ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެންގެވުމުގައި، އެންމެ އިސްކޮށް ޕީޕީއެމްގެ ރައީސް މައުމޫން ހުންނެވުމަކީ ވަރަށް ހިތާމަހުރިކަމެއްކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވެއްޖެ އެވެ.
ނިހާން މިގޮތަށް ވިދާޅުވީ މިއަދު މެންދުރު ދަރުބާރުގޭގެ ހަކުރާ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
ނިހާން ވިދާޅުވީ މިއީ މީގެ ކުރިން އެމްޑީޕީން އިސް ސަފުގައި ތިބެގެން ކުރަމުންދާ މަސައްކަތެއް ކަމަށާއި، އެހެންނަމަވެސް މި ފަހަރު އެމްޑީޕީއަށްވުރެ ބޮޑަށް މިކަމުގައި ފޫގަޅާލާފައި ކުރިއަށް ނުކުމެ ތިބީ ޕީޕީއެމްގެ ބޭފުޅުން ކޮޅެއް ކަމަށެވެ.
ނިހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރެއް ކަމަށާއި، މަޖިލީހުގެ ރައީސަކީ ދައުލަތަށްކޮށްދޭ ބުރަ މަސައްކަތްތަކުގައި ވަރަށް ވިސްނުންތެރިކަމާއެކު، މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަމަށެވެ.
"އެފަދަ ބޭފުޅެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގަ މަސައްކަތް މިއަދު ކުރެއްވުމުގައި އަޅުގަނޑުމެންގެ ޕާޓީގެ ރައީސް އިސްކޮށް ހުންނެވިކަމީ ހިތާމަ ކުރާކަމެއް". ނިހާން ވިދާޅުވިއެވެ.
އަދި އޭގެ އިތުރުން މިކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަދި އެމްޑީޕީ މެމްބަރުންނަށް ހިތްވަރު ދީގެން އެކި ގޮތްގޮތުން މި މަސައްކަތުގަ އަދަދު ހަމަކުރެވޭތޯ މަސައްކަތް ކުރަމުން ގެންދާކަމަށްވެސް ނިހާން ވިދާޅުވިއެވެ.
ޕީޕީއެމްގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރަމުންދަނީ އޭނާ ގޯހެއް ހަދައިގެން ނޫންކަމަށެވެ.
މި މައްސަލަ ވައްދަން ބޭނުންވަނީ ރާއްޖޭގެ ތަރައްގީ އާއި ރާއްޖޭގެ ހަމަޖެހުމާއި، އިސްތިގުނާލަށް މި އޮތް އޮތުން، އިންތިހާއަށް ބޮޑެތި މަޝްރޫއުތައް ރާއްޖޭގައި ހިންގަމުން ދާތީ ރައީސް ޔާމީނާއި ދެކޮޅަށް ކުރެވޭ އަމަލެއްގެ ގޮތުގައިކަމަށް އާރިފް ވިދާޅުވިއެވެ.
މަސީހްގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރައްވާ މެންބަރުން ވިދާޅުވާ ގޮތުގައި އެމައްސަލަ ހުށަހަޅަނީ މަޖިލިސް ރައީސް މަޖިލީހުގެ ޤަވައިދާއި ހިލާފަށް އަމަލު ކުރައްވަމުން ގެންދަވާތީއެވެ.
މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގުމުގައި އެންމެ އިސްކޮށް ހުންނެވީ މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ