ސުޕްރީމް ކޯޓުގެ ނިންމުމެއް ބާތިލް ކަމަށް މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ބައެއް މާއްދާތައް ސުޕްރީމް ކޯޓުން ބާތިލް ކުރުމަކީ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތައް ނަގާލުން ކަމަށް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން މިއަދު ކަނޑައަޅައި އެ މާއްދާތައް ބާތިލުކޮށްފައިވަނީ ގާނޫނު އަސާސީ އާއި ހިލާފަށް ކަމަށް އެ ކޮމިޓީން ނިންމައިފި އެވެ.
މިއަދު ބޭއްވި އެކޮމެޓީގެ ބައްދަލުވުމުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވައި، މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ތާއީދު ކުރެއްވި ހުށަހެޅުން ފާސްވެފައިވަނީ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި 6 މެންބަރުންގެ އިއްތިފާގުންނެވެ.
ނަމަވެސް މި ހުށަހެޅުން އަދި މަޖިލީހުގެ ތަޅުމުން ފާސްކުރަން ޖެހެ އެވެ.
އެ ހުށަހެޅުމުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބިގެންވާ އިމްތިޔާޒްތައް ނަގާލައި، އަދި ދައުލަތުގެ އެއްބާރު އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވުމުގެ އުސޫލާއި ކަނޑައެޅިގެން ޚިލާފަށް ސުޕްރީމް ކޯޓުން އަމަލުކޮށްފައިވާ ކަމަށެވެ.
އަދި އިމްތިޔާޒުގެ ގާނޫނަކީ ރައްޔިތުން މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފައިވާ ގާނޫނަކަށް ވާއިރު ގާނޫނުގައި ބުނެފައިވާ އިމްތިޔާޒްތަކަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތްވާ ގާނޫނެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ގާނޫނުގެ ބައެއް މާއްދާތައް ސުޕްރީމް ކޯޓުން ބާތިލް ކުރުމަކީ ގާނޫނު އަސާސީގައި ދައުލަތުގެ އެއްބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވުމުގެ އުސޫލާއި ހިލާފަށް ނިންމާފައިވަ ނިންމުމެއް ކަމަށް ވެސް ހުށަހެޅުމުގައިވެ އެވެ.
އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ ބައެއް މާއްދާތައް ސުޕްރީމް ކޯޓުން ބާތިލް ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށާއި، އިންޓަރ ޕާލިމެންޓްރީ ޔޫނިއަން އަދި ބައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ ސަމާލުކަމަށް ގެނައުމަށް ވެސް ހުށަހެޅުމުގައިވެ އެވެ.
ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވަނީ އިމްތިޔާޒް ގާނޫނުގެ 3 ވަނަ މާއްދާގެ (ށ) އާއި 11 ވަނަ މާއްދާގެ (ހ) އާއި 13 ވަނަ މާއްދާގެ (ނ) އާއި `16 ވަނަ މާއްދާގެ (ހ) އާއި 18 ވަނަ މާއްދާގެ (ށ) އެވެ.
ބާތިލްކުރި އިމްތިޔާޒް ޤާނޫނުގެ ތިންވަނަ މާއްދާގެ (ށ)ގައި ބުނަނީ މެންބަރަކު މަޖިލީހަށް ދިއުމާއި، މަޖިލީހުން އެނބުރި ދިއުމުގައި އަދި މަޖިލީހުގައި ހާޒިރުވެ ހުންނަ ވަގުތުތަކުގައި ހާޒިރުކޮށް ބަންދުކޮށްގެން ނުވާނެ ކަމަށެވެ. ނަމަވެސް ޖިނާއީ ކުށެއް ކުރަނިކޮށް ފެނިއްޖެ ހާލަތެއްގައި އެ މެންބަރަކު ހައްޔަރު ކޮށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް އެމާއްދާ ހުރަސްނާޅާ ކަމަށެވެ.
ބާތިލްކުރި 13 ވަނަ މާއްދާގެ (ނ)ގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމުގެ މައްސަލައެއް ނުވަތަ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ނުވަތަ ފަނޑިޔާރުންނާއި މިނިވަން މުސްތަޤިއްލު މުއައްސަސާތަކުގެ މެންބަރުންނާއި މިނިވަން މުސްތަގިއްލު މަޤާމުތަކުގައި ތިބޭ މީހުން މަޤާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައާމެދު މަޖިލީހުން ގޮތެއް ނިއްމުމަށް ބާއްވާ ޖަލްސާއަށް ބަންދުކުރި ފަރާތުން އެމެންބަރަކު ހާޒިރުކޮށްދޭންވާނެ ކަމަށެވެ. އަދި ބަންދުކޮށްފައި ހުރި މެންބަރަކު ބައިވެރިނުކޮށް މިފަދަ ޖަލްސާއެއްގައި އެއްވެސް ވޯޓެއް ނަގައިގެން ނުވާނެ ކަމަށްވެސް މިމާއްދާގައި ބުނެފައި ވެއެވެ.
ބާތިލްކުރި 16 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ މަދަނީ ނުވަތަ ޖިނާއީ މައްސަލައެއްގެ ތަޙްޤީޤުގެ މަރުޙަލާގައި ނުވަތަ ޖިނާއީ ކުށެއްގައި 12 (ބާރަ) މަސްދުވަހަށްވުރެ ކުރު ޙުކުމެއް ތަންފީޒުކުރުމުގެ މަރުހަލާގައި މަޖިލީހުގެ މެންބަރަކު ހައްޔަރި ކޮށްފައިވާނަމަ، ހައްޔަރުކޮށްފައިވާ ފަރާތްތަކުން އެމެންބަރަކު މަޖިލީހުގެ ޖަލްސާތަކަށާއި މަޖިލީހުގެ ކޮމެޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުކޮށްދޭންވާނެކަމަށެވެ.
ބާތިލްކުރި 18 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ މަޖިލީހުން ނުވަތަ ކޮމެޓީއަކުން ސުވާލުކުރެވޭ މީހަކު، 18 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން ޖަވާބު ނުދީފި ހިނދެއްގައި ނުވަތަ ލިޔުމެއް ނުވަތަ މައުލޫމާތެއް ފޮނުވުމަށް ނުވަތަ ގެނައުމަށް އަންގާފައިވާ މީހާ، އެލިޔުމެއް ނުވަތަ މައުލޫމާތެއް ނުފޮނުވައިފިނަމަ، ނުވަތަ ނުގެނެސްފިނަމަ އޭނާއަކީ މަޖިލީހުގެ އަމުރަށް ނުކިޔަމަންތެރިވި މީހެއް ކަމުގައި ބެލެވޭނެ ކަމަށެވެ.
18 ވަނަ މާއްދާގެ (ށ) ބާތިލްކުރުމާއި އެކު 18 ވަނަ މާއްދާގެ (ނ)ގެ ޤާނޫނީ ބާރު ވަނީ ކެނޑިފައެވެ. 18 ވަނަ މާއްދާގެ (ނ)ގައި ބުނެފައި އޮންނަނީ އެމާއްދާގެ (ށ)ގައި ބަޔާންކުރާފަދަ ކަމެއް ހިންގައިފިނަމަ އެފަރާތެއްގެ އަދަބަކީ 1000/- (އެއްހާސް) ރުފިޔާ އާއި 3000/- (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ކަމަށެވެ. ނުވަތަ ތިން މަސްދުވަހާއި ހަމަސްދުވަހާއި ދެމެދުގެ މުއްދަތައް ޖަލަށްލުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ