ނަޖީބުގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށް ނުދޭކަމަށް ބުނެ ސައުދީން ވާހަކަ ބަދަލުކޮށްފި

2015 ވަނަ އަހަރުގެ ތެރޭގައި އޭރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އަމިއްލަފުޅު ބޭންކް އެކައުންޓަށް 2.6 ބިލިއަން ރިންގިޓް ނުވަތަ 860 މިލިއަން ޑޮލަރު ޖަމާކޮށް ނުދޭކަމަށް ސައުދީ އަރަބިއްޔާއިން ބުނުމާ ގުޅިގެން އެއީ، ކޮންތާކުން އައި ފައިސާއެއްކަން ސާބިތުކޮށްދިނުމަށް މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހަންމަދު، ނަޖީބު ރައްޒާގުއަށް ގޮވާލައްވައިފިއެވެ.
ނަޖީބު ރައްޒާގު މިހާތަނަށް ވިދާޅުވަމުން ގެންދެވީ، އެ ފައިސާއަކީ އެ އަހަރު ބޭއްވި އިންތިޚާބުގެ ކެމްޕެއިނަށް ސައުދީ ސަރުކާރުން ހަދިޔާއެއްގެ ގޮތުގައި ދެއްވި ފައިސާ ކަމަށެވެ. މި ފައިސާގެ މައްސަލަ ތަހްގީގު ކުރެއްވި މެލޭޝިޔާގެ އޭރުގެ އެޓަރނީ ޖެނެރަލްވެސް ވިދާޅުވެފައިވަނީ އެކަމުގައި ގޯހެއް ހިނގާފައި ނުވާ ކަމަށެވެ.
އެހެން ނަމަވެސް، މިދިޔަ ހުކުރުދުވަހު މެލޭޝިޔާއަށް ވަޑައިގެންނެވި ސައުދީ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރުވަނީ، ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އަމިއްލަފުޅު ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ 860 މިލިއަން ޑޮލަރަކީ ސައުދީ ސަރުކާރުން ޖަމާކޮށްދީފައިވާ ފައިސާއެއް ނޫންކަމަށް ބޮޑުވަޒީރު މަހާތީރު މުހަންމަދަށް ދަންނަވާފައެވެ.
ނަޖީބު ރައްޒާގުގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ އެ ފައިސާއާއި، ސައުދީ އަރަބިއްޔާއާ އެއްވެސް ގުޅުމެއް ނެތްކަމަށް މެލޭޝިޔާގެ ޚާރިޖީ ވަޒީރު ސައިފުއްދީން އަބްދުﷲ ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
މެލޭޝިޔާގެ ރަސްމީ ނޫސް އޭޖެންސީ، ބަރްނަމާއިން ބުނެފައިވަނީ، ސައުދީ ޚާރިޖީ ވަޒީރު އާދިލް މެލޭޝިޔާއަށް ވަޑައިގެންނެވުމުން، އެ ފައިސާގެ މައްސަލަ މެލޭޝިޔާގެ ޚާރިޖީ ވަޒީރު ނެންގެވި ކަމަށެވެ. އަދި އެއީ ސައުދީ ސަރުކާރުން ޖަމާކޮށްދިން ފައިސާއެއް ނޫންކަމުގެ ޔަގީންކަން ސައުދީ ޚާރިޖީ ވަޒީރު ދެއްވި ކަމަށްވެސް ބަރްނަމާއިން ރިޕޯޓް ކޮށްފައި ވެއެވެ.
އެކަމަކު މި ވާހަކަތަކާ ގުޅިގެން ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުވަނީ، އޭނާގެ އަމިއްލަފުޅު ބޭންކް އެކައުންޓަށް 860 މިލިއަން ޑޮލަރު ޖަމާކޮށްދީފައިވަނީ ސައުދީ ސަރުކާރުންކަން ކަށަވަރު ކޮށްދެއްވާފައެވެ. އެއީ، ހަދިޔާއަކަށް ދެއްވި ފައިސާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ނަޖީބުގެ މިވާހަކަތަކާ ގުޅިގެން، ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހަންމަދުވަނީ، އެއީ ސައުދީ ސަރުކާރުން ޖަމާކޮށްދިން ފައިސާކަން ސާބިތުކޮށްދިނުމަށް ނަޖީބުއަށް ގޮވާލައްވާފައެވެ. ހަމައެކަނި ބުނާ ބުނުމަކަށް އެކަން ގަބޫލު ކުރެވެން ނެތް ކަމަށާއި، އެ ފައިސާއަކީ ސައުދީން ދިން ފައިސާތޯ ނުވަތަ 1މެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހާދުގެ ފައިސާތޯ ލިޔެކިއުމުން ސާބިތުކޮށްދިނުމަށް މަހާތީރު ގޮވާލެއްވިއެވެ.
މިމައްސަލާގައި ނަޖީބު ރައްޒާގު އިތުރުފުޅު ހައްދަވަނީ ކަމަށް ވެދާނެ ކަމަށާއި، ހަމަ އެފަދައިން، ކުރިން ކަން ހިނގާފައިވާގޮތަށް އިޝާރާތް ކުރައްވައި، ސައުދީ ޚާރިޖީ ވަޒީރު އިތުރުފުޅު ހައްދަވަނީ ކަމަށްވެސް ވެދާނެ ކަމަށް މަހާތީރު ވިދާޅުވިއެވެ.
ނަޖީބުގެ އަމިއްލަފުޅު ބޭންކް އެކައުންޓަށް ޖަމާކުރި 860 މިލިއަން ޑޮލަރުގެ މައްސަލަ އެންމެ ހޫނުވި ދުވަސްވަރު 2016 ވަނަ އަހަރު ސައުދީ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ދެއްކެވި ވާހަކަފުޅު ހުރީ އެހެން ރާގަކަށެވެ. ވާހަކަފުޅު ދެއްކެވީ ނަޖީބު ދިފާއު ކުރައްވައެވެ. އާދިލް އޭރު ވިދާޅުވީ، ނަޖީބުގެ އެކައުންޓަށް ފައިސާ ޖަމާކުރިކަން އެނގިވަޑައި ގަންނަވާ ކަމަށާއި، އެއީ އިޚްލާސްތެރި ހަދިޔާއެއް ކަމަށާއި، އަދި އެއީ އަނބުރާ އެއްވެސް ކަމެއް ބޭނުންވެގެން ސައުދީން ދިން ފައިސާއެއްވެސް ނޫން ކަމަށެވެ.
ސައުދީ ޚާރިޖީ ވަޒީރުގެ ވާހަކަފުޅުތައް އަނެއްކޮޅަށް އެނބުރުމާ ގުޅޭގޮތުން، މިއީ އިތުރުފުޅެއްތޯ ނޫސްވެރިން ސުވާލު ކުރާން ފެށުމުން މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހަންމަދު ވިދާޅުވީ، މިއީ ޒާތެއްގެ ބަލިމަޑުކަމެއް ކަމަށާއި، މިބަލި އެމެރިކާގެ ރައީސް ޓްރަމްޕަށްވެސް ޖެހިވަޑައިގެންފައިވާ ކަމަށެވެ.
"މިސާލަކަށް، އެއްދުވަހު އޭނާ ބޭނުންވީ ސައުދީއަށް އަދަބުދޭން. އޭގެފަހުން އެމީހުން ބުނަނީ ސައުދީން އެއްވެސް ކުށެއް ނުކުރާކަމަށް، ސައުދީ އިޚްލާސްތެރި ކަމަށް. ބޭރުގެ ލީޑަރުން ދައްކަވާ ވާހަކަފުޅުތައް ގަބޫލުކުރަން ބައެއްފަހަރު ވަރަށް އުނދަގޫވޭ" މަހާތީރު ވިދާޅުވިއެވެ.
ސައުދީ ޚާރިޖީ ވަޒީރުގެ ކުއްލި މިބަދަލަކީ، މެލޭޝިޔާގެ އާ ސަރުކާރުގެ ރުހުން ހޯދަން ސައުދީގެ ސިޔާސަތަށް ގެނައި ބަދަލެއްތޯ ކުރެވުނު ސުވާލުތައް މަހާތީރު ދޮގެއް ނުކުރައްވައެވެ. "ވެދާނެ، އެކަމަކު އޭނާގެ ވިސްނުމުގައި ހުރި އެއްޗެއް އަޅުގަނޑަކަށް ނޭނގޭ" މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ