ރިޔާސީ އިންތިހާބު ބާތިލުނުކުރަން ސުޕްރީމް ކޯޓުން ކުރި ހުކުމަށް އެމެރިކާ އިން މަރުހަބާ ކިޔައިފިއެވެ.
އެމެރިކާ އިން އެ ނިންމުމަށް މަރުހަބާ ކިޔާފައި ވަނީ ސްރީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މިވަގުތު ހުންނެވި ރޮބަޓް ހިލްޓަން ކުރެއްވި ޓްވީޓެއްގައެވެ.
ހިލްޓަން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަށް މަރުހަބާ ކިޔާ ކަމަށާއި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު އެމަނިކުފާނާ އެކު މަސައްކަތް ކުރެއްއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
މި ހުކުމަށް އެމެރިކާ އިން މަރުހަބާ ކިޔާފައިވާއިރު ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމާފައިވާ ނިންމުމަށް އިހުތިރާމުނުކޮށް ސުލްހަވެރިކަމާއެކު ދައުލަތް ހިންގުމުގެ ބާރުތައް ބަދަލުކުރުމުގެ މަރުހަލާއަށް ހުރަސްއަޅާ އެންމެހާ ފަރާތްތަކާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މީގެކުރިން އެމެރިކާ އިން އޮތީ ދީފައެވެ.
މީގެއިތުރުން އިންތިހާބަށްފަހު އެމެރިކާގެ ހާއްސަ މަންދޫބެއް ވެސް ވަނީ ރާއްޖެ ވަޑައިގެން، އިންތިހާބީ ރައީސް އާއި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި ބައްދަލުކުރައްވާފައެވެ.
ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ވިދާޅުވީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބަކީ ޝަރުއީޔަތު ގެއްލިފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި އިންތިހާބު ބާތިލުކުރަންޖެހޭ ފަދަ އަސާސެއް ނެތް ކަމަށެވެ.
އަދި އަލުން އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށްވެސް ހުކުމުގައި ވިދާޅުވެފައިވެއެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް އެމެރިކާ އިން މަރުހަބާ ކިޔައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ