މިދިޔަ އާދީއްތަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ ކަށަވަރުވެފައިވާ ކަމަށާއި، ވަގުތީ ނަތީޖާއަށް ދެން ބަދަލެއް ނާންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
ދާއިމީ ނަތީޖާ އިއުލާނުކުރުމުގެ ކުރީން، ހަބީބު މިގޮތަށް ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ހަބީބު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އާއި މެދު އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުން އިއްޔެ އިއްތިފާޤު ވެފައިވާ ކަމަށާއި، އެހެންކަމުން ވަގުތީ ނަތީޖާއަށް ދެން ބަދަލެއް ނާންނާނެ ކަމަށެވެ.
ހަބީބު މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންނަށް ވޯޓުލުމަށް ލިބޭ ހައްޤުގެ ދަށުން ރައްޔިތުން ބޭނުންވާ ރިޔާސީ ކެންޑިޑޭޓް އިންތިޚާބުކޮށްފި ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ޤާނޫނާއި އެއްގޮތްވާގޮތުގެ މަތީން ވޯޓު ގުނައި ނިންމައި އެ ކޮމިޝަނުގެ ޒިންމާ އަދާކޮށްފި ކަމަށް އޭނާ ވިދާޅުވިއެވެ.
ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަމުން ހަބީބު ވިދާޅުވީ، ދާއިމީ ނަތީޖާ އިއުލާނު ކުރުމަށް އިންތިޚާބު ބާއްވާ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް އިލެކްޝަންސް ކޮމިޝަނަށް ލިބޭއިރު އެ މުއްދަތު އަންނަ އާދިއްތަ ދުވަހަށް ހަމަވާނެ ކަމަށެވެ.
މި އިންތިޚާބުގެ ސައްޙަކަމާއި ގުޅޭގޮތުން ތަފާތު އެކި ވާހަކަތައް ދެކެވެމުންދާއިރު، މިފަހަރުގެ އިންތިކާބުގައި ރިޝްވަތު ނަގައިގެން އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް ބައެއް ކަންކަން ހިންގާފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.
މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މީގެ ކުރިން ވިދާޅުވީ، ހައްޔަރުކުރަން ޖެހޭ ވަރުގެ ޖިނާއީ އެއްވެސް ކުށެއް ކުރައްވާފައި ނުވާނެ ކަމަށާއި އެހެންނަމަވެސް ހައްޔަރުކޮށް ތުހުމަތެއް ކުރާނަމަ އެކަމަށް ޖަވާބުދާރީވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ ޤަބޫލުފުޅުކުރެއްވި ކަމަށް ރައީސް ޔާމީން ވަނީ ކުރިން ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް ޕީޕީއެމުން އިންތިޚާބާ ގުޅޭ މައްސަލަތަކެއް ފާހަގަ ކޮށް އިންތިޚާބު ބާތިލު ކޮށްދޭން ހައި ކޯޓަށް ހުށަހަޅަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު، އެ ޕާޓީން އެކަން ދޮގުކުރެއެވެ. އެފަދަ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާކަމަށް ކުރިން ހައިކޯޓުންވެސް ވަނީ ވިދާޅުވެފައެވެ.
އިއުލާނުކުރުމުގެ ކުރިން، ދާއިމީ ނަތީޖާ ކަށަވަރުވެފައިވާކަން އީސީ މެމްބަރު ހަބީބު ހާމަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ