އުމަރު ނަސީރު ޕީޕީއެމުން ވަކިކުރަން ސުލޫކީ ކޮމިޓީން ނިންމައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފުރަތަމަ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރު ޕީޕީއެމުން ވަކިކުރަން އެޕާޓީގެ ސުލޫކީ ކޮމިޓީން ނިންމާފައިވާ ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރަކު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ކައުންސިލް މެންބަރަކު ވިދާޅުވީ އުމަރު ވަކިކުރަން ސުލޫކު ކޮމިޓީން ނިންމި ނަމަވެސް އެކަމާއި މެދު ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ. އަދި ކައުންސިލުން ނިންމާ ގޮތެއް ރަސްމީކޮށް މީޑިއާ އާއި ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެ ނިންމުން ނިންމާނީ ކައުންސިލުން ކޮން ދުވަހެއްގައި ބާއްވާ ބައްދަލުވުމެއްގައި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ކައުންސިލަށް ރިޕޯޓު ފޮނުވި ކަމުގައިވިޔަސް ސުލޫކީ ކޮމިޓީގެ ނިންމުން ކައުންސިލަށް ބަދަލުނުކުރެވޭނެ ކަމަށް ޕީޕީއެމްގެ އަސާސީ ގަވައިދުގައި ބުނެފައިވެ އެވެ.
ނަމަވެސް އެ ނިންމުމާއި މެދު ކައުންސިލުން ނުވަތަ އުމަރު ނަސީރު ވެސް ހިތްހަމަނުޖެހިއްޖެނަމަ އެނިންމުން އިސްތިއުނާފް ކޮމިޓީގައި އިސްތިއުނާފް ކުރެވޭނެ ކަމަށް އަސާސީ ގަވައިދުގައި ބުނެފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުމަރު އެޕާޓީން ވަކިކުރުމަށް ނިންމާފައިވަނީ އިއްޔެ ބޭއްވި ސުލޫކީ ކޮމިޓީގެ ބައްދަލުވުމުގައެވެ. އުމަރުގެ މައްސަލައިގައި އެކޮމެޓީން އިއްޔެ ނިންމާފައިވާ ގޮތުގެ ރިޕޯޓު ރޭގެ ވަގުތެއްގައި ކައުންސިލަށް ފޮނުވާފައިވާ ކަމަށް ވެސް ހަބަރު ލިބެ އެވެ.
އުމަރު ނަސީރާއި ގުޅޭ ގޮތުން އެކޮމިޓީއަށް ހުށަހެޅުނު މައްސަލަގައި އުމަރު ނަސީރު އަސާސީ ގަވައިދާއި ހިލާފުވެފައިވާތީ އޭނާ 7 ދުވަސް ތެރޭގައި އެނބުރި އަސާސީ ގަވައިދުގެ ތެރެއަށްއައުމަށް މުހުލަތު ދިން އިރު އެ ގޮތަށް ނިންމާފައި ވަނީ މި މަހުގެ 15 ގަ އެވެ.
އުމަރާއި ދެކޮޅަށް ސުލޫކީ ކޮމިޓީން 7 ދުވަހުގެ މުހުލަތެއް ދީފައިމިވަނީ ޕީޕީއެމްގެ ޕްރައިމަރީގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ވިދާޅުވެފައިވާތީ އާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އުމަރު ވާހަކަ ދެއްކެވުމާއި ގުޅިގެން އުމަރު ޕަބްލިކްގައި މައާފަށް އެދިވަޑައިގަތުމަށް ޕީޕީއެމްގެ ކައުންސިލުން އެންގި އެންގުމާއި އެއްގޮތަށް އުމަރު އަމަލު ނުކުރެއްވުމުންނެވެ.
އުމަރު ނަސީރު މީގެ ކުރިން ވިދާޅުވެފައިވަނީ މައާފަށް އެދެން ޖެހޭ ސަބަބެއް ނެތް ކަމަށާއި ކަމެއް ހިނގައިދިޔަ ގޮތް ހާމަކުރުން އެއީ މައާފަށް އެދެން ޖެހޭ ކަމެއް ނޫން ކަމަށެވެ. ޕީޕީއެމް އުފެއްދީ އޭނާއާއި ރައީސް މައުމޫން ކަމަށްވާތީ ޕީޕީއެމުން އޭނާ ވަކިކޮށްފިނަމަ އެޕާޓީއަށް ބިންހެލުމެއް އައިސް ޕާޓީ ފުނޑުފުނޑުވެގެންދާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ