ސްކޫލް ދަރިވަރުންނަށް މެރިން މެކޭނިކް ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެމްއެންޑީއެފް ގުޅިގެން  ސްކޫލް ދަރިވަރުންނަށް ހިންގާ "މެރިން މެކޭނިކް ކޯސް"  މިއަދު ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ އެކި ސްކޫލްތަކުން ޖުމްލަ 11 ދަރިވަރަކު ބައިވެރިވި މިކޯސް ހިންގަމުންދާނީ އެމްއެންޑީއެފްގެ އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް އިން ކަމަށެވެ.
ތިން މަސް ދުވަހުގެ މުއްދަތަށް ހިންގާ މިކޯހުގައި ޢިމާދުއްދީން ސްކޫލާއި ހުޅުމާލޭ ޣާޒީ ސްކޫލާއި ޖަމާލުއްދީން ސްކޫލްގެ އިތުރުން ދަރުމަވަންތަ ސްކޫލްގެ ދަރިވަރުން ބައިވެރިވި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އެމްއެންޑީއެފް އިން ބުނީ އެމްކިއުއޭގެ ލެވެލް 3 ގެ ފެންވަރަށް ހިންގާ މިކޯސް ނިންމާ ދަރިވަރުންނަށް އިންޖީނަށް ދިމާވާ ކުދިކުދި މައްސަލަތައް ރަނގަޅު ކުރަން އެނގުމުގެ އިތުރުން ފަސްޓް އެއިޑާއި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ރައްކާތެރިވާނެ ގޮތާއި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައްވެސް ދަސްކޮށްދެވޭނެ ކަމަށެވެ.
އަދި މެރިން އިންޖީން ބެލެހެއްޓުމުގެ ތަޖްރިބާ ހޯދުމަށް ކޯސްޓްގާޑްގެ އުޅަނދު ފަހަރުތަކަށްވެސް ކޯހުގެ ދަރިވަރުން ޒިޔާރަތްކުރާނެ ކަމަށާއި މިކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ލެވެލް 1 ، 2 އަދި ލެވެލް 3 ނިމުމުން ކޮންމެ ލެވެލަކަށްވެސް ސެޓްފިކެޓް ދޭ އުސޫލުން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ