"ލީލޯ" އަށް އަޑުއެޅި ބަތަލާ މަރުވީ އެއިޑްސް ޖެހިގެން

ބިރުވެރި ފިލްމު "ދަ ރިންގް" ގެ ކެރެކްޓާއަކާއި ޑިޒްނީގެ މަޝްހޫރު އެނިމޭޓެޑް ފިލްމު "ލީލޯ އެންޑް ސްޓިޗް" ގައި ލީލޯގެ ބަޔަށް އަޑު އެޅި ބަތަލާ ޑޭވީ ޗޭސް މަރުވީ އެއިޑްސް ބަލީގައި ކަމަށް ރަސްމީ ތަހުގީގުތަކުން ދައްކައިފި އެވެ.
ލޮސް އެންޖެލިސް ކައުންޓީ މެޑިކަލް އެގްޒެމިނާގެ ރިޕޯޓުގައިވާ ގޮތުން، އޭނާ މަރުވުމަށް މެދުވެރިވި އެހެނިހެން ސަބަބުތަކުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އެކި ބާވަތުގެ މަސްތުވާތަކެތި ބޭނުންކުރުން ނުވަތަ "ކްރޮނިކް ޕޮލީސަބްސްޓަންސް ޔޫސް" ހިމެނެ އެވެ. 
ޖަޕާނުގެ އެނިމޭޝަން ފިލްމު "ސްޕިރިޓަޑް އަވޭ" ގެ އިނގިރޭސި އެޑިޝަންގައި ޗިހީރޯގެ ބަޔަށް އަޑުއެޅުމުގެ އިތުރުން، ކޭބަލް ޑްރާމާ "ބިގް ލަވް" އިން ވެސް ފެނިގެންދިޔަ ޗޭސް މަރުވީ ޖޫން މަހުގެ 16 ވަނަ ދުވަހު ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށެވެ. މަރުވިއިރު އޭނާގެ އުމުރަކީ 35 އަހަރެވެ.
އޭނާގެ ބައްޕަ ޖޯން ޑޭވިޑް ޝްވާލިއާ ނިއުޔޯކް ޓައިމްސްއަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، މަރުވުމުގެ ކުރިން ޗޭސް އުޅުނީ ލޮސް އެންޖެލިސްގެ މަގުމަތީގައި އޭނާގެ ލޯބިވެރިޔާއާ އެކު އެވެ.
ޗޭސްގެ މެނޭޖަރު ޖޯން ރަޔަން ޖޫނިއާ މިދިޔަ ހަފުތާގައި ބީބީސީއަށް ބުނެފައިވަނީ، ޗޭސް މަރުވީ ލޮސް އެންޖެލިސްގެ ހޮސްޕިޓަލެއްގައި މެނިންޖައިޓިސް ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް، ލޭ ވިހަވުމުގެ ސަބަބުން ނުވަތަ ސެޕްސިސް ޖެހިގެން ކަމަށެވެ.
ޑޭވީ ޗޭސް އެކްޓް ކުރަން ފެށީ އުމުރުން އެންމެ ހަތަރު އަހަރުގަ އެވެ. އޭނާގެ މެނޭޖަރު ބުނި ގޮތުގައި، ހޮލީވުޑްގެ ފުރަތަމަ މަސައްކަތް އުމުރުން ހަތް އަހަރުގައި ފެށި ނަމަވެސް، 2015 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ ފުލްޓައިމްކޮށް އެކްޓް ކުރުމުން ރިޓަޔާކޮށްފަ އެވެ.
ޗޭސްއަށް ހޮލީވުޑްގައި ބޮޑު މަގުބޫލުކަމެއް ލިބުނީ 2001 ވަނަ އަހަރު ރިލީޒްކުރި "ޑޯނީ ޑާކޯ" ގައި ސަމަންތާ ޑާކޯގެ ރޯލުންނެވެ. އޭގެ ފަހުން 2009 ވަނަ އަހަރު ނުކުތް "އެސް ޑާކޯ" ފިލްމުގައި އޭނާ ވަނީ މައި ކެރެކްޓާގެ ކޮއްކޮގެ ރޯލު ކުޅެފަ އެވެ.
އަދި 2002 ވަނަ އަހަރު އޭނާ ވަނީ ބިރުވެރި ފިލްމު "ދަ ރިންގް" ގައި ސަމާރާ މޯގަންގެ ރޯލު ކުޅެފަ އެވެ. މިއީ ވީޑިއޯ ކެސެޓެއް ބަލާ މީހުން މަރުވާ ގޮތަށް ޖަޕާނުން އުފެއްދި ފިލްމެއްގެ އެމެރިކާ ރީމޭކެކެވެ. މި ފިލްމުގައި އޭނާ ފެނިގެންދަނީ ޓީވީ ތެރެއިން ފޭބި އިސްތަށިގަނޑު ދިގު ބިރުވެރި ކެރެކްޓާގެ ގޮތުގަ އެވެ.
އޭގެ ފަހުން 2003 ވަނަ އަހަރުގެ އެމްޓީވީ މޫވީ އެވޯޑްސްގައި އެންމެ މޮޅު ވިލަންގެ އެވޯޑް އޭނާ ހޯދި އެވެ.
ހަމަ 2002 ވަނަ އަހަރު، މަޝްހޫރު އެނިމޭޓެޑް ފިލްމު "ލީލޯ އެންޑް ސްޓިޗް" ގައި އެލްވިސް ޕްރެސްލީއަށް ލޯބިކުރާ ހަވާއީގެ ކުޑަ އަންހެން ކުއްޖާ، ލީލޯގެ ބަޔަށް އޭނާ އަޑުއެޅި އެވެ.
މި މަސައްކަތުގެ ސަބަބުން އެނިމޭޓެޑް ފިލްމެއްގެ އެންމެ މޮޅު އަޑުގެ އެކްޓަރަށްދޭ "އެނީ އެވޯޑް" އޭނާއަށް ލިބުނެވެ. އަދި އޭގެ ފަހުން އުފެއްދި އެ ފިލްމުގެ އެކި ބައިތަކުގައި ވެސް އޭނާ ވަނީ އެ ކެރެކްޓާއަށް އަޑުއަޅައިދީފަ އެވެ.
ހޮލީވުޑް ރިޕޯޓާގައިވާ ގޮތުން، ޗޭސްގެ ހަޔާތުގެ ފަހުކޮޅުގައި ގާނޫނީ ގިނަ މައްސަލަތަކެއް ކުރިމަތިވި އެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ގެންގުޅުމުގެ ކުށާއި، ވަގަށް ނަގާފައިވާ ކާރެއް ދުއްވަން އުޅުމުގެ ތުހުމަތުތައް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ