ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު މާލެ ސިޓީ ފޮގް ކުރަނީ

ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު މާލެ ސިޓީ ފޮގް ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، މިއީ ގިނަ އަދަދަކަށް މަދިރި އާލާވާ ދުވަސްކޮޅަކަށް ވުމާއެކު، މާލޭގައި ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު މަދިރިއަށް ފޮގް ކުރުން އޮންނާނެ ކަމަށެވެ. އެގޮތުން، ފޮގް ކުރާނީ، އިރުއަރާ ވަގުތާއި، އިރުއޮއްސޭ ވަގުތު ކަމަށް އެ ކައުންސިލުން ބުނެއެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ، މި ގަޑިތަކުގައި އެ ކައުންސިލުގެ ފޮގް ޓްރަކް ބޭރުތެރޭގައި އުޅޭނެ ކަމަށާއި، އެހެންކަމުން އެކަމަށް ހުރިހާ ރައްޔިތުން ވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެ ކައުންސިލުން ބުނީ، މި ގަޑި އިހްތިޔާރުކޮށްފައި ވަނީ، މިއީ މަދިރި އެންމެ ގިނައިން ހަރަކާތްތެރިވާ ގަޑިތަކަށް ވުމުން ކަމަށެވެ.
އެ ކައުންސިލުން ވަނީ މަދިރި އާލާވުން ހުއްޓުވުމަށްޓަކައި ރައްޔިތުންގެ އެއްބާރުލުމަށް ވެސް އެދިފައެވެ. އެގޮތުން، ގޭގައި ތިބެ މަދިރި އާލާވެދާނެ ފަދަ ތަންތަން ނައްތާލުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން ވެސް މާލެ ސިޓީ ކައުންސިލުން ދަނީ ކޮވިޑް-19ގެ ސަބަބުން މާލޭގެ މަގުތައް ކްލޮރިން ބޭނުންކޮށްގެން ސާފު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މި މަސައްކަތް ކުރަމުން ދަނީ މާލެ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ