ދިވެހި ޓްރެފިކް ފުލުހުން ހޯދާ ފައިސާގެ 70 އިންސައްތަ ފުލުސް މީހާ އަށް ދޭންވީއެއްނު؟

މާލޭގައި ޓްރެފިކް ފުލުހުން ވެހިކަލްތަކުގައި ސްޓިކާ ޖަހާ މައްސަލަ އަކީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ މައްސަލައެކެވެ. ޤަވައިދާއި ހިލާފަށް ޕާކް ކުރާ ވެހިކަލްތައް ޓޯ ކުރުމާއި ސްޓިކާ ޖެހުން އަދި އެހެންވެސް ޓްރެފިކް މައްސަލަތަކުގައި މީހުން ޖޫރިމަނާ ކުރަނީ ސަރުކާރު ހިންގަން ފައިސާ ހޯދަން ކަމަށް ބައެއް މީހުން ބުނެއެވެ.
އަޅުގަނޑުމެންގެ ސިޔާސީ ފިކުރު މިވަނީ ރަނގަޅު އެއްގޮތް ވެސް ނޯންނަ ވަރަށް ބައިބައި ވެފައެވެ. އެހެންކަމުން ޓްރެފިކް ފުލުހުން ހޯދާ ފައިސާގެ 70 އިންސައްތަ އެފައިސާ ހޯދި ފުލުހަކަށް ދިނުމުގެ ޚިޔާލަކީ ވެސް ޙަޤީޤަތަކަށް ހެދި ދާނެ ޚިޔާލެއް ހެނެއް ހިޔެއް ނުވެއެވެ.
ޓްރެފިކް ފުލުހުން ހޯދާ ފައިސާގެ 70 އިންސައްތަ ދިވެހި ފުލުހުންނަށް ދިނުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވީނަމަވެސް އެކަން ކުރާ ގައުމެއް އެބަ އޮތެވެ. އެއީ ކެމްބޯޑިއާ އެވެ.
ކެމްބޯޑިއާގައި ޓްރެފިކް މައްސަލަތަކުގައި ޤަވައިދާއި ހިލާފުވެގެން ފުލުހުން ޖޫރިމަނާ ކުރާ މީހުންގެ އަތުން ފުލުހުން ނަގާ ޖޫރިމަނާގެ ފައިސާގެ ތެރެއިން 70 އިންސައްތަ ލިބެނީ އެމީހަކު ޖޫރިމަނާ ކުރި ފުލުސް އޮފިސަރަށެވެ.
މިހާރު ވެސް ކޮރަޕްޝަންގެ ސަބަބުން ބޮއްސުން ލާފައި އޮންނަ ކެމްބޯޑިއާގެ ފުލުހުންގެ އިދާރާއަށް މިގެނައި ބަދަލުގެ ސަބަބުން ކޮރަޕްޝަންގެ ގޮތުގައި ފުލުސް އޮފިސަރުން ފައިސާ ހޯދުން މަދުވެގެން ދާނެ ކަމަށް ކެމްބޯޑިއާގެ ފުލުހުންގެ އިދާރާ އިން އުންމީދު ކުރެއެވެ. އަދި މިކަމުގެ ސަބަބުން ޓްރެފިކް މައްސަލަތައް މަދުކުރުމަށް ފުލުހުން އިތުރަށް މަސައްކަތް ކުރާނެ ކަމަށް ވެސް ކެމްބޯޑިއާ ފުލުހުންގެ އިދާރާ އިން އުންމީދު ކުރެއެވެ.
އަލަށް އަމަލުކުރަން ފެށި އުސޫލުގެ ދަށުން ޖޫރިމަނާ ކުރުމުން ލިބޭ ފައިސާގެ ތެރެއިން 70 އިންސައްތަ ފުލުސް އޮފިސަރަށް ލިބޭއިރު ބާކީ 30 އިންސައްތައިގެ ތެރެއިން 25 އިންސައްތަ ލިބެނީ އެފުލުސް އޮފިސަރަކު ނިސްބަތްވާ ޕޮލިސް ސްޓޭޝަނަކަށެވެ. އަދި 5 އިންސައްތަ ލިބެނީ ކެމްބޯޑިއާގެ ފިނޭންސް މިނިސްޓްރީ އަށެވެ.
މިޚަބަރު ކިއުމަށް ފަހު ރާއްޖޭގެ ސިޔާސީ ބޭފުޅަކު އަންނަ ރިޔާސީ އިންތިޙާބުގެ ވަޢުދަކަށް ވެސް މިކަން ހަދާފާނެ ތޯއްޗެކެވެ. ނުވަތަ މަޖިލިސް މެންބަރުންގެ ވަޢުދަކަށް ވެސް މިކަން ވެދާނެއެވެ. ނޫނީ 24 ގަޑިއިރު ތެރޭގައި ފާސްކޮށްލާ ޤާނޫނަކުން ފުލުހުންނަށް މިފައިސާ ލިބޭނެ ގޮތް ވެސް ހަދާފާނެއެވެ. އޭރުން ރައްޔިތުން ބުނާނީ ކީކޭ ހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ