ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތަށް އުނިކަމެއް އަންނަ ފަދަ ގޮތަކަށް ރާއްޖޭގެ ހަރުމުދާތައް ބޭރުގެ ފަރާތްތަކަށް ދީގެން ނުވާނެ: ރައީސް މައުމޫން

19:00ޤައުމެއްގެ ހަރުމުދާ އޮންނަން ޖެހޭނީ ޤައުމުގެ ރައްޔިތުންގެ އަތުގައި ކަމަށާއި ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލާ ސިޔާދަތަށް އުނިކަމެއް އަންނަ ފަދަ ގޮތަކަށް ރާއްޖޭގެ ހަރުމުދާތައް ބޭރުގެ ފަރާތްތަކަށް ދީގެން ނުވާނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.ރައީސް މައުމޫން މިހެން ވިދާޅުވީ ވީޓީވީން ގެނެސްދޭ "ހޫނު ގޮނޑި" މި ސިލްސިލާގެ ދެވަނަ ޕްރޮގްރާމްގައި މެހެމާނެއްގެ ގޮތުގައިރޭ ބައިވެރިވެވަޑައިގެން، އިދިކޮޅު ފަރާތްތަކުން ޙާއްސަކޮށް ޑީއާރުޕީން އެންމެ ބޮޑަށް ފާޑުކިޔާ އެއްކަމަކީ ދައުލަތުގެ ހަރުމުދާ ސަރުކާރުން ވިއްކަމުން ގެންދާ ގެންދިއުން ކަމަށާއި މިކަމާ ގުޅިގެން ރައީސް މައުމޫންގެ ހިޔާލަކީ ކޮބައިތޯ އެ ޕްރޮގްރާމް ގެނެސްދޭ ޕްރެޒެންޓަރު ދެންނެވި ސުވާލެއްގެ ޖަވާބުގައި ދެއްވަމުންނެވެ. ރައީސް މައުމޫންގެ ވާހަކަފުޅުގައި އެމަނިކުފާނަކީ އަބަދުވެސް ދިވެހި ރައްޔިތުންގެ އަތުގައި ޤައުމުގެ ހަރުމުދާ އޮތުމަށް ތާއީދުކުރައްވާ ބޭފުޅެއް ކަމުގައި ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގައި އެފަދަ ކަންކަމަށް ތާއީދުކުރަމުން ގޮސްފައިނުވާނެ ކަމަށް ވިދާޅުވެ، އެކަމުގެ މިސާލު ދެއްވަމުން ވިދާޅުވީ 1977 ވަނަ އަހަރު ކުރީގައި ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލް އަމީރު އަލްމަރްހޫމް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ބޭރުގެ ވަރަށް ބާރު ގަދަ ޤައުމަކުން އައްޑޫ އަތޮޅު ގަން ކުއްޔަށް ހިފުމަށް ހުށަހެޅި ކަމުގައި ވިދާޅުވި އެވެ. އަދި އެ ހުށަހެޅުން ރައީސް ނާސިރު އޭރުގެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާ އަށް ގެންދެވި ކަމަށާއި އެ ޖަލްސާގައި ވަޒީރުންގެ މަޖިލީހުން ނިންމެވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ސިޔާދަތަށް އަސަރުކޮށްފާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.  ރައީސް މައުމޫން އަދި ވިދާޅުވީ އެ ސިޔާސަތަކީ އޭރުގެ ސަރުކާރުން ވެސް އަދި އެމަނިކުފާނުގެ ސަރުކާރުން ވެސް ކަންތައް ކުރަމުން ގެންދެވި ގޮތް ކަމަށެވެ.ރާއްޖެއަށް މަސްތުވާތަކެތި އެންމެ ބޮޑަށް ފުޅާވެފައި ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ކަމަށް ބުނެ އެ ކަމުގެ ޒިންމާ ވަރަށް ގިނަ ފަރާތްތަކުން އެ މަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވަމުންދާއިރު އެކަމުގެ ޒިންމާ އުފުއްލަވަންތޯ އެ ޕްރޮގްރާމްގެ ޕްރެޒެންޓަރ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެކަމުގެ ޒިންމާ އެމަނިކުފާނު ނުއުފުއްލަވާ ކަމަށް ވިދާޅުވެ، ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވެސް ރާއްޖޭގައި 1970ގެ ކުރީކޮޅުން ފެށިގެން މަސްތުވާތަކެތީގެ ކަންތައްތައް ފެތުރިފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވަރަށް ގިނަ މަސައްކަތްތައް ކުރެއްވި ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލް ރައީސް މައުމޫން ދެއްވި އެވެ.އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ ތަންތަން ރާއްޖޭގައި ހެދުން މަނާކުރާ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި ނަމަވެސް، އެ ބިލް ތަސްދީގުކުރައްވާނީ ރާއްޖޭގެ ދީނީ އިލްމުވެރިންގެ ރައުއެއް ލިބިވަޑައިގެން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށާއި އެކަމުގައި ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން ރައީސް މައުމޫންގެ ރައުޔަކީ ކޮބައިތޯ ޕްރެޒެންޓަރ ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ އިސްލާމްދީން ފިޔަވާ އެހެން ދީންތަކަށް މި ރާއްޖޭގައި ފުރުސަތު ދެވިގެން ނުވާނެ ކަމަށާއި ރާއްޖޭ އަށް އިތުރު ދީންތައް އަތުވެއްޖެނަމަ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އިތުރު ބައިބައިވުންތައް އުފެދި ފިތުނަފަސާދަތައް އިތުރުވެގެންދާނެ ކަމަށެވެ.ވީޓީވީގެ ހޫނު ގޮނޑީގައި އޮންނަ ސެގްމަންޓް "އާ އެނކޭ" ނުވަތަ "ނޫނެކޭ" ވިދާޅުވުމަށް ކޮންމެ މެހުމާނަކަށް ވެސް އޮންނަ ފުރުސަތުގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޑީއާރުޕީގެ ލީޑަޝިޕަށް ބަދަލު ގެނައުމަށް ފެނިވަޑައިގަންނަވާތޯ ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ އެގޮތަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެއްވެސް ވާދަވެރި އިންތިހާބަކުން ފެނިދާނެތޯ ދެންނެވުން ރައީސް މައުމޫން ވިދާޅުވީ ނުފެންނާނެ ކަމަށެވެ. މިހާރުގެ ހާލަތަށް ބަލާއިރު ރައީސް މުހައްމަދު ނަޝީދު ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންފާނެތޯ ދެންނެވުމުން ވިދާޅުވީ ނުވާނެ ކަމަށެވެ. މި ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ފަސް ވައުދު ހާސިލުކުރެވޭނެތޯ ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ އެކަންތައް ނުކުރެވޭނެ ކަމަށެވެ. އަދި ރައީސް މައުމޫންގެ އެއްވެސް ބެންކް އެކައުންޓެއްގައި ރައްޔިތުންގެ ފައިސާ ހުންނާތޯ ދެންނެވުމުން ވިދާޅުވީ ނުހުންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ