ތ. ވިލުފުށީ އުތުރުކޮޅު ފަޅުތެރޭގައި އޮންނަ ފާނަކޮއްޓާ ދިމާލުން އެއްގަމަށް، މި މަހު ކުރީކޮޅު އަރާ އޮތް ކިނބުލެއް ހިފުމަށް، އެ ފާނަކޮށީގައި މަސައްކަތްކުރާ ބަނގްލަދޭޝް މީހަކު ޝައުގުވެރިވި އެވެ. އެއްބައި މޫދުގައި އޮތް އެ ކިނބޫ ހިފަން އޭނާ ކައިރިވި އިރު، އެއަށް ވުރެ ބޮޑު ކިނބުލެއް ބޯ ހިއްލާލައި އޭނާ އަށް ބަލައިލި އެވެ. ކިނބޫ ހިފަން ދިޔަ މީހާ ގަތް ބިރުން، އެ ވާހަކަ ފުލުހުންނަށް ރިޕޯޓުކުރި އެވެ.
ރަށުގެ އުތުރުކޮޅުން ބިދޭސީ މީހާ އަށް ކިނބޫ ފެނިފައިވަނީ އެ ރަށް ކައިރީގައި އޮންނަ ހޮނޑަލިފުށި ކިޔާ ރަށަކުން ކިނބުލެއް ހިފިތާ ތިން މަސް ވެސް ނުވަނީހެވެ. ޖެނުއަރީ 15 ގައި އެ ކިނބޫ ފެނުނީ އެ ރަށަށް ދަތުރުގޮސް އުޅުނު ބަޔަކަށެވެ.
ފާނަކޮށްޓާ ދިމާލުން ބިދޭސީ މީހާ އަށް ކިނބުލެއް ފެނުމުން، ދެ ކިނބުލުގެ މިސްރާބު ބަދަލުކޮށްފައި ވަނީ ރަށުގެ ދެކުނު ފަރާތަށެވެ. އޭގެ ފަހުން އެ ސަރަހައްދުގައި ކިނބޫތަކެއް އުޅޭ ކަމަށް ރަށުގެ އެހެން މީހުންނަށް ވެސް ޝައްކުވާން ފެށި އެވެ. ހާއްސަކޮށް ރޭގަނޑު ފަޅުތެރެ އިން ފެންނަ ކިނބޫ ބަލަން ރައްޔިތުން ޝައުގުވެރިވި އެވެ.
"ފުރަތަމަ ޝައްކުކުރެވެން ފެށީ އެއީ އޮޔާދާ ފެހިތަކެއް ކަމަށް. އެކަމަކު ފަހުން ގިނަ ބަޔަކަށް އެ ހަތަރު ކިނބޫ ފެންނަން ފެށި. ފުލުހުންނަށް ވެސް ވަނީ ޔަގީންވެފައި. އެއީ ކުޑަ ދެ ކިނބުލާއި ބޮޑު ދެ ކިނބޫ ކަމަށް ފެނުނު މީހުން ބުނަނީ،" އަހުމަދު އާދަމް ވިދާޅުވި އެވެ.
ކިނބޫތައް ފެނުނު މީހުންނާ ހަވާލާދެއްވައި އޭނާ ވިދާޅުވީ ބޮޑު ދެ ކިނބުލުގައި 10 ފޫޓު ނުވަތަ 12 ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ އިރު ކުޑަ ދެ ކިނބުލުގައި ހަތަރު ފޫޓު ހުންނާނެ ކަމަށެވެ. ރަށުގެ ދެކުނު ފަރާތުގައި ކިނބޫތައް އުޅެމުންދާތީ، އެ ސަރަހައްދަށް މޫދަށް އެރިއުޅުން ކައުންސިލުން ވަނީ މަނާކޮށްފަ އެވެ.
އަހުމަދު އާދަމް ވިދާޅުވި ގޮތުގައި ކިނބުލުގެ ފަރާތުން ރައްޔިތުންނަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކިނބޫތައް ހިފައިދިނުމަށް އެމްއެންޑީއެފްގައި ވަނީ އެދިފަ އެވެ. އަދި ކިނބޫތައް ހިފުމަށް އެމްއެންޑީއެފުން ވަރަށް ބޮޑަށް ތައްޔާރުވެ، މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރަކު ވިދާޅުވީ ވިލުފުށީ ފަޅުތެރެއިން ފެންނަ ކަމަށް ބުނާ އެކި ސައިޒުގެ ކިނބޫ ހިފުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށެވެ. އެގޮތުން ވިލިފުއްޓާއި އެ ރަށް ކައިރީގައި އޮންނަ އެހެން ފަޅުރަށްތައް ވެސް ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށު މީހުން ބުނާ ގޮތަށް، ކިނބޫތައް ރަށަށް އަރާކަމުގެ ނިޝާނެއް ފެންނާކަށެއް ނެތް. އަޅުގަނޑުމެން މަސައްކަތް ހުއްޓައެއް ނުލަން. އެކި ސަރަހައްދުތައް ޗެކްކުރަމުން މިގެންދަނީ،" އޮފިޝަލް ވިދާޅުވި އެވެ.
މީގެ ކުރިން ތ. އަތޮޅު ހޮނޑަލިފުށިން ކިނބުލެއް ފެނިފައިވާ އިރު އެ އަތޮޅު ބުރުނީން ވެސް ދެ ފަހަރަކު ކިނބޫ ހިފާފައިވެ އެވެ. އަދި ޅ. ނައިފަރުގެ މަސްވެރިންތަކެއް ވެސް ދާދި ފަހުން ކިނބުލެއް ހިފާފައިވެ އެވެ.
ވިލުފުށީ ފަޅު ތެރޭގައި ކިނބޫތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ