އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން އިންޑިއާގެ ޖީއެމްއާރާ ހަވާލުކުރުމުގެ އެއްބަސްވުން ސަރުކާރުން އުވާލައި އެ ކުންފުންޏަށް ދީފައިވާ ހަތް ދުވަހުގެ ނޯޓިސް އަށް އަމަލުކުރުން ފަސްކުރުމަށް ސިންގަޕޫރުގެ ހައި ކޯޓުން މިއަދު އަމުރު ނެރެފި އެވެ.ހަވީރަށް އެނގިފައިވާ ގޮތުގައި ޖީއެމްއާރުން ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ނިންމީ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލަ ބެލުމަށް އާބިޓްރޭޝަން ޓްރައިބިއުނަލް އުފެދެން ދެން ސަރުކާރުގެ ނޯޓިސް އަށް އަމަލުކުރަން ނުޖެހޭނެ ކަމަށެވެ. އާބިޓްރޭޝަން ޓްރައިބިއުނަލް އުފެދޭނީ އެއްބަސްވުމުގައި ހިމެނޭ ފަރާތްތަކުން އެ ފަރާތެއް ތަމްސީލްކުރާ އާބިޓްރޭޓާއަކާއި މިނިވަން އާބިޓްރޭޓާއެއް ހިމެނޭ ގޮތަށެވެ.ޖީއެމްއާރުން ސިންގަޕޫރު ހައި ކޯޓުގައި އެދިފައިވަނީ އެއާޕޯޓް ހިންގުން ހަވާލުކުރުމުގެ އެއްބަސްވުމުގެ ދަށުން އެ ކުންފުނިން
ކުރަންޖެހޭ އެއްވެސް ކަމެއް ހުއްޓުވައިގެން ނުވާނެ ކަމުގެ ވަގުތީ އަމުރެއް
ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
(އެމްއޭސީއެލް)ގެ މައްޗަށް ނެރެދިނުމަށެވެ.ސިންގަޕޫރު ހައި ކޯޓުގައި މިއަދު ބޭއްވި ޝަރީއަތް އަޑުއެއްސެވުމަށް ފަހު އެ ގައުމުގައި ހުންނަވައިގެން ބަންޑާރަ ނާއިބު އާޒިމާ ޝަކޫރު ހަވީރަށް ވިދާޅުވީ ޖީއެމްއާރު ދެ އަމުރަކަށް އެދިފައިވާ ކަމަށާއި އެއީ ޖީއެމްއާރާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ ކަންކަމަށް ހުރަސް އެޅުން ހުއްޓުވުމުގެ އަމުރަކާއި އެއާޕޯޓް ސަރުކާރަށް ނެގުން ހުއްޓުވުމުގެ އަމުރެއް ކަމަށެވެ. އެއާޕޯޓް އަތުލުން ހުއްޓުވުމަށް ނެރެދޭން އެދުނު އަމުރު ސިންގަޕޫރު ހައި ކޯޓުން ނެރެދީފައި ނުވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. އާޒިމާ ވިދާޅުވީ އެއްވެސް ގައުމެއްގެ ކޯޓަކަށް އެހެން ގައުމެއްގެ ސަރުކާރެއްގެ މައްޗަށް އަމުރެއް ނުނެރެވޭނެ ކަމަށާއި އެ އަމުރު ނުނެރުނީ އެހެންވެގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.ސިންގަޕޫރު ހައި ކޯޓުންް އަމުރު ނެރުނުކަން ފާހަގަކޮށް ޖީއެމްއާރު މާލޭ އިންޓަނެޝަނަލް އެއާޕޯޓް ލިމިޓެޑް (ޖީއެމްއައިއޭއެލް) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖީއެމްއާރާއި މެލޭޝިއާ އެއާޕޯޓްސް ބަރުހާދު ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމް ޖީއެމްއާރު-އެމްއޭއެޗްބީ އަށް ލިބިފައިވާ ހައްގުތަކާ ސީދާކޮށް ވެސް އަދި ނުސީދާކޮށް ވެސް ބެހުމުގެ ހުއްދައެއް، ކޮންސެޝަން އެއްބަސްވުމުގެ ދަށުން، ފިނޭންސް މިނިސްޓްރީ އަށް ވެސް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ލިބިގެން ނުވާ ކަމަށެވެ."މިއާ އެކު ކޮންސެޝަން އެއްބަސްވުމުގައިވާ ގޮތުގެ މަތިން އިބްރާހީމް ނާސިރު އިންޓަނެޝަނަލް އެއާޕޯޓް ހިންގުން ޖީއެމްއައިއޭއެލް އިން ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދާނެ،" ބަޔާނުގައިވެ އެވެ.ސިންގަޕޫރު ހައި ކޯޓުން އަމުރު ނެރުނު ކަމުގެ ޚަބަރާ އެކު ޖީއެމްއާރުގެ ހިއްސާގެ އަގު ވަނީ ގާތްގަނޑަކަށް ހަ ޕަސެންޓް މައްޗަށް ގޮސްފަ އެވެ. ސަރުކާރުން ދިން ނޯޓިސްއާ ގުޅިގެން އެ ކުންފުނީގެ ހިއްސާގެ އަގު ވަރަށް ބޮޑަށް ވެއްޓުނެވެ.
ޖީއެމްއާރަށް ދިން ނޯޓިސްއަށް އަމަލުކުރުން ފަސްކުރަން ސިންގަޕޫރު ހައި ކޯޓުން އަމުރުނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ