ބޭސްފަރުވާގެ މުއްދަތު އިތުރު ކޮށްދިނުމަށް މެމްބަރު ނާޒިމް ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ބޭސް ފަރުވާއަށް ރާއްޖެ އިން ބޭރުގައި ހުންނެވުމުގެ މުއްދަތު އިތުރުކޮށްދެއްވުމަށް އެދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ހުށަހަޅައިފި އެވެ. ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ރަމީޒު "ސަން" އަށް މިއަދު ވިދާޅުވީ ބޭސް ފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ނާޒިމް ހުށަހެޅުއްވީ މިދިޔަ ހަފްތާގެ ތެރޭގައި އެވެ. އަދި ވިދާޅުވީ އެކަމާ ގުޅިގެން ގޮތެއް ނިންމާނީ ކަރެކްޝަންސްގެ މެޑިކަލް ބޯޑުން ކަމަށެވެ. މެމްބަރު ނާޒިމް ބޭސްފަރުވާއަށް ދީފައިވާ މުއްދަތު މީގެ ކުރިން އަދި އެއްފަހަރު ވަނީ އިތުރުކޮށްދީފަ އެވެ. އިތުރުކޮށްދީފައިވާ މުއްދަތު މި މަހުގެ 5 ވަނަ ދުވަހަށް ވަނީ ހަމަވެފަ އެވެ. ނާޒިމް ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ވަޑައިގަތީ މަހަކަށް ވުރެ ގިނަ ދުވަހު އައިޖީއެމްޗުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯއްދެވުމަށްފަހު އެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ނާޒިމް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީ އިން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރި މައްސަލައާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ