ހަތަރު ރަށެއްގެ އިންޖީނުގެ ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަނުގައި މިއަދު އޮތް ރަސްމިއްޔާތުގައި ފެނަކަ އިން ހަވާލުވެފައި ވަނީ ހއ. ވަށަފަރާއި މ. ނާލާފުށި، މ. މުލަކު އަދި މ. ދިއްގަރު އިންޖީނުގެއާ އެވެ. މި އެއްބަސްވުންތަކުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އެވެ. ރަށްތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ރަށު ކައުންސިލްތަކުގެ މެންބަރުންނެވެ.
ނިމާލް ވިދާޅުވީ މިހާތަނަށް 136 ރަށެއްގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނިން ހަވާލުވެފައިވާ ކަމަށާއި މީގެ ތެރޭގައި ހިމެނެނީ ކުރީގެ ޔުޓިލިޓީޒް ކުންފުނިތަކުން ހިދުމަތް ދެމުން ދިޔަ ރަށްތައް ކަމަށެވެ. އަދި ވަރަށް އަވަހަށް އިތުރު 10 ރަށެއްގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމު ހިންގުމާ ހަވާލުވުމަށް އެ ކުންފުނިން މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފެނަކައަކީ ރާއްޖޭގެ އާބާދީގެ 69 ޕަސެންޓް، 232،000 ރައްޔިތުންނަށް ކަރަންޓް ހިދުމަތް ފޯރުކޮށްދޭ ބައެއް. އެއީ އެވްރެޖްކޮށް ގެއަކަށް ފަސް މީހުންގެ ނިސްބަތަށް ބަލާއިރު 44،000 އެއްހާ ގޭބީސީ،" ނިމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އއ. އަތޮޅާއި އދ.، ގއ.، ކ. އަދި ވ. އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި ވެސް ފެނަކައިގެ ހިދުމަތް ގާއިމުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި 13 ރަށެއްގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދި ޔުޓިލިޓީޒް ކުންފިތަކުގެ މަސައްކަތްތަކާ ހަވާލުވުމަށް މި ސަރުކާރުން އުފެއްދި ފެނަކަ ކޯޕަރޭޝަނުން ބުނީ ރަށްރަށުގެ އިންޖީނުތަކަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރުމަށް އެ ކުންފުނިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
ހަތަރު ރަށެއްގެ އިންޖީނުގެ ހިންގުން ފެނަކައާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ