ވަކިތަނެއްގައި ވަކިބަޔަކު ތިބޭނަމަ ޕީޕީއެމަށްވެސް ތިބެވޭނެ: މައުމޫން

ދިވެހި ރައްޔިތުންގެ ތެރެއިން ވަކިބަޔަކަށް ވަކިތަނެއްގައި ތިބެވޭ ކަމަށް ވާނަމަ ޕީޕީއެމްގެ މެންބަރުންނަށް އެގޮތަށް ތިބެވޭނެ ކަމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ ޕީޕީއެމަށް ހެޔޮ އެދޭ މެންބަރުން އިންތިޒާމު ކޮށްގެން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ބޮނޑިބަތް ޖާފަތެއްގައި ބައިވެރިވެ ވަޑައިގެން ކުރުކުރުކޮށް ދެއްކެވި ވާހަކަފުޅުގަ އެވެ.
އެމްޑީޕީން ކޭމް ޖަހާފައިވާ އުސް ފަސްގަނޑުގަށް ނިސްބަތްވާ ގޮތަށް ވާހަކަފުޅު ބައްޓަން ކުރައްވަމުން މައުމޫން ވިދާޅުވީ ރާއްޖޭގައި ގާނޫނު އަސާސީއެއް އެބައޮތް ކަމަށާއި ގާނޫތައް އެބަހުރި ކަމަށާއި އެ ގާނޫނުތަކުގެ ބާރު އެންމެންގެ މައްޗަށް ހަމަހަމަ ކަމަށެވެ.
މައުމޫން ވިދާޅުވި އެވެ: "ދިވެހި ރާއްޖޭގައި ގާނޫނު އަސާސީއެއް އެބައޮތް ގާނޫނުތައް އެބަހުރި ގާނޫނޫ އެންމެންނަށް ހަމަހަމަ ހައްގުތަކެއް ލިބިދޭ. މިގައުމުގެ އެންމެންނަށް ވެސް އޮންނާނީ ހަމަހަމަގޮތް ވަކިބަޔަކު ބޭނުންވާ ތަނެއް އިހުތިޔާރުކޮށްގެން ތިބެވުމުގެ ހައްގެއް ނޯންނާނެ އެންމެންނަށް ވެސް އޮންނާނީ އެއް ހައްގެއް،"
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމަކީ ވަރަށް ހަރުދަނާ އުސޫލުތައް ގެންގުޅޭ ޕާޓީއެއް ކަމަށާއި ޕީޕީއެމަކީ ރައްޔިތުންގެ މިލްކު، އެކަނި ބޭނުން ކުރަން ހިންހަމަ ނުޖެހޭ ޕާޓީއެއް ކަމަށެވެ. އަދި އެހެން މީހުންގެ ހައްގުތަކަށް ޕީޕީއެމުން އަރައިގަންނަން ބޭނުން ނުވާކަމަށް ވެސް ވިދާޅުވި އެވެ.
މިރޭ ބޭއްވި ބޮނޑިބަތް ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން މައުމޫނު ވިދާޅުވީ ބޮނޑިބަތަކީ ވަކިބަޔަކަށް ހާއްސަ އެއްޗެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ގައުމީ ކެއުމެއް ކަމަށެވެ.
"ބޮނޑިބަތަކީ ވަކި ބަޔަކަށް ހާއްސަ އެއްޗެއް ނޫން. ބޮނޑިބަތަކީ ދިވެހި ގައުމުގެ ގައުމީ ކެއުމެއް. ދިވެހި ރައްޔިތަކު ކަމުގައިވާ ކޮންމެ މީހަކުވެސް ބޮނޑިބަތް ކެއުމަކީ އެމީހެއްގެ އިހުތިޔާރުގައި އޮތްކަމެއް،" މައުމޫން ވިދާޅުވި އެވެ.
މިރޭގެ ހަފުލާގައި ޕީޕީއެމަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެ ބޮނޑިބަތާ ކުޅިމަހާ ކެއެވެ. އަދި އެމްޑީޕީގެ ހަރަކާތްތައް ރުކުރުވާލާފައިވާ އުސްފަނޑު ނެގުމާ ބާރު އާލާ ޕެޓިޝަނެއްގައި ސޮއި ކުރުމުގެ ހަރަކާތެއް ވެސް އެއްވުމުގައި ހިނގި އެވެ. ނަމަވެސް ޕީޕީއެމުން ބުނީ އެއީ އެޕާޓީއާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ