ރިސޯޓުތައް 99 އަހަރަށް ކުއްޔަށް ދޫކުރުމާ މެދު ދެކޮޅު ނުހަދާ ކަމަށާއި އެހެން ނަމަވެސް ރިސޯޓުތަކުގެ ކުއްޔަށް ދައްކަން ޖެހޭ ފައިސާ އެއް ފަހަރާ ނެގުމަށް ދެކޮޅު ހައްދަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވެފައި ވަނީ ޓޫރިސްޓު ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްތައް 99 އަހަރަށް ކުއްޔަށް ދިނުމަށް ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލާ ބެހޭ ގޮތުން އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ޓޫރިޒަމް ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތަށް ދައުލަތަށް ދައްކަން ޖެހޭ ފައިސާ އެއްފަހަރާ ދެއްކޭނީ މަދު ފަރާތަކަށް ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ ދިގު މުއްދަތަކަށް ރަށްތައް ދޫކުރާއިރު ދައުލަތަށް ދައްކަން ޖެހޭ ފައިސާއަކީ ދެމެހެއްޓެނެވި ގޮތަކަށް ދެވޭ އެއްޗެއްގެ ގޮތުގައި ހަދަން ޖެހޭ ކަމަށާއި ގިނަ ބަޔަކަށް ބައިވެރިވެވޭނެ ގޮތަކަށް އެކަން ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
އަދި މި ދާއިރާގައި މިހާރު ތިބި ފަރާތްތަކަށާއި ދާއިރާއަށް އަލަށް އަންނަ ވިޔަފާރިވެރިންނާއި މެދު އޮންނަ ތަފާތު ކުރުން ވީހާވެސް ކުޑަކުރެވޭ ގޮތަކަށް މަސައްކަތްކޮށް އެއް އުސޫލެއްގައި ހިފަހައްޓަން ޖެހޭ ކަމަށާއި، މަސްލަހަތު ރަނގަޅުވާނީ އޭރަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން މިހާރު ކުޑަކޮށް ދަށްވެފައިވާ ކަމަށާއި، އަވަށްޓެރި ސްރީ ލަންކާ އާ އިންޑިއާ ފަދަ ގައުމުތަކުން ފަތުރުވެރިކަން ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު ރާއްޖެ އަކީ އެ މީހުންނަށް ހުރި ގޮންޖެހުމަކަށް ވާންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އެކަމަކު ހަގީގަތަކީ މިއަދު އަނެއްކާވެސް ރާއްޖޭގެ ފަތުރުވެރިކަން އޮތީ ޑިކްލައިންއެއްގައި. ޗައިނާ މާކެޓު ވެސް ދިޔައީ. ރަޝިޔާ މާކެޓު ވެސް ފުލޮޕް ވެގެން ދިޔައީ. މިހެން ގޮސް ވަރަށް ގިނަ ޔޫރަޕް މާކެޓުތައް ވެސް ހަމަ ޑިކުލައިން ވެގެން ދަނީ. މިއަދު ހަގީގަތަކީ 40 އިންސައްތަ ރާއްޖޭގެ ރަށްރަށުގައި އޮކިއުޕަންސީއެއް ނެތް. މިއީ ހަގީގަތް. މި ހަގީގަތް އޮޅުވައެއް ނުލެވޭނެ. މިހާރު ވެސް ސާވޭ ކޮށްގެން ބަލާބަލަ އަޅެ،" ގާސިމް ވިދާޅުވިއެވެ.
ދިގު މުއްދަތަކަށް ރަށްތައް ދޫކުރުމަކާއި ދެކޮޅެއް ނޫން، އެއް ފަހަރާ ކުލި ނެގުމާ ދެކޮޅު - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ