ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ކުރިއަށް އޮތް އެޕާޓީގެ ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމުގެ އިޝާރާތެއް އިއްޔެ ދެއްވައިފި އެވެ.
ޕީޕީއެމްއަށް ކައުންސިލަރުންތަކަކާއި ޒުވާނުންތަކެއް ސޮއިކުރުމަށް އެޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ކުރިއަށް އޮތް ޕްރައިމަރީގައި ވެސް އެމަނިކުފާނު އެއްވެސް ފަރާތަކަށް ތާއީދުނުކުރައްވާނެ ކަމަށެވެ. އެހެންކަމުން ރައީސް މައުމޫން ޕްރައިމަރީގައި ވާދަކުރައްވަފާނެ ކަމަކަށް ނުބެލެވެ އެވެ.
ނިމިގެންދިޔަ ކޮންގްރެސްގައި ރައީސް މައުމޫން ޔަގީން ޓީމަށް ތާއީދުކުރެއްވި ކަމަށް އަޑު ފެތުރިގެންދިޔަ ކަމަށް ނޫސްވެރިޔަކު ސުވާލުކުރެއްވުމުން ރައީސް މައުމޫން ވިދާޅުވީ ފެށުނީއްސުރެން މިހާތަނަށް ވެސް ހުންނެވި ގޮތަށް އެމަނިކުފާނު ކޮންގްރެސްގައި އެއްވެސް ކޮޅަކަށް ތާއީދުނުކުރައްވާ ކަމަށާއި އަދި އެއްވެސް ކޮޅެއްގެ ކެމްޕެއިން ހަރަކާތެއްގައި ވެސް ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.
"ނޫން އެއީ ހަގީގަތެއް ނޫން، އަޅުގަނޑު ފެށުނީއްސުރެން ބުނަމުން މި އަންނަނީ އިންތިހާބެއް ވިއްޔާ ވާދަވެރިކަން ވެސް އޮންނާނެ، އެއީ ހަމަ ރަނގަޅު ކަމެއް، ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ޕާޓީގެ ތެރޭގެ އިންތިހާބުތަކުގައ ވެސް އަދި ބޭރު ތަންތަނުގައި ވެސް ވާދަކުރާ ބަޔަކު ތިބޭނެ، ވާދަކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް، އަޅުގަނޑުމެންގެ ގަވައިދުތަކާއި ގާނޫނުތައް ހުއްދަކުރާ ކަމެއް، ދެން އެކަހަލަ ވަގުތެއްގައި މިދެންނެވީ މަސައްކަތްތައް ވެސް ހިނގާނެ، އެހެންނަމަވެސް އަޅުގަނޑު ފުރަތަމަ ފެށުނީއްސުރެން މިހާތަނާއި ޖެހެންދެން ވެސް ދަންނަވަމުން މިއައީ އަދި ގައުމީ ޖަލްސާގައި ވެސް އަޅުގަނޑު ބުނީ، އަޅުގަނޑަކީ ވަކި ފަރާތަކަށް ޖެހޭނެ މީހެއް ނޫނޭ، ނުވެސް ޖެހެމޭ." މައުމޫން ވިދާޅުވި އެވެ.
"އެހެންކަމުން މި ކެމްޕެއިންކުރި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް އަޅުގަނޑު ތާއީދުކޮށް އެބޭފުޅުންނަށް އެވާހަކަ ދަންނަވާ ނުވަތަ އާންމު ތަނެއްގައި ބުނެފައެއް ނޯންނާނެ، އޭގެ އެއްވެސް ހަރަކާތެއްގައި ވެސް ބައިވެރިވެފައެއް ނޯންނާނެ، ތި ވިދާޅުވި ދެފަރާތުން ކުރެ އެއްވެސް ފަރާތަކުން އާންމު ތަނެއްގައި ބޭއްވި ހަރަކާތެއްގައި އަޅުގަނޑު ބައިވެރިވެފައެއް ނޯންނާނެ." މައުމޫން އިތުރަށް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާޏު ކުރިއަށް އޮތް ތާންގައި ވެސް ހުންނަވާނީ މެދުގައި ވަކި ފަރާތަކަށް ނުޖެހި ކަމަށާއި އަދި ޕާޓީގެ ޕްރައިމަރީގެ ކަންތައް ވެސް ގެންދަން ގަސްދުކުރަނީ އެގޮތަށް ކަމަށެވެ.
ޕާޓީގެ ޕްރައިމަރީގައި ވަކިކޮޅެއް ނުނަންގަވާނެ ކަމަށް ވިދާޅުވުމުން އޭގެ މާނައަކީ ޕްރައިމަރީގައި ވާދަނުކުރެއްވުންތޯ ނޫސްވެރިޔަކު ސުވާލުކުރެއްވުމުން ރައީސް މައުމޫން ވިދާޅުވީ އެއީ އެބޭފުޅާ އަމިއްލައަށް ނެންގެވި މާނައެއް ކަމަށާއި ޕްރައިމަރީގައި ވާދަކުރެއްވުމާއި މެދު އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.
އަދި ޕްރައިމަރީ އާއި ހަމައަށް ދިޔުމުން އެމަނިކުފާނު ނިންމަވާ ގޮތެއް އެނގިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ކުރިއަށް އޮތްތާންގައި އެޕާޓީ އާއި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކާއި އެކި ދާއިރާތަކުގެ ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލިސް މެންބަރުންތަކެއް ގުޅިވަޑައިގަންނަވާތަން ފެނިގެންދާނެ ކަމަށެވެ.
މައުމޫން ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ