މޫސުން ގޯސްވުމުގެ ސަބަބުން ސާމްޕަލްތައް ނެގުމަށް ދަތިތަކެއް

ކޮވިޑް-19 ގެ ސާމްޕަލްތައް ނެގުމަށް މޫސުމާއި ހެދި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ރެޕިޑް ރެސްޕޮންސް ޓީމުގެ އަބްދުލް ހަމީދު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ ފްރަންޓުލައިންގައި މަސައްކަތް ކުރާ ފަރާތްތަކުން ކުރަމުން ގެންދަނީ ވަރަށް ރިސްކު ބޮޑި މަސައްކަތެއް ކަމަށެވެ. އަދި މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއް ކަމުން މިއީ ފްރަންޓުލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް، މަސައްކަތް ކުރުމަށް އެންމެ ރައްކާތެރި މޫސުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވާ ރައްކާތެރި ކަމެއް މޫސުމާ ގުޅިގެން އަސްލު މިހާރަކު ނެތް. މިކަން ކުރާ އިރު އެކަށީގެންވާ މާހައުލެއް އޮންނަން ޖެހޭ. ނުރައްކާތެރިކަން އޮތް ރިސްކް އޮތް ކަމެއް މިއީ،" ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ ރެޕިޑް ރެސްޕޮންސް ޓީމުގައި ސާމްޕަލް ނަގާ މީހުންނާއި އަދި ކޮންޓެކްޓު ޓްރޭސިންގެ ކަންކަން ކުރާ މީހުންވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ މަސައްކަތްތައް ކުރުމަށް ބައެއް ފަހަރު ދަތިތަކާއި ކުރިމަތިވާ ކަމަށް ހަމީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ލޮކްޑައުން އިއުލާން ކޮށްފައިވީ ނަމަވެސް މާލޭގެ ޓްރެފިކް އަކަށް މާބޮޑު ބަދަލެއް ނާންނަ ކަމަށެވެ. އެހެންކަމުން ޓްރެފިކްގެ ސަބަބުން ބައެއް ގެތަކަށް ދިއުމަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ހަމީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަސައްކަތް ކުރަނީ އެންމެ ރަނގަޅު ގޮތުގައި އާއްމުންނަށް ވެސް ފަސޭހަވާނެ ގޮތަށް ކަންކަން ކުރުމަށް ކަމަށެވެ. ނަމަވެސް ރެޕިޑް ރެސްޕޮންސް ޓީމުގެ މަސައްކަތްތައް ހުންނަ ގޮތުން އެންމެ ރަނގަޅު ގޮތުގައި އެކަން ނުކުރެވޭ ކަމަށް ހަމީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބަލަން އެ މީހުންނަށް ފަސޭހަ ގަޑިތަކުގައި ވެސް ސާމްޕަލް ނަގަން ދެވޭތޯ. އެކަމަކު އަޅުގަނޑުމެންގެ ވެސް މަސައްކަތް ހުންނަ ގޮތުން ހުރިހާ ކަމެއް އެންމެ ރަނގަޅަށް އެކަން ނުދާތީ ހިތާމަ ވެސް ކުރަން،" ހަމީދު ވިދާޅުވިއެވެ.
މާލޭގެ ބައެއް މަގުތައް ހަނިކަމުން އެ މަގުތަކަށް ވެސް ވަނުމަށް ދަތިތަކާއި ކުރިމަތިވާ ކަމަށާއި ނަމަވެސް މިހާރު ކުދި ގޯޅިތަކަށް ވަނުމަށް ބަގީ ހޯދިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މިވަގުތު މޫސުމުގެ ސަބަބުން މަސައްކަތަށް ކުޑަ މަޑުޖެހުމެއް އައިސްފައިވީ ނަމަވެސް މޫސުން ތަންދިންހާ އަވަހަށް މަސައްކަތްތައް ފަށާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ