ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތު އަދާކުރައްވާނީ އިސްލާމްދީނާއި ގާނޫނުއަސާސީގައިވާ ގޮތަށް ގައުމާ ރައްޔިތުންނަށް މަންފާ ހުރި ގޮތަށް އަދި ދިވެހި ދައުލަތާއި ސަރުކާރަށް އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ރޭ އިންތިޙާބުވެ ވަޑައިގެންނެވި ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އޭނާ އިންތިޙާބު ވުމުން ރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ މަޖިލީހުގެ ތެރެއިން މިދިޔަ ދުވަސްތަކުގައި ފެނިގެން ދިޔަ ނާއުއްމީދީ ކަންތައްތައް ނުފެންނާނެ ގޮތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށެވެ. ގާނޫނުއަސާސީއާ މަޖިލީހުގެ ގަވައިދާ އެއްގޮތަށް މަސައްކަތް ކުރައްވައިގެން ދިވެހި ރައްޔިތުންނަށް ބާއްޖަވެރި ހިތްހަމަޖެހޭ ދުވަސްތަކެއް ގެނެސްދެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަަނީ މަޖިލީހުގެ ރައީސް ކަމަށް އެމަނިކުފާނު އިންތިހާބު ކުރުމަށް ގުޅިފައިވާ ޕާޓީ ތަކުގެ ލީޑަރުން ތާއީދު ކުރެއްވީތީ ރައީސް މުހައްމަދު ނަޝީދާއި، ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޝައިހް އިމްރާނަށް ޝުކުރު އަދާކުރައްވާފަ އެވެ.
ގާސިމްގެ ނަން މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވައިދެއްވި އިންތިހާބީ ރައީސް އިބްރާހީމް ސޯލިހަށާއި އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވި އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމަށް ވެސް ގާސިމް އިބްރާހީމް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ އިބޫ ވަނީ އިސްލާހަށް ވަރަށް އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވުމާއެކު މިއަދު މިއޮތް ކޯލިޝަން އުފެއްދުމަށް ވެސް މުހިއްމު މަސައްކަތްތަކެއް ކޮށްދެއްވާފައި ކަމަށެވެ.
"ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވަރަށް ހަލުވިކަމާއެކީގައި މިފެށޭ ރިޔާސީ އާދައުރު، އާދެ، އިބްރާހީމް މުހައްމަދު ސޯލިހްގެ ރައީސް ކަމުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް މަތިވެރި ކުރިއެރުންތަކެއް ލިބި އުފާ ފާގަތި ކަމުގައި އަދުލު އިންސާފާ ހަމަހަމަކަމާ ކޮރަޕްޝަންގެ އުނދަގޫ މުސީބާތްތަކުން އަޅުގަނޑުމެން ސަލާމަތްވުމަށް އަދި ރައްޔިތުންނަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދިނުމުގެ މަތިވެރި އަޒުމުގައި އެމަނިކުފާނު އެކުރައްވާ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ހުރިހާ މެންބަރުން އެމަނިކުފާނަށް ވަރަށް ސާބިތުކަމާއެކީގައި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު، އަޅުގަނޑުމެންގެ އިންތިހާބީ ރައީސް އޮނަރަބުލް އިބްރާހީމް މުހައްމަދު ސޯލިހަށް ފަށްފަށުން ދަންނަވަން،" ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ރިޔާސަތުގައި އަންނަ ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ފަށާނެއެވެ.
މަޖިލީހުގެ ރައީސް ކަން ކުރާނީ ދީނުގައި އޮތްގޮތައް – ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ