ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "އިންވެސްޓްމަންޓްސް" އިން ލިބޭ ޑޮލަރުތައް ބޭނުންކުރާނީ ދިވެހި ރުފިޔާ ކާޑުތައް ބޭނުންކޮށްގެން އީކޮމާސް ސައިޓުތަކުން ކުރާ ވިޔަފާރިތަކަށް ފައިސާ ދައްކަން ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު މިކަން ހާމަކުރެއްވީ، "ޗެޓު ވިތު ސީއީއޯ" ގެ ނަމުގައި ބޭއްވި އިވެންޓެއްގައި ބީއެމްއެލްގެ މި ހިދުމަތާ ގުޅޭ ތަފުސީލުތައް ދެއްވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި "އިންވެސްޓްމަންޓްސް" ގެ ބޭނުން ގޮސް ގުޅެނީ މި ސައިޓުތަކުން ކުރާ ވިޔަފާރިއާ އެވެ.
އެ އިވެންޓުގައި ބީއެމްއެލްއިން ހާމަކުރި ބައެއް ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2021 އިން ފެށިގެން މި އަހަރާ ހަމައަށް މިވީ ފަސް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ރުފިޔާ ކާޑުތަކަށް ވިއްކާ ޑޮލަރު ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.
އެ ގޮތުން 2021 ގައި މަހެއްގެ މައްޗަށް ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ކުރާ ވިޔަފާރިން ބޭރުވާ އަދަދަކީ 10.7 މިލިއަން ޑޮލަރު ނަމަވެސް، މިހާރު އެ އަދަދު ވަނީ މަހަކު 39.3 މިލިއަން ޑޮލަރަށް މައްޗަށް ޖެހިލާފަ އެވެ. މިއީ 267 ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަދަދަށް މަހެއްގެ މައްޗަށް ޑޮލަރު ބޭރުވި ނަމަވެސް ޝަރީފް ވިދާޅުވި ގޮތުގައި މިއީ ބޮލަކަށް ޖެހޭ އަދަދަށް ބަލާ ނަމަ، އެވަރެޖުކޮށް ކޮންމެ މަހެއްގައި ބޭންކުގެ ކޮންމެ ކަސްޓަމަރަކަށް ވިއްކާ އަދަދަކީ 140 ޑޮލަރު ކަމަށެވެ.
ޝަރީފު ވަނީ އޭނާގެ ނަޒަރުގައި ރުފިޔާ ކާޑުތަކުން ކުރާ މުއާމަލާތްތައް އިތުރުވީ ގިނަ ސަބަބުތަކެއް ހިއްސާކުރައްވާފަ އެވެ. އޭގެ ތެރޭގައި ބައިނަލްއަގުވާމީ ޕޭަމަންޓު ސިސްޓަމްތަކަށް އައި ކުރިއެރުމާއި، މުވާސަލާތީ ނިޒާމާއި ލޮޖިސްޓިކްސްއަށް އައި ކުރިއެރުންތަކާއި، ތަކެތި އަގު ހެޔޮވުމާއި ދިވެހިންގެ ފުދުންތެރިކަން އިތުރުވުން އޭނާ ފާހަގަކުރެއްވި އެވެ.
ބީއެމްއެލްއިން ބުނާ ގޮތުގައި އެ ބޭންކަށް އެންމެ ބޮޑު ފައިދާއެއް ލިބެނީ، އަދި ބޭންކުގެ ވިޔަފާރީގެ މަސްލަހަތު ވެސް އޮތީ ކާޑުތަކުން ކުރެވޭ މުއާމަލާތްތައް އިތުރުވީ ވަރަކުން ކަމަށެވެ. ނަމަވެސް ޑޮލަރު ތާށި އިރެއްގައި ބޭންކަށް އާމްދަނީގެ ގޮތުގައި ލިބޭ ޑޮލަރު، ރުފިޔާ ކާޑުތައް އެންމެ ގިނައިން ބޭނުންކުރާ އީކޮމާސް ސައިޓުތަކަށް ފައިސާ ދައްކަން ބޭނުން ނުކުރެވޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
މިކަމަށް ބާރުދިނުމުގެ ގޮތުން ޝަރީފު ވިދާޅުވީ ވޭތުވި ތިން އަހަރުގެ ތެރޭގައި ބޭންކުން 1.6 ބިލިއަން ޑޮލަރު ވިއްކިއިރު، އޭގެ ތެރެއިން 60 ޕަސެންޓު، އެއީ ގާތްގަނޑަކަށް 960 މިލިއަން ޑޮލަރު، ވިއްކީ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން އީކޮމާސް ސައިޓުތަކުން ކުރި ވިޔަފާރިއަށް ކަަމަށެވެ. އަދި ކާޑުގެ މުއާލަމާތްތަކަށް ވިއްކާ ޑޮލަރުގެ ތެރެއިން 65 ޕަސެންޓު ދަނީ އީކޮމާސް ސައިޓުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ އިންވެސްޓްމަންޓް ހިދުމަތުން މި ކުރާ ކަމަކީ ޑޮލަރު ހުރި އެކައުންޓުތަކުން 25 ޕަސެންޓު ފައިދާ ލިބޭ ގޮތަށް ޑޮލަރު ގަންނަނީ އެވެ. މި ޑޮލަރުތައް ބީއެމްއެލްއިން ބޭނުންކުރަނީ އެ ބޭންކުން 30 ޕަސެންޓުގެ ފީ ނަގާ އީކޮމާސް ސައިޓުތަކަށެވެ.
މި ސައިޓުތަކުން މުއާމަލާތް ފުރިހަމަކުރުމަށް ފަހު ޖެހިގެން އަންނަ ދުވަހު ޑޮލަރު އިންވެސްޓު ކުރި މީހާއަށް ފައިދާ ލިބެ އެވެ. މި ފައިދާ ހިމެނުމުން ބީއެމްއެލްއަށް ޑޮލަރެއް ގަންނަ އަގު 19.3ރ. އަށް އަރަ އެވެ. މިއީ މި ވަގުތު ކަޅު ބާޒާރުގައި ޑޮލަރެއް ވިއްކަން ލިބޭ 20.10ރ. އާ ގާތްކުރާ އަދަދެކެވެ.
ކަޅު ބާޒާރުން ލިބޭ ރޭޓު ބޮޑަސް ބީއެމްއެލްއިން ގަބޫލުކުރަނީ މިއީ ޑޮލަރު ހުރި މީހުންގެ ތެރެއިން ރުފިޔާ ބޭނުންވާ މީހުންނަށް ސައްހަ ގޮތުގައި އިންވެސްޓުކުރަން ލިބޭ ފުރުސަތެކެވެ. އެހެންކަމުން މިކަމަށް ތަރުހީބު ލިބޭނެ ކަމަށް އެ ބޭންކުން އުއްމީދުކުރެ އެވެ.
ބީއެމްއެލްއަށް އިންވެސްޓުކުރާ ޑޮލަރުތައް ބޭނުންކުރަނީ ބޮޑު ފީ ނަގާ އީކޮމާސް ސައިޓުތަކަށް ފައިސާ ދައްކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ