މަދަދު ލިބޭނެ ކަމަށް ނަޝީދު ވިދާޅުވުމަކީ ރައްޔިތުން މަގުފުރައްދަން ދައްކާ ވާހަކައެއް: ގާސިމް

ރިޔާސީ އިންތިޚާބު ދެ ވަނަ ބުރު އެމްޑީޕީ އަށް ކާމިޔާބުކުރުމަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް މަދަދުވެރިވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަކީ ރައްޔިތުން މަގުފުރެއްދުމަށް އެ މަނިކުފާނު ދައްކަވާ ވާހަކައެއް ކަމަށް ގާސިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމްގެ ރަސްމީ ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އޭނާގެ މަދަދު ލިބޭނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވުމަކީ "އާދައިގެ މަތިން ރައްޔިތުން މަގުފުރެއްދުމަށް" ނަޝީދު ދައްކަވާ ވާހަކައެއް ކަމަށެވެ. Alhugandu ge madhadhu libeyne kamah bunumakee aadhaige mathin rayyithun magu furedhdhumah Kenereegey Nasheed dhakkaa vaahaka eh.— Qasim Ibrahim (@qasimibrahim) September 21, 2013
ގާސިމްގެ ޓުވީޓް
އެމްޑީޕީގެ ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މި މަހު 28 ގައި ބާއްވާ އިންތިޚާބުގެ ދެ ވަނަ ބުރު އެމްޑީޕީ އަށް ވަރަށް ރަނގަޅު ނަތީޖާއަކުން ކާމިޔާބުކުރެވޭނެ ކަމަށާއި ގާސިމަކީ އެ ކާމިޔާބުގެ ސަބަބަކަށް ވާނެ ކަމަށެވެ.
"ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަޅުގަނޑުމެންނަށް މަދަދުވެރިވާނެ. އަޅުގަނޑުމެންނަށް މި އިންތިޚާބު ކާމިޔާބުވުމުގައި އެ ބޭފުޅާއަކީ ވެސް ސަބަބަކަށް ވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ގާސިމާއި ނަޝީދު ވަނީ ގާސިމްގެ އަމިއްލަ ގެކޮޅު، މާފަންނު ވިލާގައި ބައްދަލުކުރައްވައިފަ އެވެ. ގަޑިއެއްހާ އިރަށް ދިގުދެމިގެން ދިޔަ އެ ބައްދަލުވުމުގައި އިންތިޚާބުގެ ދެ ވަނަ ބުރުގައި ނަޝީދަށް ތާއީދުކުރެއްވުމުގެ ވާހަކަތަކެއް ދެއްކެވިންތޯ މީޑިއާ އިން ސުވާލުކުރުމުން ގާސިމް ވިދާޅުވީ "އަދި އެފަދަ ވާހަކަތަކާ ހަމައަށް ނުދާ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ