ސަރުކާރުގެ އޮފީސްތަކުން ކޮރަޕްޝަންގެ ކަންތައްތައް އިންތިހާ ދަރަޖައަށް ގޮސްފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅު މާޅެންދޫގައި ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ވިލާ ގްރޫޕްގެ ޗެއާމަންކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ސަރުކާރުން ޕްރޮޖެކްޓަކަށް 10 މިލިއަން ރުފިޔާ ހަރަކުރަންޏާ 15 މިލިއަން ނުވަތަ 20 ރުފިޔާ ޖަހައިގެން ކޮރަޕްޝަންގެ ގޮތުގައި އެ ފައިސާތައް ނަގަމުންދާ ކަމަށެވެ.
"ސަރުކާރުގެ އޮފީސްތަކުން ކޮރަޕްޝަނުގެ ކަންތައް އިންތިހާ ދަރަޖަ، ޕްރޮޖެކްޓަކަށް 10 މިލިއަން ރުފިޔާ ހަރަދުކުރަންޏާ 15 މިލިއަން، 20 މިލިއަން ރުފިޔާ ޖަހައިގެން އެބަ ނަގާ، އެކަހަލަ ދެރަށުގެ ބަނދަރު ހަދާހާ ލާރި އެއް ބަނދަރަކަށް އެބަ ނަގާ." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އަދި ކިތަންމެ ސާފު ބަހުން ގާނޫނާއި ގަވައިދާއި އެއްގޮތަކަށް ކުރަން އޮންނައިރު ވެސް އެކަމަކަށް ބަލާ ނުލާ ކަމަށާއި އެހެންކަމުން މިކަހަލަ ބޭފުޅުން ވެރިކަން ކުރާނީ ކިހިނެއްތޯ ރައީސް ޑރ.މުހައްމަދު ވަހީދަށް އިޝާރާތް ކުރައްވާ ރޭ ގާސިމް ވަނީ ވިދާޅުވެފައެވެ.
ގާސިމް ރޭ ވަނީ މާޅެންދޫ ރައްޔިތުންނަށާއި އެހެނިހެން ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ވެސް ވައުދުތަކެއް ވެވަޑައިގެންފައެވެ. ގާސިމް ވިދާޅުވީ މާޅެންދޫގައި ނަރުދަމާގެ ނިޒާމާއި ފެން ހޮޅި ވެސް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އަޅައިދޭނެ ކަމަށާއި އަދި ރަށުގެ ބަނދަރު ވެސް ހެދިގެން ދާނެ ކަމަށެވެ.
މީގެއިތުރުން މާޅެންދޫގައި ގެސްޓް ހައުސް ވެސް އަޅައިދޭނެ ކަމަށާއި މި ހުރިހާ ކަންތައްތަކެއް އެހެން ރަށްތަކުގައި ވެސް ކޮށްދެއްވާނެ ކަމަށް ގާސިމް ރޭ ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގޭ ހަދަންވީ ގޮތާއި ކުރަންވީ ކަންތައްތައް ވެސް، އެހެންވީމަ މާތް ﷲ ގެ ވާގިފުޅާއިއެކު ތިބޭފުޅުންގެ ކުރިމައްޗަށް ހުއްޓި މި ދަންނަވަނީ އަޅުގަނޑު މިހުރީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައިގެންނޭ، އަޅުގަނޑަށް ތިބޭފުޅުން ވޯޓުދެއްވާށޭ." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ލޫޓުވުމާއި، ފޭރުމާއި، ވައްކަން ކުރުމާއި މަސްތުވާތަކެތީގެ ވަބާއިން ދިވެހިން ސަލާމަތް ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ދާދި ފަހުން ސްރީލަންކާގައި ހިނގައިދިޔަ ދާހިލީ ހަނގުރާމަ ރާއްޖޭގައި ހިނގަން ބޭނުންނުވާ ކަމަށެވެ.
ލޫޓުވުމާއި، ވައްކަން ކުރުންފަދަ ކަންކަން ރާއްޖޭގައި މިހާރު އާންމުވެފައިވަނީ ފާއިތުވު ވިއްސަކަށް އަހަރުތެރޭ ރާއްޖޭގައި މަސްތުވާތަކެތި އާންމުވުމުގެ ސަބަބުން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ސަރުކާރުގެ އޮފީސްތަކުން ކޮރަޕްޝަންގެ ކަންތައް އޮތީ އިންތިހާއަށް - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ