އަނެއްކާވެސް އައްޑޫ ފްލައިން ސްކޫލް ހިންގާނެ ފަރާތެއް ހޯދަން ހުޅުވާލާނީ

އައްޑޫ ފްލައިންސްކޫލް ހިންގުމުގެ އެއްބަސްވުން އާކުރުމުގެ ބަދަލުގައި އަލުން ބީލަމަށް ހުޅުވާލަން ނިންމާފައި ވާކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ)އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން އައްޑޫ ފްލައިން ސްކޫލާ ގުޅުންހުރި ކަންބޮޑުވުންތައް ބެއްލެވުމަށް މިހާރު އައްޑުއަށް ކުރަމުންދާ ދަތުރުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އޭއައިއޭގެ މެނޭޖިންގް ޑިރެކްޓަރު ގައިސް ނަސީރު ވިދާޅުވީ ފްލައިން ސްކޫލް ހިންގުމުގެ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރުގެ ޖުލައި މަހަށް ހަމަވާނެކަމަށެވެ.
އެއާއެކު މި އެއްބަސްވުން އާކުރުމުގެ ބަދަލުގައި މިހާރު ނިންމާފައިވަނީ ފްލައިން ސްކޫލެއް ހިންގުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ މިހާރު މިހިންގާ ގޮތަށް ދިގު މުއްދަތެއްގައި ފްލައިން ސްކޫލު ހިންގާނަމަ އެއާޕޯޓަށް ގެއްލުންވާތީ ކަމަށެވެ.
މި ބައްދަލުވުމުގައި މަޖިލީހުގެ ކޮމެޓީން ވަނީ ފްލައިން ސްކޫލުގެ މައްސަލާގައި އެއާޕޯޓާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން އެކި ކަންކަން އޮޅުން ފިލުވާ ފްލައިން ސްކޫލުގެ އެއްބަސްވުމުގައި ހުރި ކަންކަމާ ގުޅޭ ގޮތުންވެސް މައުލޫމާތު ސާފު ކޮށްފައެވެ.
އެކޮމެޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ވިދާޅުވީ މިދަތުރުގައި ކަމާއި ގުޅުން ހުރި އިދާރާއަކާއި ފްލައިން ސްކޫލުގެ ދަރިވަރުންނާއިވެސް ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަލުން އެ ސްކޫލުގެ ހިންގުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވާއިރު، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން މީގެކުރިންވެސް ދެ ފަހަރެއްގެ މަތިން އައްޑޫގައި ފްލައިން ސްކޫލެއް ހިނގާނެ ބަޔަކު ހޯދުމަށް ވަނީ އިއުލާން ކޮށްފައެވެ.
ފްލައިން ސްކޫލުގެ މައްސަލައާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ފެށުނީއްސުރެވެސް ފްލައިން ސްކޫލްގެ މިފަދަ މައްސަލަތަކެއް އޮތް އިރު ރާއްޖޭގައި ހިންގާ ހަމައެކަނި ފްލައިން ސްކޫލަށް ވެފައި މިފަދަ ކަންކަމަށް ފިޔަވަޅު ނާޅާ މައްސަލަ ހައްލު ނުކުރެވި އޮތުމުން ގިނަ ބަޔަކުވަނީ ސިވިލް އޭވިއޭޝަނާއި ޓްރާޏްސްޕޯޓް މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަނަށް ފާޑުކިއުންތައް އަމާޒުކޮށްފައެވެ.
މީގެ ކުރިން ފްލައިން ސްކޫލްގައި ހިންގާ ކޯސްތައް އެ ސްކޫލްގެ އިހުމާލުން ލަސްވަމުން ދާތީ ދަރިވަރުން އެ ކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ. މިހާރު މި މައްސަލަ ސިވިލް އޭވިއޭޝަން އާއި، އޭޑިއުކޭޝަންއާއި ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅާފައިވާ އިރު މި މައްސަލަ ދަނީ އެތަންތަނުން ބަލަމުންނެވެ.
އަދި އެ މައްސަލައިގައި ދާދި ފަހުން ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް ވެސް ގޮސްފައިވާއިރު، އެކަމަށް އަދިވެސް ހައްލެއް ލިބިފައިނުވާކަމަށް ދަރިވަރުން ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ