އިންތިހާބުގެ މައްސަލަ ސުޕްރީމް ކޯޓުން އަވަހަށް ނިންމުމަށް އެންޖީއޯ ފެޑެރޭޝަނުން ގޮވާލައިފި

ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ރާއްޖޭގެ ޖަމިއްޔާ އަދި ޖަމާއަތްތަކުގެ މައްޗަށް އެކުލެވޭ އެންޖީއޯ ފެޑެރޭޝަނުން ގޮވާލައިފި އެވެ. އެ ޖަމިއްޔާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބުގެ ދެވަނަ
ބުރުގެ ވޯޓުލުން ވީހާވެސް އަވަސް ކޮށްދިނުމަށް ދައުލަތުގެ ހުރިހާ
ފަރާތްތަކަކުން ވެސް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ.
އަދި ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމު ކޯޓަށް ހުށަހަޅާފައިވާ
މައްސަލަތައް އަދުލުވެރިކަމާއެކު އަވަހަށް ނިންމައިދިނުމަށް އެ
ޖަމިއްޔާއިން ވަނީ އެދިފަ އެވެ.ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ އިންތިހާބު ބާތިލް ކުރުމަށް ޖުމްހޫރީ ޕާޓީން ހުށަހަޅާފައި ވާއިރު އިންތިހާބު ފަސްކުރުމަށް ޕީޕީއެމް އިން ހުށަހަޅާފައިވެ އެވެ.ރައްޔިތުންގެ އެތައް ބައެއްގެ ހައްގާ ގުޅިފައިވާ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ނިންމުމަކީ ރައްޔިތުންގެ އިތުބާރު އޮންނަ ނިންމުމެއް ކަމުގައި ވުމަށްޓަކައި އެ ކޯޓުގެ ފަނޑިޔާރުންނަކީ އަބުރުވެރި އަދި އެ ބޭފުޅުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު ނުއުފެއްދޭ ފަނޑިޔާރުންކަން ކަށަވަރުކުރަން ޖެހޭ ކަމަށް އެންޖީއޯ ފެޑެރޭޝަނުން ބުންޏެވެ. އެންޖީއޯ ފެޑެރޭޝަނުން ބުނީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮބްޒާވްކޮށް މޮނީޓާކުރި ރާއްޖޭގެ މަދަނީ ޖަމިއްޔާތަކާއި ބައިނަލްއަގްވާމީ ފަރާތްތަކުން ވެސް އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައިވަނީ މިނިވަންކަމާއި ވަރަށް އިންސާފުވެރިކޮށް ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ދެވަނަ ބުރުގެ ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ވޯޓުލުން ލަސްވެގެން ދިޔުމުގެ ސަބަބުން ގައުމުގެ ހަމަނުޖެހުން އިތުރުވެފައިވާތީ އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ."މީގެ އިތުރުން އިންތިހާބުގެ ކަންކަމުގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި ސިޔާސީ ފަރާތްތަކާ މެދު އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލެއް ހޯދައި..،އަމާން އޮމާން ކަމާއެކު ވޯޓުލުމުގެ ހައްގު ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށް ވެސް ގޮވާލަމެވެ." ފެޑެރޭޝަނުގެ ބަޔާނުގައި ބުނެފައި ވެ އެވެ. އެ ބަޔާނުގައި އިތުރަށް ބުނީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނާއި ރިޔާސީ އިންތިހާބުގެ ގާނޫނާއި ގަވައިދާ އެއް ގޮތްވާ ގޮތުގެ މަތިން މިނިވަން އިންތިހާބެއް ބޭއްވޭ ފަދަ އެއްވެސް ކަމަކަށް ހުރަސް ނޭޅުމަށާއި ކޮމިޝަނުގެ މުސްތަގިއްލު ކަމަށް އެއްވެސް ނުފޫޒެއް ފޯރުމަށް މަސައްކަތް ނުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ