މެކްސިކޯގެ "ބެޓްމޭން" ހޯދަން ފުލުހުންގެ އޮޕަރޭޝަނެއް

އޭނާ މަޝްހޫރުވެފައި ވަނީ "ލާގޯސް ޑި މޮރޭނޯގެ ބެޓްމޭން" ގެ ގޮތުގަ އެވެ.
މެކްސިކޯގެ ސިޓީއެއް ކަމަށްވާ ލާގޯސް ޑި މޮރޭނޯގައި ސައިކަލު ވަގަށް ނަގާ ކަމަށް ތުހުމަތުކުރެވޭ މީހުންނަށް އަމާޒުކޮށް، އާދަޔާ ހިލާފު ގޮތްގޮތަށް "އިންސާފު" ގާއިމުކުރަމުންދާ ކަމަށް ބުނާ ސިއްރުވެރި މީހެއްގެ ވާހަކަ ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ.
ގާނޫނީ އިމުން ބޭރުން މަސައްކަތް ކުރާ މާސްކު އެޅި ސުޕަހީރޯގެ ނަމުން ނަންދެވިފައިވާ މި ކާކުކަން ނޭނގޭ މީހާ، މެކްސިކޯ ސިޓީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރުގައި އޮންނަ އެ ސިޓީގެ އެކި ސަރަހައްދުތަކުގައި ވަގުން ހިފައި ބަންނަމުން ދާތީ، މެކްސިކޯގެ ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ސެކިއުރިޓީ ސެކްރެޓަރީ ހުއާން ޕަބްލޯ ހެނާންޑޭޒް ވިދާޅުވި ގޮތުގައި، އެ ގޮތަށް ބަނދެފައި ތިބި ފަސް މީހުން ފެނިފައިވެ އެވެ. އެ މައްސަލަތައް ދަނީ ތަހުގީގު ކުރަމުންނެވެ. 
އޭނާ އިތުރަށް ވިދާޅުވީ، މިކަމުގެ ފަހަތުގައި ވަނީ އެންމެ މީހަކު ނުވަތަ ގްރޫޕެއް ކަމަށް ބެލެވޭ ކަމަށެވެ. ބަނދެފައި ތިއްބާ ފެނުނު ކޮންމެ މީހެއްގެ މޫނުގައި މާކަރަކުން މަތިމަސް ކުރަހާފައި ހުއްޓެވެ. 
މީގެ އިތުރުން، މެކްސިކޯގެ ނޫސްވެރިން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ގިނަ މީހުންގެ ނިތްކުރީގައި ސްޕެއިން ބަހުން "ވަގު"  މި ލަފުޒު ލިޔެފައިވެ އެވެ.
އެ މީހުން ބަނދެފައި ތިބި ހޮޅިދަނޑިތަކުގައި ކާޑުބޯޑު ބޯޑުތަކެއް ހަރުކޮށް، އެ މީހުން ސައިކަލު ވަގަށް ނެގި ކަމަށް ބުނާ ތަފުސީލުތައް ވެސް ލިޔެފައިވެ އެވެ. އަދި ވަގަށް ނެގި ކަމަށް ބުނާ ސައިކަލުތައް ވެސް ފުލުހުންނަށް ފެންނާނެހެން އެ ސަރަހައްދުގައި ބަހައްޓާފައި ހުއްޓެވެ. 
މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، މި އަމަލު ހިންގި މީހާއާ ގުޅުން ހުރި ކަމަށް ބެލެވޭ ދެ އުޅަނދެއް ކަމާބެހޭ ފަރާތްތަކުން ވަނީ ދެނެގަނެފަ އެވެ.
މެކްސިކޯގެ މީޑިއާތަކުން ބުނާ ގޮތުގައި މި ހާދިސާތައް ހިނގަމުން މިދަނީ ލާގޯސް ޑި މޮރޭނޯގައި ސައިކަލު ވަގަށް ނެގުމުގެ މައްސަލަ އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ