އޭޝިއާގެ ސުޕައެޕް ގޯޖެކްގެ ފައުންޑަރު 10 އަހަރަށް ޖަލަށް

ދެކުނު އިރުމަތީ އޭޝިއާގެ މަޝްހޫރު "ސުޕަ-އެޕް" ގޯޖެކް އުފެއްދުމުގައި ބައިވެރިވި، އަދި އިންޑޮނޭޝިއާގެ އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ނަދީމް މަކާރިމްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، ގިނަ އަހަރުތަކަކަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.
އުމުރުން 41 އަހަރުގެ ނަދީމް މަކާރިމްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވީ، ސްކޫލްތަކަށް ލެޕްޓޮޕް ހޯދުމަށް ހިންގި މުއާމަލާތެއްގައި ހިންގާފައިވާ އަމަލުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ގެއްލުމުގެ ބަދަލު ދެއްކުމަށް އޭނާ ނުކުޅެދިފައިވާތީ އިތުރު މުއްދަތަކަށް ޖަލަށް ދާންޖެހުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް، ނަދީމް ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ.
ނަދީމް މަކާރިމް ގޯޖެކް ކުންފުނިން ވަކިވެވަޑައިގަތީ 2019 ވަނަ އަހަރު، އޭރުގެ ރައީސް ޖޯކޯ ވިޑޯޑޯގެ ސަރުކާރާ ގުޅިވަޑައިގަތުމަށެވެ. އޭނާ ވަނީ 2024 ވަނަ އަހަރާ ހަމައަށް އެޑިއުކޭޝަން މިނިސްޓަރުގެ މަގާމު ފުރުއްވާފަ އެވެ.
އިންޑޮނީޝިއާ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ނަދީމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ އެކަށީގެންވާ ހެކި ނެތް މައްސަލަތަކެކެވެ. އަދި މިއީ ސިޔާސީ ވާދަވެރިންނަށް އަމާޒުކޮށްގެން މިހާރުގެ ސަރުކާރުން ހިންގާ ކެމްޕޭނެއްގެ ދަށުން އޭނާއަށް ދީފައިވާ އަދަބެއް ކަމަށް އެ ފަރާތްތަކުން ތުހުމަތު ކުރެ އެވެ.
ގޯޖެކް އަކީ ދެކުނު އިރުމަތީ އޭޝިއާގައި ދަތުރުފަތުރާއި ޑިޖިޓަލް ޕޭމަންޓްތަކަށް 170 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ މަގުބޫލު އެޕްލިކޭޝަނެކެވެ. އިންޑޮނީޝިއާގެ އެންމެ ކާމިޔާބު އެއް ޓެކްނޮލޮޖީ ކުންފުނި އުފެއްދި އެކަކަށް ވުމުން، ނަދީމަކީ ގިނަ ބައެއްގެ ތާއީދު އޮންނަ ބޭފުޅެކެވެ.
އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމުގެ އިތުރުން، ނަދީމްގެ މައްޗަށް ވަނީ 809 ބިލިއަން ރުޕިއާ (45 މިލިއަން ޑޮލަރު) ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެއްކުމަށް އަމުރުކޮށްފަ އެވެ. މިއީ އޭނާ ނަހަމަ ގޮތުގައި ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާގެ އަދަދެވެ. މި ފައިސާ ނުދައްކައިފި ނަމަ، އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް އޭނާ ތަންފީޒު ކުރަން ޖެހޭނެ އެވެ.
ނަދީމް ވިދާޅުވި ގޮތުގައި، އެވަރުގެ ބޮޑު އަދަދެއް ދެއްކުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ނެތުމުން، އޭނާގެ މައްޗަށް މިހާރު އިއްވާފައިވަނީ 15 އަހަރުގެ ޖަލު ހުކުމެކެވެ.
މީގެ އިތުރުން، އެއް ބިލިއަން ރުޕިއާގެ ޖޫރިމަނާއެއް ވެސް އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ. އެ ފައިސާ ނުދައްކައިފި ނަމަ، އިތުރު 190 ދުވަސް ޖަލުގައި ހޭދަކުރަން ޖެހޭނެ އެވެ.
މި މައްސަލަ ގުޅިފައިވަނީ 2021 އިން 2022 އަށް އިންޑޮނީޝިއާގެ ސްކޫލްތަކަށް ކްރޯމްބުކް ލެޕްޓޮޕް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން ހިންގި މުއާމަލާތްތަކާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ