ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމާއި މެދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަޝްވަރާކުރައްވާފައިނުވާ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް މައުމޫން ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވަފާނެ ކަމުގެ އިޝާރާތެއް ގާސިމް ކުރެއްވި ކަމަށާއި ނަމަވެސް އެކަމާއި ގުޅޭ މަޝްވަރާތައް ކުރައްވާފައިނުވާ ކަމަށެވެ.
"ތެދެއް އަޅުގަނޑަށް އިޝާރާތެއް ކުރެއްވި، އެކަމަކު އަޅުގަނޑުމެން މަޝްވަރާއެއް ނުކުރަން، އެކަމަށް މަޝްވަރާކޮށްފައެއް ނުވާނެ، އަދި ވަކިކަމަކަށް އެއްބަސްވެފައެއް ނުވާނެ، އެމަނިކުފާނު ވިދާޅުވި އަޅުގަނޑު ކައިރީގައި އެވާހަކަ." ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް މައުމޫން ވިދާޅުވި އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ މަޖިލީހުގައި ރައީސްކަން ކުރައްވަނީ އެންމެ ގިނަ ގޮނޑި ލިބޭ ޕާޓީއެއްގެ މެންބަރަކު ކަމަށާއި ރާއްޖޭގައި ވެސް މީގެކުރިން އަމަލުކޮށްފައިވަނީ އެގޮތަށް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން 2009 ވަނަ އަހަރު އަޅުގަނޑު ހުރީ ޑީއާރުޕީގެ ޒައީމެއްގެ ގޮތުން، އޭރު އަޅުގަނޑުމެންނަށް ގިނަ ގޮނޑި ލިބުނީ، އެހެންވީމަ ޑީއާރުޕީގެ ބޭފުޅެއް ކަމަށްވާ އަބްދުﷲ ޝާހިދު އިންތިހާބުކުރީ އެގޮތަށް ބަލާފައި، އެހެންވީމަ އެއީ ދެން އަމަލު ކުރަމުން އަންނަ އުސޫލެއް." މައުމޫން ވިދާޅުވި އެވެ.
މަޖިލިސް ރައީސް ކަމަށް ކުރިމަތިލެއްވުމާއި މެދު އިތުރަށް މަޝްވަރާކުރުމަށްފަހު އަމަލުކުރާނެ ގޮތެއް އާންމުކޮށް އިއުލާންކުރާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާންކޮށްފައިވަނީ ގާސިމް އިބްރާހިމް އެކަންޏެވެ. ނަމަވެސް ޕީޕީއެމުން ބުނެފައިވަނީ މަޖިލީހުގެ ރައީސް ކަމަށް އެޕާޓީން ބޭފުޅަކު ވާދަކުރައްވާނެ ކަމަށެވެ. އިދިކޮޅު އެމްޑީޕީން ބުނެފައިވަނީ މަޖިލީހުގެ ރައީސްއަށް ބޭފުޅަކު އައްޔަންކުރުމާއި މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.
މަޖިލިސް ރައީސް ކަމަށް ކުރިމަތިލެއްވުމާ މެދު ގާސިމް މަޝްވަރާ ނުކުރައްވާ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ