށް އިގިރޭސިވިލާތުން ވަނީ 10 މިލިއަން ޑޮލަރު ދިނުމަށް ނިންމާ އެކަން އިއުލާންކޮށްފަ އެވެ. އަދި، އެބޯލާ ޖެހިފައިވާ މީހުންނަށް ދެވޭ ފަރުވާ އާއި ވެކްސިން ތައްޔާރުކޮށް އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް މިއަހަރުގެ ތެރޭގައި ކުރެވޭނެ ކަމަށްވެސް ޗޭން ވިދާޅުވި އެވެ.
ޗޭން ވިދާޅުވީ ކޮންމެ ގައުމެއްގައި ސިއްހީ ހިދުމަތްދޭ ފަރާތްތަކުގެ ތެރެއިން ބަޔަކު އެބޯލާ ޖެހޭ މީހުންނަށް ސިއްހީ ހިދުމަތް ދިނުމަށް ހާއްސަ ތަމްރީނުތަކެއް ހޯދަންޖެހޭ ކަމަށާއި މި ފަރާތްތަކުގެ މަސައްކަތްތަކަކީ އިމަޖެންސީ ހާލަތްތަކުގައި ވަގުތުން ހަރަކާތްތެރިވުން ކަމަށެވެ.
މިދިޔަ އަހަރު ހުޅަނގު އެފްރިކާގެ ގައުމުތަކުގައި އެބޯލާ ފެތުރުނު އިރު، 9000 މީހުން މަރުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ