އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން އިންޑިއާގެ ޖީއެމްއާރު
ކުންފުންޏާ އެކު ވީ އެއްބަސްވުން އުވާލުމާ ގުޅިގެން އެކުންފުންޏަށް ވީ 
ގެއްލުމުގެ ބަދަލުގައި 1.4 ބިލިއަން ޑޮލަރު ދިވެހި ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަތުން ހޯދަން ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަންގައި މިއަދު 
އެދިއްޖެ އެވެ. ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ބުނީ އެ އަދަދު ހިސާބުކޮށްފައިވަނީ އެއާޕޯޓު ހިންގައިގެން ލިބޭނެ ކަމަށް 
އަންދާޒާކުރި ފައިދާގެ ތެރެއިން އެގްރިމެންޓް ބާތިލުކުރުމުން ލިބުނު 
ގެއްލުމާއި ސަބްކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ހިމަނައިގެން ކަމަށެވެ.އެ
ނޫސް އެޖެންސީން ބުނީ ޖީއެމްއާރުން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ އެކަމާ
ގުޅުން ހުރި ލިޔެކިޔުންތައް ނުހިމަނާ 75 ސަފުހާ އަށް އަރާ ކަމަށެވެ. އަދި އެ
މައްސަލައިގައި އަންނަ އަހަރުގެ މާޗު މަހުގެ ފަހު ކޮޅު އާބިޓްރޭޝަނުން 
ގޮތެއް ނިންމާނެ ކަމަށް ބެލެވޭ ކަމަށް ވެސް ޕީޓީއައި އިން ބުންޏެވެ.ޖީއެމްއާރު އެގްރިމެންޓް ބާތިލުކުރި މައްސަލައިގައި ދިވެހި ސަރުކާރުން ގާނޫނީ ގޮތުން ދެކޭ ގޮތް އާބިޓްރޭޝަނަށް ހުށަޙަޅާފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އަދި ސަރުކާރުގެ އެ ހުށަހެޅުންތަކަށް ޖީއެމްއާރުން ޖަވާބު ދޭން އޮތީ މިއަދާ ހަމައަށް ހުޅުވާލާފަ އެވެ. ޖީއެމްއާރުން 
މިހާ ބޮޑު އަދަދެއް ހޯދަން އެދިފައިވާއިރު އެންޓި ކޮރްޕްޝަން ކޮމިޝަން 
(އޭސީސީ) އިން މިދިޔަ ހަފުތާގެ ތެރޭގައި ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ 
އެއާޕޯޓު ޖީއެމްއާރަށް ދިނުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ 
ސަރުކާރުން ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާ ކަމަށެވެ. 
ނަމަވެސް، ޖީއެމްއާރުން އާބިޓްރޭޝަނަށް ޖަވާބުދާރީ ވާން ކުޑަތަންވެފައި 
ވަނިކޮށް ނެރުނު ރިޕޯޓުގެ ސަބަބުން އާބިޓްރޭޝަންގައި ކުރިއަށްދާ މައްސަލަ 
އަށް އަސަރު ނުކުރާނެ ކަމަށް  އޭސީސީ އިން ބުނެފައިވެ އެވެ.ޖީއެމްއާރުގެ އެގްރިމެންޓް ބާތިލްކުރީ އޭގެ ސަބަބުން ރާއްޖެ އަށް ވަރަށް ބޮޑު މާލީ ގެއްލުމެއް ލިބޭ ކަމަށް ސަރުކާރުގެ ޚާއްސަ ކޮމިޓީއަކަށް ފެނިގެންނެވެ. އަދި އެއީ ގާނޫނީ ގޮތުން ވެސް ގަބޫލުކުރެވޭނެ އެގްރީމެންޓެއް ނޫން ކަމަށް ސަރުކާރުން ބުނެ އެވެ.
    
    ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ނަގައިދިނުމަށް ޖީއެމްއާރުން އެދެފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ