ގައުމީ ދާރުލްއާސާރު އިތުރަށް ތަރައްގީ ކުރަން ޗައިނާއިން ފައިސާ ހަމަޖެހިއްޖެ ކަމަށް ހީނާ ވިދާޅުވެއްޖެ

ގައުމީ ދާރުލްއާސާރު އިތުރަށް ތަރައްގީ ކުރަން ޗައިނާއިން ފައިސާ ހަމަޖެހިފައިވާ ކަމަށް ސަގާފަތާ ބެހޭ މިނިސްޓަރު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ. 
ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ ރާއްޖޭގެ އާސާރުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އާސާރުތައް ދަރަޖަ ކުރުމާއި މިންކޮށް ބެލެހެއްޓުން ކަމަށެވެ. ދާރުލްއާސާރު ތަރައްގީ ކުރެވުމުން އެކަމަށް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 
"އެގޮތުން 7000 އާސާރު ގައުމީ ދާރުލްއާސާރުގައި ހުރި ނަމަވެސް މި އާސާރުތައް ދަރަޖަ ކުރާ މިންގަނޑުތަކާއި އަދި މިންކޮށް ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި އަޅުގަނޑުމެންނަށް ހަމަ ގޮންޖެހުންތަކެއް ވެސް އެބަވޭ،" ހީނާ ވިދާޅުވި އެވެ. 
ހީނާ ވިދާޅުވީ، ދާރުލްއާސާރު މަރާމާތުކޮށް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ. 
"އެހެންވީމާ ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމަށްޓަކައި ނުވަތަ ގައުމީ ދާރުލްއާސާރު މިހާރު ހުރި ވަރަށްވުރެ އިތުރަށް މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި ޗައިނާ ސަރުކާރާ ގުޅިގެން އަޅުގަނޑުމެން މި ދަނީ މިހާރު މަސައްކަތްތަކެއް ކުރަމުން. އެކަމަށް ބޭނުންވާ ފަންޑިންއާ އެއްޗެހި ހަމަޖެހި އެކަން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށިގެންދާނެ،" އޭނާ ވިދާޅުވި އެވެ. 
ހީނާ ވިދާޅުވީ ދާރުލްއާސާރުގައި މިވަގުތު ޑިސްޕްލޭކޮށްފައި ހުންނާނީ ގާތްގަނަޑަށް 600 އާސާރު ކަމަށެވެ. އޭގެ ތެރޭގައި 1500 އަށް ވުރެ ގިނަ އަހަރުވެފައިވާ ތަކެތި ވެސް ހިމެނޭކަން ހީނާ ފާހަގަ ކުރެއްވި އެވެ. 
"ގައުމީ ދާރުލްއާސާރުގައި މިވަގުތު ޑިސްޕްލޭ ކުރެވިފައި ހުރީ ގާތްގަނޑަކަށް ހަ ސަތޭކައެއްހާ އާސާރު. އޭގެ ތެރޭގައި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، 1500 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އާސާރީ ތަކެތި އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ. 
ދާރުލްއާސާރު އިމާރާތަކީ ޗައިނާގެ ހިލޭ އެހީގައި އިމާރާތް ކުރި ތަނެކެވެ. ޗައިނާގެ ސަރުކާރުން ދާރުލްއާސާރު ރާއްޖެއާ ރަސްމީކޮށް ހަވާލު ކުރީ ޖުލައި 10، 2010، ގަ އެވެ. އެތަން ރަސްމީކޮށް ހުޅުވީ މިނިވަން ދުވަހު، ޖުލައި 26، 2010، ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ