ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމް އިނގިރޭސިވިލާތުން އެނބުރި ސިންގަޕޫރަށް ވަޑައިގެންފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނެތް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ވީނިއުސް އިން ދެންނެވި ސުވާލަކަށް މިއަދު ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ނާޒިމް ސިންގަޕޫރަށް ބޭސްފަރުވާއަށް ފޮނުވުމުން ހުއްދައެއް ނެތި އިނގިރޭސިވިލާތަށް ވަޑައިގެންނެވި ފަހުން އެނބުރި ސިންގަޕޫރަށް ވަޑައިގެންފައިވާ ކަމަށް މީޑިއާ ރިޕޯޓް ކުރުމުން އެކަން ބެލި ކަމަށެވެ. ނަމަވެސް ނާޒިމް ސިންގަޕޫރަށް ވަޑައިގެންނެވި ކަމުގެ އެއްވެސް ސައްހަ މައުލޫމާތެއް މިހާތަނަށް ސަރުކާރަށް ލިބިފައި ނެތް ކަމަށެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ނާޒިމް ރާއްޖެ ގެނައުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްދާ ކަމަށެވެ. ނަމަވެސް ނާޒިމް އަނބުރާ ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތުގައި އިނގިރޭސިވިލާތުގެ ކަމާ ގުޅުންހުރި ފަރާތްތަކުގެ އެކަށީގެންވާ އިޖާބަ ލިބިފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު މީގެ ކުރިން ވިދާޅުވީ ގައިދީއަކު ބޭސްފަރުވާ ކުރުމަށް ވަކި ގައުމަކަށް ފޮނުވުމުން ހުއްދަ ނުހޯދާ އެހެން ގައުމަކަށް ދިއުމަކީ ފިލުން ކަމުގައި ބެލެވޭނެ ކަމަށެވެ. އެހެންކަމުން ނާޒިމް ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރު އުމަރު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އަދި ނާޒިމަށް ސިންގަޕޫރުން އިނގިރޭސިވިލާތަށް ވަޑައިގެންނެވުނު ގޮތެއް ބަލަމުންދާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވެސް ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމްގެ ބޭސް ފަރުވާގެ މުއްދަތު އިތުރު ކުރެވެން ނެތްކަން އަންގާ 48 ގަޑިއިރުގެ ތެރޭގައި ރާއްޖެ ވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިދިޔަ މަހުގެ 17 ވަނަ ދުވަހު ނާޒިމަށް ވަނީ އަންގާފަ އެވެ. މި މުއްދަތު ހަމަވެގެންދިޔައިރު ނާޒިމްގެ ފަރާތްޕުޅުން އެއްވެސް ޖަވާބެއް ލިބިފައި ނެތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވެސް ވަނީ ބުނެފަ އެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަހްމަދު ނާޒިމް ސިންގަޕޫރަށް ވަޑައިގެންނެވީ ސިއްހީ ފަރުވާ ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުއްދަ ލިބިގެން 10 ޑިސެމްބަރު 2015 ގައެވެ. ބޭސް ފަރުވާއަށް ދިން މުއްދަތު އިތުރުކޮށްދިނުމަށް ދެފަހަރެއްގެ މަތިން ނާޒިމް އެދިވަޑައިގަތުމުން ކަރެކްޝަންސް އިން ވަނީ މުއްދަތު އިތުރުކޮށްދީފަ އެވެ. ނަމަވެސް ތިންވަނަ ފަހަރަށް މުއްދަތު އިތުރުކޮށްދިނުމަށް އެދިވަޑައިގަތުމުން ކަރެކްޝަންސް އިން ވަނީ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް ނާޒިމަށް އަންގާފަ އެވެ.
ނާޒިމް އުމުރު ދުވަހަށް ނުވަތަ 25 އަހަރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުގެ އިއްތިފާގުން ހުކުމްކުރީ ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަަލައިގެ ތެރެއިން އެއް މައްސަލަ ސާބިތުވުމާއި ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ. އެހެން ދައުވާތައް ޕީޖީ އޮފީހުން މިހާރު ވަނީ އަނބުރާ ގެނެސްފަ އެވެ.
ނާޒިމް އެނބުރި ސިންގަޕޫރަށް ވަޑައިގެންނެވިކަމުގެ މައުލޫމާތު ލިބިފައެއް ނެތް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ