ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެއް މިލިއަނާ ހަމައަށް ފައިސާ ނެގޭ ލޯން ސްކީމަށް އެމްއެމްއޭގެ ގެރެންޓީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެއް މިލިއަނާ ހަމައަށް ފައިސާ ނެގޭފަދަ ލޯން ސްކީމަށް ގެރެންޓީ  ދިނުމަށްޓަކައި  މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އިސްލާމިކް ބޭންކް އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމްއެމްއޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އޮތޯރިޓީގެ ލޯން ސްކީމް ގެރެންޓީ ތައާރަފުކުރުމަށް އެމްއެމްއޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ ގަވަރުނަރު އަޒީމާ އާދަމް އެވެ. ބީއެމްއެލްގެ ފަރާތުން ސީއީއޯ އެންޑްރޫ ހީލީ ސޮއިކުރައްވާފައިވާއިރު އިސްލާމިކް ބޭންކްގެ ފަރާތުން ސޮއިކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރު ހާރިސް ހާރޫނެވެ.
އެ ރަސްމިއްޔާތައްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކްރެޑިޓް ސްކީމްގެ ހެޑް އެމްއެމްއޭއިން އިބްރާހިމް ނާސިރު ވިދާޅުވީ މިއަދު ތައާރަފުކުރި ލޯން ސްކީމްގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަންޑުކުރުމަށް 100،000 ރުފިޔާއިން ފެށިގެން އެއް މިލިއަނާ ހަމައަށް ލޯން ގެރެންޓީ ދެވޭނެ ކަމަށެވެ.
"މިއަދު ސޮއި ކުރެވިގެން މިދިޔައީ ބީއެމްއެލް އާއި އިސްލާމިކް ބޭންކްއާ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި ހުރިހާ ބޭންކެއްވެސް ބައިވެރިވާނެ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ސްކީމުގެ ދަށުން ނަގާ އިންޓްރެސްޓް ކުޑަ ވެގެންދާނެކަމަށެވެ. އެ ސްކީމަށް އެޕްލައިކުރުމަށްޓަކައި ކުންފުންޏަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގައި ރެޖިސްޓާ ކޮށްފައިވާ ކުންފުންޏަކަށް ވާންޖެހެއެވެ. އޭގެ އިތުރުން އެ ކުންފުންޏަކީ 100 އިންސައްތަ ދިވެހިންގެ ކުނފުންޏަކަށް ވުމަކީވެސް ޝަރުތކެވެ. އެ މުޅި ލޯން ސްކީމަކީ 50 މިލިއަން ރުދިޔާގެ ސްކީމެއް ކަމަށް އިބްރާހިމް ނާސިރު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ދޫކުރާ ލޯނުގެ 90 އިންސައްތަ އެމްއެމްއޭއިން ވަނީ ދެއްކުމަށް ހަމަޖެހިފައެވެ. އޭގެ ސަބަބުން ރަހުނަށް ދިމާވާ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވަނީ ވިިދާޅުވެފައެވެ.
އެމްއެމްއޭއިން ހަަމަކޮށްފައިވާގޮތުގައި މި ސްކީމުގައި އިސްކަމެއް ދެވޭނީ ފަތުރުވެރިކަމުގެ ދާއިރާއަށާއި ދަނޑުވެރިކަމުގެ. ދާއިރާއަށާއި މަސްވެރިކަމާއި ކޮންސްޓްރަކްޝަންގެ ދާއިރަށެވެ. އޭގެއިތުރުން ދަތުރުފަތުރާއި އައިޓީ އަދި ކްރިއޭޓިވް އާޓަށްވެސް މި ސްކީމުގައި ބޮޑު އަހައްމިއްޔަތެއް ދެވޭނެއެވެ.
އެ ސްކީމިގެ ދަށުން ފަސް އަހަރުގެ މުއްދަތަކާ ހަމައަށް ލޯނުގެ ފައިސާ ދައްކާ ހަލާސްކުރުމުގެ ފުރުސަތުތައްވެސް ލިބިގެންދާނެއެވެ. އެ ސްކީމަށް އެޕްލައި ކުރުމުގެ ފުރުސަތު މިހާރުވަނީ  ބީއެމްއެލް އަދި އިސްލާމިކް ބޭންކުން ހުޅުވާލާފައެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ