ކަރަންޓުގެ އަގު ހެޔޮކުރުމަށް އޮތް ހަރުދަނާ ދޮރަކީ އިއާދަކުރަނިވި ހަކަތަ - ނަޝީދު

ކަރަނޓުގެ އަގު ހެޔޮކުރުމަށް އޮތް އެންމެ ހަރުދަނާ ދޮރަކީ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮޕް 24 ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ނަޝީދު ވިދާޅުވީ، ކަރަނޓުގެ އަގު ހެޔޮކުރުމަށް އޮތް އެންމެ ހަރުދަނާ ދޮރަކީ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުންކަމަށާއި އަޅުގަނޑުމެންގެ އަމާޒަކީ މި ބާވަތުގެ ހަކަތަ އުފެއްދުމަށް ބާރުއެޅުން ކަމަށެވެ.
"އަވިން އުފައްދާ ކަރަންޓު ޔުނިޓެއްގެ އަގު އެންމެ ބޮޑުވެގެން ވެސް 2.50 ރުފިޔާއަށް ލިބޭނެ, އަޅުގަނޑުމެންގެ އަމާޒަކީ މި ބާވަތުގެ ހަކަތަ އުފެއްދުމަށް ބާރުއެޅުން. އަދި މި ބާވަތުގެ ކަރަންޓު އުފެއްދުމަށް ގިނަފައިސާ ވެސް ލިބޭނެގޮތް ވުމާ މަގުތައް ފަހިވެގެން ދިއުމާ މީގެ ޓެކްނޮލޮޖީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ލިބިގެން ދިއުން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ކޮޕް 24 ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި މޫސުމަށް އަންނަ ބަދަލާއި ގުޅޭގޮތުންނާއި، އެ ބަދަލުގެ ސަބަބުން ކުދި ގައުމުތަކަށް ކުރާ އަސަރުގެ ވާހަކަ ދިވެހިރާއްޖޭގެ ފަރާތުން ދައްކަވާނެކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަފެނޭ ބޭރު ތޮއްޓާއި އެއްގަމު ތޮށި ބޮޑު ހިލައިން އަޅާތަން. އަދި ވައިގަދަވީމާ އެކަމަށްވެސް ހައްލެއް ހޯދަން މަސައްކަތްކުރާތަން އެބަފެނޭ. ފެން ދަތިވީމާ އެކަމަށް ހައްލެއް ހޯދަންވެސް މަސައްކަތް އެބަކުރެވޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮޕް 24 ކްލައިމެޓް ޗޭންޖް ކޮންފަރެންސްއަކީ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖު (ޔޫއެންއެފްސީސީ)ގެ ފަރާތުން އިންތިޒާމުކޮށްގެން ޕޮލެންޑުގެ ކަތޮވީސާގައި މި ޑިސެންބަރު މަހު ބޭއްވުމަށް ހަމަޖައްސާފައިވާ ކޮންފަރެންސްއެކެވެ.
ރައީސް ނަޝީދު މި ކޮންފަރެންސްގައި ބައިވެރެވަޑައިގަންނަވާނީ ރާއްޖޭގެ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުން އެގަމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އެގޮތުން ފްރާންސްގެ އެންވަޔަރުމަންޓު މިނިސްޓަރު ފްރެއިންކޮއިސް ޑޭ ރުގީއާއި، ޕޮލެންޑުގެ ޑެޕިއުޓީ އެންވަޔަރުމަންޓު މިނިސްޓަރ މައިކަލް ކުރިޓީކާ ފަދަ ބޭފުޅުން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ