ސްކޫލް ދަރިވަރުންނަށް އުޖޫރައެއް ލިބޭ ޕްރޮގްރާމެއް ފަށާނަން - ނަޝީދު

ސްކޫލް ޗުއްޓީ ދުވަސްވަރު އެކުދިންގެ ޝައުގުވެރިކަން ހުންނަ ދާއިރާތަކުގައި އުޖޫރައެއް ލިބޭ ގޮތަށް މަސައްކަތްކުރާނެ ޕްރޮގްރާމެއް އެމްޑީޕީ ސަރުކާރެއްގައި ފަށާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަސައްކަތްތެރީންގެ އެމްޑީޕީގެ ސިޔާސަތު “މިނިވަން މަސައްކަތްތެރިޔާ ހަމައިސްކޮޅަށް ތެދުވެވޭ، ފަޚްރުވެރި ދިވެހީން” އިފްތިތާހުކޮށްދެއްވުމަށް މިއަދު ހަވީރު ގދ.ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް ފަސް އަހަރުގެ ތެރޭގައި އެމްޑީޕީ ސަރުކާރުން އިސްކަން ދޭނެ އެއް ކަމަކީ ވަޒީފާތަކަށް ސްކޫލުތަކުގެ ދަރިވަރުން އަހުލުވެރިކުރުވުން ކަމަށެވެ.
"ސްކޫލް ޗުއްޓީގެ ދުވަސްވަރު އެކުދިން، ޝައުގުވެރިކަން ހުންނަ ދާއިރާތަކުގައި އުޖޫރައެއް ލިބޭ ގޮތަށް މަސައްކަތްކުރާނެ ޕްރޮގްރާމެއް އިރާދަކުރެއްވިއްޔާ މި ފެށޭ ދައުރުގައި، އަޅުގަނޑުމެންގެ ސަރުކާރުން ފަށާނަން، ވިޔަފާރިވެރިޔަކަށް، ލޯޔަރަކަށް، ޑޮކްޓަރަކަށް ނަރުހަކަށް، މަޖިލިސް މެންބަރަކަށް، ނުވަތަ ރައީސުލްޖުމްހޫރިއްޔާއަކަށް ޝައުގުވެރިވިޔަސް އެދާއިރާ އަކާއި ގުޅޭ ގޮތުން މަސައްކަތްކުރުމުގެ ފުރުސަތު ކަނޑައެޅޭ އުސޫލެއްގެ މަތިން ކިޔަވައި ކުދިންނަށް އިރާދަކުރެއްވިއްޔާ ލިބޭނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތު މީހާ ބޭނުން ވަނީ ހަލާލު ގޮތުގައި ހޯދާ އާމްދަނީ ދެ ގުނަވެ، އަޅުވެތިކަމުން މިންޖުވެ، މިނިވަން ކަމާ އެކީ މަސައްކަތްކުރުމަށް ކަމަށާއި މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުވުމަށް އެމްޑީޕީން އަބަދު ވެސް ވަކާލާތު ކުރާ ކަމަށެވެ.
އެގޮތުން 2006 ވަނަ އަހަރު ފުރަތަމަ ފަހަރަށް މަސައްކަތްތެރިންގެ ހައްގުގައި އަޑުއުފުލައި އެމްޑީޕީގެ ސަރުކާރެއްގައި ކުރިއަށް ގެންދާނެ ސިޔާސަތުތަކެއް އިއުލާނުކުރި އިރު 2008 ވަނަ އަހަރު ވެރިކަމަށް އައިސް ލޭބާ ޓްރައިބިއުނަލްއަކާއި ލޭބާ ރިލޭޝަންސް އޮތޯރިޓީއެއް ވެސް އުފެއްދި ކަމަށާއި އޭގެ ސަބަބުން މަސައްކަތެރިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ކުރަމުން އައި މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިޔަ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވަޒީފާ އާއި ގުޅޭ ތަމްރީނާއި އާއި ވަޒީފާގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ހޯދުމާއި ބެލެނިވެރިންނަށް އެ މައުލޫމާތު ލިބޭނެ ފަސޭހަ ވަސީލަތެއް ރާއްޖޭގައި ގާއިމުކުރެވޭނެ ކަމަށެވެ. މީގެއިތުރުން ހުނަރު ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ މަރުކަޒުތައް ރާއްޖޭގެ އެކި ސަރަހައްދުގައި ގާއިމު ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ހަމަ އެގޮތުން ކެރިއަރ ގައިޑަންސް އާއި ބަޣާވާތުން ހުއްޓުވާފައިވާ އެމްޑީޕީގެ ޔޫތު ޗެލެންޖާއި ކިއްސަރު ފެއާ އާއި ކާމިޔާބު ހުނަރު ޕްރޮގްރާމް ޒުވާނުންނަށްޓަކައި އާބާރެއްގައި ފަށަން ވަނީ ހަމަޖެހިފައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ފަސް އަހަރުގެ ތެރޭގައި ބައި ލައްކަ އަށް ވުރެ ގިނަ ވަޒީފާ އުފެދިގެން ދާނެ ކަމަށާއި އެއީ ތަފާތު 27 ޕްރޮގްރާމެއްގެ ތެރެއިން އުފެދޭނެ 34،000 އާ ވަޒީފާ އާއި ހުނަރު ޕްރޮގްރާމްގެ ހަ ދާއިރާ އިން އުފެދޭ 17،000 ވަޒީފާގެ ފުރުސަތު ކަމަށެވެ.
މިއަދު “މިނިވަން މަސައްކަތްތެރިޔާ ހަމައިސްކޮޅަށް ތެދުވެވޭ، ފަޚްރުވެރި ދިވެހީން” މިނަމުގައި މަސައްކަތްތެރީންގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރި ރަށް ތަކަކީ ހއ. ހޯރަފުށި، ހދ. ނެއްލައިދޫ، ށ. މިލަންދޫ، ނ. ޅޮހި، ރ. އިންނަމާދޫ، ބ. ދަރަވަންދޫ، ޅ. ހިންނަވަރު، ކ. ތުލުސްދޫ، އއ. ބޮޑުފޮޅުދޫ، އދ. ދަނގެތި، ވ. ފެލިދޫ، މ. ކޮޅުފުށި، ފ. ބިލެތްދޫ، ދ. މާއެނބޫދޫ، ތ. މަޑިފުށި، ލ. ފޮނަދޫ، ގއ. ކޮލަމާފުށި، ގދ. ތިނަދޫ، ޏ. ފުއައްމުލައް، އައްޑޫ ސިޓީއިން، ފޭދޫ އަދި މާލެ ސިޓިއިން މާފަންނު އުތުރު ގައެވެ.
ގދ. ތިނަދޫގައި ބާއްވާ ރަސްމިއްޔާތުގައި މަސައްކަތްތެރީންގެ އެމްޑީޕީގެ ސިޔާސަތު ރައީސް ނަޝީދު އިފްތިތާހުކޮށްދެއްވިއިރު އަނެއް 20 ސަރަހައްދުގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީ ސަރުކާރުގެ މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނާއި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ